ކުއްލި ހާލަތްތަކާއި ކާރިސާތަކުގެ އަސަރު އެންމެންނަށް ކުރަނީ އެއްވަރަކަށް ނޫނެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިފަދަ ހާލަތްތަކުގައި އިތުރު ގޮންޖެހުންތަކާ ކުރިމަތިލާންޖެހެއެވެ. މިހެން ދިމާވަނީ އެމީހުންގެ ކިބައިގައި ހުންނަ ނުކުޅެދުންތެރިކަމެއްގެ ސަބަބަކުން ނޫނެވެ. ގިނަ ފަހަރަށް މިހެން ދިމާވަނީ ކާރިސާތަކަށް ތައްޔާރުވުމުގައާއި، ޕްލޭންކުރުމުގައި އަދި އުމްރާނީ ވަސީލަތްތައް ފަރުމާކުރުމުގައި އެފަރާތްތަކުގެ ބޭނުންތަކަށް ވިސްނާފައި ނުވާތީއެވެ.
ނަމަވެސް މިއީ އަޅުގަނޑުމެންނަށް ބަދަލުކުރެވިދާނެ ކަމެކެވެ. ރަނގަޅު އެހީތެރިކަމާއި، ފުރިހަމަ ޕްލޭނަކާއެކު އެންމެން ޝާމިލުކޮށްގެން މަސައްކަތްކޮށްފިނަމަ މި ގޮންޖެހުންތަކުން އަރައިގަނެވޭނެއެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ކާރިސާތަކަށް ތައްޔާރުކުރުމަކީ މުޅި މުޖުތަމަޢުގެ އެންމެން ގުޅިގެން އަދާކުރަންޖެހޭ ޒިންމާއެކެވެ.
ކުރީބައިގައި ތައްޔާރުވުން މުހިންމުވަނީ ކީއްވެ؟
ކާރިސާއަކަށް ތައްޔާރުވެ ކުރީބައިގައި ޕްލޭނެއް އޮތުމަކީ އެންމެންނަށްވެސް މުހިންމު ކަމެކެވެ. ނަމަވެސް ނުކުޅެދުންތެރިކަން ހުންނަ މީހަކަށް، މި ޕްލޭން މާ ކުރިން ހަދައި، އެންމެންނަށް ސާފުކޮށްދީ، އަދި އެމީހެއްގެ އަމިއްލަ ހާލަތާ ގުޅޭގޮތަށް ބައްޓަންކުރަން ޖެހެއެވެ. ހަނި ސިޑިތަކާއި، ތަޅުލާފައި ހުންނަ ދޮރުތަކާއި، މުވާސަލާތުކުރުމަށް ހުރި ހުރަސްތައް ދެނެގަނެ ޕްލޭންކުރުމުން، އެންމެ އެހީއަށް ބޭނުންވާ ވަގުތު އެހީތެރިކަން ނުލިބި ދިއުމުގެ ހިރާސް ކުޑަކޮށްދެއެވެ.
ފޮޓޯ: ސަންއެމްވީނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުރެވިދާނެ ކަންކަން
ތިބާއަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްނަމަ، އެންމެ މުހިންމު ކަމަކީ އެކަނިމާއެކަނި ކަންކަން ކުރުމުގެ ބަދަލުގައި އެހެން މީހުންނާ ގުޅިގެން ކުރީބައިގައި ޕްލޭންކުރުމެވެ.
އިތުބާރުކުރެވޭ މީހަކާ ވާހަކަދެއްކުން:
ކުއްލި ހާލަތެއްގައި އެހީތެރިވެދޭނެ އާއިލާ މީހަކާ، އަވަށްޓެރިއަކާ، އެހީތެރިއަކާ ނުވަތަ ރައްޓެއްސަކާ ވާހަކަދައްކާށެވެ. ބޭނުންވެދާނެ އެހީތެރިކަމަކީ ކޮބައިކަން އެމީހުންނަށް އޮޅުންފިލުވައިދޭށެވެ. މީގެ ތެރޭގައި ޕްލޭން ހެދުމަށާއި، ކުއްލި ހާލަތުގައި ތިބާއާ ހަމައަށް އައުމަށާއި، އަދި ހާދިސާއަށްފަހު ބޭނުންވާ ކަންކަން ހަމަޖެއްސުން ހިމެނެއެވެ.
އެހީތެރިވާނެ މީހުން ކަނޑައެޅުން:
ގޭތެރެއިންނާއި ގޭއިން ބޭރުން އެހީތެރިވާނެ މީހުން ކަނޑައަޅާށެވެ. ފުރަތަމަ މީހާއަށް ނުގުޅިއްޖެނަމަ ގުޅާނެ އިތުރު މީހަކު (ބެކަޕް) ހުންނަން ވާނެއެވެ. އެންމެ މީހަކަށް ބަރޯސާވުމުގެ ބަދަލުގައި ކުޑަ ނެޓްވޯކެއް އޮތުން މާ ރައްކާތެރިއެވެ.
ބޭނުންވާނެ ތަކެތި ދެނެގަތުން:
ފުރީލްޗެއަރ ނުވަތަ އަސާ، ކަވާއިދުން ކާ ބޭސް، މުވާސަލާތުކުރާ އާލާތްތައް އަދި ޚާއްޞަ ކާބޯތަކެތި ފަދަ ދުވަހުން ދުވަހަށް ބޭނުންވާ ކަންކަން އިމަރޖެންސީ ޕްލޭންގައި ހިމަނަންވާނެއެވެ.
ރައްކާތެރި މަގުތައް ދެނެގަތުން:
ގެއިން، ވަޒީފާ އަދާކުރާ ތަނުން، ނުވަތަ އާންމުކޮށް ގޮސް އުޅޭ ތަންތަނުން އެންމެ ރައްކާތެރިކަމާއެކު ނުކުމެވޭނެ މަގުތައް ހޯދާށެވެ. އެހީތެރިއަކު ބޭނުންވާނަމަ އެކަންވެސް ޕްލޭންކުރާށެވެ.
މުހިންމު ތަކެތި އެއްތަނެއްގައި ބެހެއްޓުން:
ބޭހާއި، ޑޮކްޓަރުގެ ލިޔުންތަކާއި، މުހިންމު ލިޔެކިޔުންތަކުގެ ކޮޕީ، އަދި ގުޅަންޖެހޭ ނަންބަރުތައް ފަސޭހައިން އަތުޖެހޭ ތަނެއްގައި ބަހައްޓާށެވެ.
އާއިލާއާއި، އެހީތެރިންނާއި، އަދި މުޖުތަމަޢަށް ކުރެވިދާނެ ކަންކަން
ތިބާއަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްގެ އާއިލާ މީހެއް، އެހީތެރިއެއް ނުވަތަ އަވަށްޓެރިއެއްނަމަ، ރައްކާތެރިކަމަށް ތައްޔާރުވުމުގައި ތިބާގެ ދައުރު ވަރަށް ބޮޑެވެ. އާދައިގެ ކުދިކުދި ކަންކަމުންވެސް ބޮޑު ތަފާތެއް ގެނެސްދެއެވެ:
ޕްލޭންކުރުމުގައި އެމީހުން ބައިވެރިކުރުން: އެމީހުންނާ ނުލައި އެމީހުންގެ ސަލާމަތާމެދު ގޮތް ނުނިންމާށެވެ. އެމީހުން ބޭނުންވަނީ ކޮންކަމެއްތޯއާއި، ކަންބޮޑުވަނީ ކޮންކަމަކާތޯއާއި، އަދި އެކި ހާލަތްތަކުގައި ކަންކަން ވާން ބޭނުންވަނީ ކިހިނެއްތޯ އަހާށެވެ.
އަމަލީ ގޮތުން އެހީތެރިވާން ދަސްކުރުން: ފުރީލްޗެއަރ ފަދަ ތަކެތި ބޭނުންކުރަން އެނގުމާއި، ރަނގަޅަށް މުވާސަލާތުކުރަން އެނގުމާއި، ބޭސް ދޭނެ ގޮތް އެނގުން ނުވަތަ ފަސޭހައިން އުޅެވޭނެ މަގުތައް ދެނެގަތުން މީގެ ތެރޭގައި ހިމެނެއެވެ.
ގަވާއިދުން ހާލުބެލުން: މޫސުން ގޯސްވާ ވަގުތުތަކުގައާއި ކުއްލި ހާލަތްތަކުގައި ޒިޔާރަތްކޮށް، ފޯނުން ގުޅައި ނުވަތަ ވައިބަރ މެސެޖަކުން ނަމަވެސް ހާލުބަލާށެވެ. އެހެން މީހަކު އެމީހުންގެ ހާލު ބަލާނެކަމަށް އަމިއްލައަށް ނުނިންމާށެވެ.
ފަސޭހައިން އުޅެވޭނެ ގޮތްތައް ފަހިކުރުމަށް ބާރުއެޅުން (އެޑްވޮކޭޓްކުރުން): ކުއްލި ހާލަތުގައި އެންމެން ބައްދަލުވާ ތަންތަނަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހައިން ދެވޭ ތަންތަނަށް ހެދުމަށާއި، އިންޒާރުގެ މެސެޖުތައް އެންމެންނަށް ދޭހަވާނެހެން ފޯރުކޮށްދިނުމަށާއި، އަދި ރަށު ފެންވަރުގައި ބާއްވާ ފަރިތަކުރުންތަކުގައި އެމީހުން ބައިވެރިކުރުމަށް ބާރުއަޅާށެވެ.
އެންމެން ޝާމިލުކޮށްގެން ތައްޔާރުވުމަކީ އެންމެންނަށް އޭގެ ފައިދާ ކުރާނެ ކަމެކެވެ. މުޖުތަމަޢުގެ އެންމެ ނާޒުކު ފަރާތްތަކަށް ވިސްނައިގެން ޕްލޭންކުރާ މުޖުތަމަޢަކީ، މުޅި މުޖުތަމަޢުގެ ވިލުންވެރިކަން އެތައް ގުނައަކަށް އިތުރުވެފައިވާ މުޖުތަމަޢެކެވެ.