ދިވެހިންގެ ދުވަހީ ދިރިއުޅުން ބިނާވެފައިވަނީ ކަނޑުތަކުގެ މައްޗަށެވެ. މަހަށް ދިޔަސް، މުދާ އުފުލިޔަސް، ނުވަތަ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރިޔަސް، ދަތުރު ފެށުމުގެ ކުރިން ދޭ ސަމާލުކަމަކުން ފުރާނަ ސަލާމަތްކޮށްދެއެވެ.
ކަނޑުމަތީގައި ގިނަ ވަގުތު ހޭދަކުރާއިރު، ބަދަލުވަމުންދާ މޫސުމަކީ އަބަދުވެސް އޮންނަ ބޮޑު ނުރައްކަލެކެވެ. ކުއްލިއަކަށް ތޫފާންތައް އުފެދި، ވައިގަދަވެ، ހެނދުނު މަޑުކޮށް އޮންނަ ކަނޑު ހަވީރުވާއިރަށް ގަދަވެދާނެއެވެ. އެކަމަކު މިއީ ކަނޑުދެކެ ބިރުގަންނަންވީ ސަބަބެއް ނޫނެވެ. މިއީ ކަނޑަށް އިޙްތިރާމްކޮށް، ފަރުވާތެރިވާންވީ ސަބަބެވެ. ސަލާމަތުން އެނބުރި ރަށަށް އަންނަ އުޅަނދުތަކާއި ފަޅުވެރިންނަކީ ނުރައްކާތަކާ ކުރިމަތިނުވާ މީހުންނެއް ނޫނެވެ. އެއީ ނުރައްކާތަކަށް ފާރަވެރިވެ، ކުރީބައިގައި ތައްޔާރުވެ، އަދި ހާދިސާއެއް ދިމާވާ ވަގުތު އަމަލުކުރާނެ ގޮތް އެނގޭ މީހުންނެވެ.
ކަނޑުމަތީގައި ދިމާވާ އާންމު ނުރައްކާތައް
ރާއްޖޭގައި ކަނޑުދަތުރުކުރާއިރު މައިގަނޑު ތިން ނުރައްކަލަކާ ކުރިމަތިލާންޖެހެއެވެ:
ގަދަ ވަޔާއި ކަނޑުގަދަވުން
މިއީ އެންމެ އާންމު، އަދި އެންމެ ގިނައިން ހާދިސާތައް ހިނގަން މެދުވެރިވާ ސަބަބެވެ. ވައިގެ ސަބަބުން އަވަހަށް ރާޅު އުފެދި، ކުދި އުޅަނދުތަކުގެ ބެލެންސް ގެއްލި، ކުރު ދަތުރުތައް ދިގުލައިގެންދެއެވެ.
ތޫފާންތަކާއި ކޮޅިގަނޑުތައް
ކުއްލިއަކަށް ބޯކޮށް ވާރޭވެހި، ވިދާ ގުގުރައި، އަދި ވައިގަދަވުމުގެ ސަބަބުން ދުރު ފެންނަ މިންވަރު ދަށްވެއެވެ. މިއީ ވަރަށް އަވަހަށް އުފެދިގެން އަންނަ ނުރައްކަލެކެވެ.
އާދަޔާޚިލާފަށް ހޫނުގަދަވުން
ގިނަ ފަހަރަށް މިއީ މީހުން މާބޮޑަށް ސަމާލުކަން ނުދޭ ކަމެކެވެ. ދަގަނޑު އުޅަނދުތަކުގައި ނުވަތަ ހިޔާ ނުކޮށް ހުންނަ ކުދި ދޯނިފަހަރުގައި ގިނައިރު އަވީގައި އުޅުމުން ހަށިގަނޑުން ފެންމަދުވެ، ހީޓްސްޓްރޯކް ޖެހި، ވަރުބަލިވެއެވެ. ފަޅުވެރިން ވަރުބަލިވުމުން ހެދޭ ގޯސްތައް ގިނަވާނެއެވެ.
މަސްވެރިންނާއި ފަޅުވެރިންނަށް ޚާއްޞަ
ތިބާއަކީ ކެޕްޓަނެއް ނުވަތަ ފަޅުވެރިއެއްނަމަ، ތިބާގެ ޒިންމާއަކީ ހަމައެކަނި އަމިއްލަ ސަލާމަތެއް ނޫނެވެ. އުޅަނދުގައި ތިބި އެންމެންނާއި އުޅަނދުގެ ސަލާމަތްތެރިކަންވެސް އޮތީ ތިބާގެ އަތްމަތީގައެވެ.
ދަތުރަށް ފެށުމުގެ ކުރިން މޫސުން ބެލުން:
އާދަވެގެން ކުރާ ދަތުރެއް ނަމަވެސް، މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) ގެ ފޯކާސްޓް އަބަދުވެސް ބަލާށެވެ. ރީނދޫ ނުވަތަ ރަތް ސަމާލު ނެރެފައިވާނަމަ ދަތުރު ފަސްކޮށްލާށެވެ.
ދަތުރުމަތީގައިވެސް މޫސުން ބެލުން
ފުރަން އުޅުނުއިރު އޮތް މޫސުން ދަތުރުމަތީގައި ކުއްލިއަކަށް ބަދަލުވެދާނެއެވެ. ސިގްނަލް ލިބޭނަމަ މޫސުމުގެ އެންމެ ފަހުގެ މަޢުލޫމާތު ހޯދަމުން ގެންދާށެވެ.ސަލާމަތީ އާލާތްތައް ޗެކްކުރުން:
ކަމާބެހޭ ފަރާތްތަކުގެ އިންޒާރުތަކަށް ބޯލެނބުން
މެޓް އޮފީހުން، ކޯސްޓްގާޑުން، ނުވަތަ އެން.ޑީ.އެމް.އޭ އިން އިންޒާރެއް ނެރެފިނަމަ އެކަން ސީރިއަސްކޮށް ނަގާށެވެ. އެ އިންޒާރުތައް ނެރެނީ ޙަޤީޤީ ނުރައްކަލެއް އޮތީމައެވެ. ދަތުރު ލަސްކޮށްލައިގެން ގެއްލޭނީ ވަގުތުކޮޅެކެވެ. އެކަމަކު އިންޒާރަށް ބީރުކަންފަތެއް ދީފިނަމަ ދައްކަންޖެހޭ އަގު މާ ބޮޑުވެދާނެއެވެ.
ސަލާމަތީ އާލާތްތައް ޗެކްކުރުން:
ވީ.އެޗް.އެފް (VHF) ރޭޑިއޯ މަސައްކަތްކުރޭތޯއާއި، ޗާޖުހުރިތޯ ބަލައި، ފުރަން ނައްޓާލުމުގެ ކުރިން ޗެނަލް 16 އަށް ޓިއުންކުރާށެވެ.
އުޅަނދުގައި ތިބި އެންމެންނަށް ހެޔޮވަރު ސައިޒުގެ ލައިފްޖެކެޓް ހުރިކަމާއި، އެ ފަސޭހައިން އަތުޖެހޭނެހެން ހުރިތޯ ޔަޤީންކުރާށެވެ.
ނަގިއްޔާއި، ލައިޓުތަކާއި، އިންޖީނު ރަނގަޅަށް މަސައްކަތްކުރޭތޯ ބަލާށެވެ.
ފަސްޓް އެއިޑް ކިޓްގައި ބޭނުންވާ ތަކެތި ހަމައަށް ހުރިތޯ ޗެކްކުރާށެވެ. (ޓެސްޓު ނުކުރާ ރޭޑިއޯއަކީ ނުވަތަ އާލާތަކީ، ބޭނުންޖެހޭ ވަގުތު އިތުބާރުކުރެވޭނެ އެއްޗެއް ނޫނެވެ).
ދަތުރުވެރިންނަށް ޚާއްޞަ (ފަސިންޖަރުން)
ތިބާއަކީ ފަޅުވެރިއަކަށް ނުވިޔަސް، ދަތުރުވެރިއެއްގެ ހައިސިއްޔަތުން ރައްކާތެރިކަމަށްޓަކައި ކުރެވިދާނެ މުހިންމު ކަންތައްތަކެއް ހުރެއެވެ. ކެޕްޓަނަށް އެކަނި ބަރޯސާވެ ނުތިބޭށެވެ.
ދަތުރު ރޭވުމުގެ ކުރިން ވިސްނާލުން
މޫސުމީ ފޯކާސްޓް ބަލާށެވެ. މޫސުން ގޯސްވާނެކަމަށް ލަފާކުރާނަމަ ދަތުރު ފަސްކޮށްލާށެވެ. ގިނަ ދަތުރުތަކަކީ ފަސްކުރެވިދާނެ ދަތުރުތަކެވެ. އެކަމަކު ހިނގާ ހިތާމަވެރި ހާދިސާއެއް އަނބުރާ އިއާދައެއް ނުކުރެވޭނެއެވެ.
Card Title
Add your card content here. This text will be displayed in the card body and can span multiple lines.
އުޅަނދަށް އެރުމަށްފަހު ސަމާލުވާންވީ ކަންކަން:
ހުއްދަތައް ފުރިހަމައަށް އޮންނަ، އިތުބާރު ހުރި އުޅަނދުތައް ޚިޔާރުކުރާށެވެ.
ކަނޑުގަދަވަންދެން މަޑުނުކޮށް، އުޅަނދަށް އެރުމާއެކު ލައިފްޖެކެޓް އަޅާށެވެ.
ކުޑަކުދިންނަށް އަޅުވަންވާނީ އެކުދިންނާ ގުޅޭ ސައިޒުގެ (ކުޑަކުދިންގެ) ލައިފްޖެކެޓެވެ. ބޮޑެތި މީހުންގެ ޖެކެޓް ކުޑަކުދިންނަށް އެޅުވުމަކީ ނުރައްކާތެރި ކަމެކެވެ.
އުޅަނދަށް މާގިނައިން މީހުން ނުވަތަ މުދާ އަރުވާފައިވާނަމަ، ނުވަތަ ފަޅުވެރިންގެ ފުށުން ފަރުވާކުޑަކަމެއް ފެންނަނަމަ އެ އުޅަނދަކަށް ނާރާށެވެ. އަބަދުވެސް އަމިއްލަ ސަލާމަތް އިސްކުރާށެވެ.
ފޯނު ޗާޖުކޮށްފައި ބާއްވާށެވެ. ކުއްލި ހާލަތެއްގައި ގުޅުމަށާއި، ލޮކޭޝަން ހިއްސާކުރުމަށް އަދި އަލިކުރަން (ޓޯޗު) ވެސް ފޯނު ބޭނުންވާނެއެވެ.
މުހިންމު ނަންބަރުތައް — ފޯނުގައި ސޭވްކޮށްލައްވާ
މި ނަންބަރުތައް ފޯނުގައި ސޭވްކޮށް، އުޅަނދުގައި ފެންނަން ހުންނާނެހެން ލިޔެފައި ބަހައްޓާށެވެ. އަދި އާއިލާގެ އެންމެންނަށްވެސް އަންގާފައި ބާއްވާށެވެ.
191
އެމް.އެން.ޑީ.އެފް ކޯސްޓްގާޑު
3317171
މޫސުމާބެހޭ ޤައުމީ އިދާރާ (24 ގަޑިއިރު)
115
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ
ކަނޑުމަތީގައި ކިތަންމެ ގިނަ ދުވަހެއްގެ ތަޖުރިބާ ހުރި މީހަކަށް ވިޔަސް، ކަނޑަކީ ފަރުވާކުޑަކޮށްލަން ހެޔޮވާވަރުގެ ތަނެއް ނޫނެވެ. މޫސުމަށް ބަލާލުމާއި، ރޭޑިއޯ ޗެކްކުރުމާއި، އަދި ލައިފްޖެކެޓް އެޅުން ފަދަ ކުދިކުދި އާދަތަކަކީ، ކޮންމެ ދަތުރެއް ނިންމާފައި ސަލާމަތުން ގެއަށް އައުމަށް މަގުފަހިކޮށްދޭނެ ކަންކަމެވެ.