ކަނޑުމަތީގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުދިކުދި ފިޔަވަޅުތަކެއް އެޅިދާނެއެވެ. މަހަށް ފުރުމަށް، މުދާ އުފުލުމަށް ނުވަތަ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރަން އުޅުނު ކަމުގައިވިޔަސް، ދަތުރު ފެށުމުގެ ކުރިން ދޭ ކުޑަ ސަމާލުކަމަކުން ކަނޑުމަތީގައި ބޮޑު ތަފާތެއް ގެނެސްދޭނެއެވެ.
ކަނޑުމަތީގެ ދިރިއުޅުމަކީ ދިވެހިންގެ ލެޔާ ގުޅިފައިވާ ކަމެއް ނަމަވެސް، ކުއްލިއަކަށް ބަދަލުވާ މޫސުމާއި ކަނޑުގެ ހާލަތުގެ ސަބަބުން މިއީ ނުރައްކާތައްވެސް އެކުލެވޭ ކަމެކެވެ. ރާއްޖޭގެ މަސްވެރިންނާއި ކަނޑުދަތުރުކުރާ ފަރާތްތަކަށް ގަދަ ވަޔާއި، ތޫފާންތަކާއި، ކަނޑުގަދަވުން އަދި އާދަޔާޚިލާފަށް ހޫނުގަދަވުން ފަދަ ނުރައްކާތަކާ ގިނައިން ކުރިމަތިލާންޖެހެއެވެ. މިއީ ފުރާނައަށާއި މުދަލަށް އޮތް ބޮޑު ނުރައްކަލެކެވެ.
ރައްކާތެރިކަން ފެށެނީ ހޭލުންތެރިކަމުން
ކުރީބައިގައި ޕްލޭންކޮށް، ސަމާލުވެ ތިބެ، އަދި އަވަހަށް ފިޔަވަޅު އެޅުމުން ކަނޑުމަތީގެ ދަތުރުތައް މާ ބޮޑަށްވެސް އަމާންވާނެއެވެ.
މަސްވެރިންނާއި ކަނޑުދަތުރުކުރާ ފަރާތްތަކަށް ޚާއްޞަ އިރުޝާދު

ރާއްޖޭގައި އެންމެ އާންމުކޮށް ދިމާވާ މޫސުމީ ނުރައްކާތަކަކީ:
ގަދަ ވަޔާއި ކަނޑުގަދަވުން
ތޫފާންތައް ނުވަތަ ކޮޅިގަނޑުތައް
އާދަޔާޚިލާފަށް ހޫނުގަދަވުން

ތިބާއަކީ މަސްވެރިއެއް ނުވަތަ ފަޅުވެރިއެއްނަމަ ކޮންމެހެން ކުރަންޖެހޭ ކަންކަން:
ކަނޑުމައްޗަށް ނުކުތުމުގެ ކުރިން މޫސުމީ މަޢުލޫމާތާއި ފޯކާސްޓް ބެލުން.
މުވާސަލާތީ ހުރިހާ އާލާތްތަކަކާއި ކުއްލި ހާލަތުގައި ބޭނުންކުރާ ސަލާމަތީ އާލާތްތައް ފުރިހަމައަށް މަސައްކަތްކުރޭތޯ އަބަދުވެސް ޔަޤީންކުރުން.
ކަނޑުމަތީގައި އުޅޭއިރުވެސް މެދުކެނޑުމެއްނެތި މޫސުން ބަދަލުވާ ގޮތް ބަލަމުން ގެންދިއުން.
އުޅަނދުގައި ތިބޭ އެންމެންނަށްވެސް އިމަރޖެންސީ ނަންބަރުތައް އެނގޭނެ ގޮތް ހެދުން.
ކަމާބެހޭ ފަރާތްތަކުންދޭ އިންޒާރުތަކަށް ފުރިހަމައަށް ބޯލެނބުން.


