ރާއްޖޭގައި އެންމެ ގިނައިން ރިޕޯޓުކުރެވެނީ ފެންބޮޑުވުމުގެ ހާދިސާތަކެވެ. ބޯކޮށް ވާރޭވެހުމާއެކު، ފެންހިންދާ ނިޒާމުތައް މަދުވުމާއި، ބިންތިރިވުމާއި، އަދި އިމާރާތްތައް ތޮއްޖެހިފައިވުމުގެ ސަބަބުން، މަދު ގަޑިއިރުކޮޅެއްގެ ބޯ ވާރެއިންވެސް މަގުތަކުގައި ފެންބޮޑުވެ ގެދޮރަށް ގެއްލުންވެއެވެ. 2024 ވަނަ އަހަރު އެކަނިވެސް ރާއްޖޭގެ 1،400 އަށްވުރެ ގިނަ ގޭބިސީއަކަށް ފެންބޮޑުވުމުގެ އަސަރުކޮށްފައިވެއެވެ. މާލެއާއި، ހުޅުމާލެ އަދި އަތޮޅުތެރޭގެ ގިނަ ރަށްރަށުގައި ވިއްސާރަ މޫސުމުގައި މިކަން ތަޖުރިބާކުރެއެވެ. އާންމުކޮށް އެންމެ ބޮޑަށް ފެންބޮޑުވަނީ މެއި އަދި އޮގަސްޓު މަހުގައެވެ. ބައެއް ރަށްރަށަށް އެއްދުވަސް ތެރޭގައި 100 މިލިމީޓަރަށްވުރެ ގިނައިންވެސް ވާރޭވެހެއެވެ.
ބޯ ވާރެޔާއި ފެންބޮޑުވާ ވަގުތުތަކުގައި ގެދޮރާއި އާއިލާ ރައްކާތެރިކުރުމަށް އަމަލީ ގޮތުން ކުރެވިދާނެ ކަންކަން ތިރީގައި އެވަނީއެވެ.
މާލޭގައި ފެންބޮޑުވުން' | ފޮޓޯ: ޕީއެސްއެމް ނިއުސްނުރައްކާތައް ދެނެގަތުން
ފެންބޮޑުވުމަށް ތައްޔާރުވުމުގެ ކުރިން، ތިމާ ދިރިއުޅޭ ސަރަޙައްދާއި ގެއަށް އޮތީ ކޮން ކަހަލަ ނުރައްކާތަކެއްކަން ދެނެގަންނަން ޖެހެއެވެ.
ރަށުގެ މާހައުލު ދެނެގަތުން
ގެ ހުންނަނީ އަޑިކޮށް އޮންނަ ސަރަޙައްދެއްގައިތޯ، ނުވަތަ އާންމުކޮށް ފެންބޮޑުވާ މަގަކާ ކައިރީގައިތޯ ބަލާށެވެ. ގޭގެ ތިރީ ފަންގިފިލާގައި އުޅޭނަމަ މިއީ ތައްޔާރުވުމަށް އެޅޭ އެންމެ ފުރަތަމަ ފިޔަވަޅެވެ.
ފެންހިންދާ ނިޒާމުތަކަށް ސަމާލުވުން
ވަކި ސަރަޙައްދުތަކެއްގައި ފެންބޮޑުވުމަށް މެދުވެރިވާ އެންމެ އާންމު ސަބަބަކީ ކާނުތައް ބެދުމެވެ. ގޭ ކައިރީގައި ހުންނަ ކާނުތައް ސާފުކޮށް ބެހެއްޓުމާއި، ބެދިފައިވާނަމަ ކައުންސިލަށް ނުވަތަ ކަމާބެހޭ ފަރާތަކަށް އެންގުމަކީ މުހިންމު ކަމެކެވެ.
ފުރާޅާއި ފާރު ޗެކްކުރުން
ރެނދުލުމާއި، ލީކުވުމާއި އަދި ފުރާޅުގެ މައްސަލަތައް ބޯ ވާރޭގައި ބޮޑު ތަކުލީފަކަށް ވެއެވެ. ވިއްސާރަ މޫސުން ފެށުމުގެ ކުރިން މިފަދަ ކުދި މައްސަލަތައް ހައްލުކުރާށެވެ.
އަވަށްޓެރިންނާ ވާހަކަދެއްކުން
އެ ސަރަޙައްދެއްގައި ގިނަ ދުވަހު އުޅޭ މީހުންނަށް އެންމެ ފުރަތަމަ ފެންބޮޑުވާ ތަންތަނާއި ފެންގަނޑު ބޮޑުވާ މަގުތައް އެނގޭނެއެވެ. މިއީ ނުރައްކާ ވަޒަންކުރުމަށް ލިބޭނެ ވަރަށް މުހިންމު މަޢުލޫމާތެކެވެ.
މަޢުލޫމާތު ހޯދައިގެން ތިބުން
ބޯކޮށް ވާރޭވެހޭނެކަން ކުރީބައިގައި އެނގުމުން، ފިޔަވަޅު އެޅުމަށް އިތުރު ވަގުތު ލިބެއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާ (އެމް.އެމް.އެސް) ގެ މަޢުލޫމާތު ހޯދުން: މޫސުމީ ސަމާލުތައް ނެރެފައި ހުންނަނީ ކުލަތަކުން ފާހަގަކޮށްފައެވެ. ރީނދޫ، އޮރެންޖް އަދި ރަތް ސަމާލުތަކަށް ޚާއްޞަ ސަމާލުކަމެއް ދޭށެވެ.
ސޯޝަލް މީޑިއާ ބޭނުންކުރުން: އެމް.އެމް.އެސް އަދި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ) ގެ ފޭސްބުކް، އެކްސް އަދި ވައިބަރ ކޮމިއުނިޓީތަކުން އެންމެ އަވަހަށް އިންޒާރުތައް ލިބޭނެއެވެ.
ރަށު ކައުންސިލްގެ އެންގުންތައް ބެލުން: ޤައުމީ ސަމާލުތަކުގައި ނުހިމެނޭ، ރަށާ ގުޅޭ ޚާއްޞަ އިރުޝާދުތައް ކައުންސިލުން ނެރެދާނެއެވެ.
އެކި ވަސީލަތްތަކަށް ބަރޯސާވުން: ފޯނުން ޗާޖު ހުސްވުމާއި، އެޕްތައް މަސައްކަތް ނުކުރުން ނުވަތަ ގްރޫޕް ޗެޓްތައް މިއުޓްކޮށްފައި އޮތުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ގިނަ ވަސީލަތްތަކުން މަޢުލޫމާތު ހޯދުމަކީ މުހިންމު އިންޒާރެއް އަތުން ދޫނުވާނެކަން ކަށަވަރުކޮށްދޭނެ ކަމެކެވެ.
ހުޝިޔާރު ކެމްޕޭން - އުދައެރުމުން ރައްކާތެރިވުމުގެ ފިޔަވަޅުތައް
ރައްކާތެރި ހިސާބުތަކަށް ދިއުމަށް ޕްލޭންކުރުން
ރާއްޖޭގައި ހިނގާ ގިނަ ފެންބޮޑުވުމުގެ ހާދިސާތަކުގައި ގެދޮރު ދޫކޮށް ދާކަށް ނުޖެހެއެވެ. ނަމަވެސް ގެއަށް ލިބޭ ގެއްލުމެއްގެ ސަބަބުން އެތަނުގައި ތިބުން ރައްކާތެރި ނޫން ހާލަތަކަށް ކުރީބައިގައި ޕްލޭނެއް އޮތުމަކީ ވަގުތު ސަލާމަތްވެ، ހާސްކަން ކުޑަކޮށްދޭނެ ކަމެކެވެ.
ދާނެ ތަނެއް ކަނޑައެޅުން
އުސްކޮށް ހުންނަ ތިމާގެ މީހެއްގެ ގެއެއް، ކަނޑައެޅިފައިވާ ވަގުތީ ހިޔާއެއް ނުވަތަ އަވަށްޓެރިއެއްގެ ގޭގެ މަތީ ފަންގިފިލާއަށް ދިއުމަށް ކުރީބައިގައި އެއްބަސްވެވިފައި އޮންނަން ވާނެއެވެ.
ދާނެ މަގު ކަނޑައެޅުން
މަގުތަކުގައި ފެންބޮޑުވެ އުޅަނދުފަހަރު ބޭނުން ނުކުރެވިދާނެއެވެ. އާދައިގެ ދުވަހެއްގައި އެ މަގުން ހިނގާލައި، ކަންކަން ހުންނަ ގޮތް އަންދާޒާކޮށްލާށެވެ.
ޒިންމާތައް ބަހާލުން
ކުޑަކުދިން އުފުލާނީ ކާކުތޯ، އުމުރުން ދުވަސްވީ މީހުންނަށް އެހީތެރިވާނީ ކާކުތޯ، އަދި ބޭހާއި މުހިންމު ލިޔެކިޔުންތަކާއި އިމަރޖެންސީ ކިޓް ގެންދާނީ ކާކުތޯ ކަނޑައަޅާށެވެ.
ބައްދަލުވާނެ ތަނެއް ކަނޑައެޅުން
ފެންބޮޑުވާއިރު އާއިލާގެ މީހުން ތިބީ އެކި ތަންތަނުގައި ނަމަ، އެންމެންނަށް އެނގޭ އަދި ފަސޭހައިން ހިނގާފައި ދެވޭނެ ތަނެއް ކަނޑައަޅާށެވެ.
މުދާ ރައްކާތެރިކުރުން
ފެންބޮޑުވުމުގެ ސަބަބުން މަދު މިނެޓްކޮޅެއްގެ ތެރޭގައި އެތައް އަހަރެއްގެ މަސައްކަތް ހަލާކުވެދާނެއެވެ. އާދައިގެ ކުދި ފިޔަވަޅުތަކަކުން މުހިންމު ތަކެތި ސަލާމަތްކުރެވިދާނެއެވެ.
އަގުހުރި ތަކެއްޗާއި ކަރަންޓު ސާމާނު އުސްތަންތަނަށް ބަދަލުކުރުން: ތަޅުންގަނޑުމަތީގައި ނުވަތަ ތިރީ ކަބަޑުތަކުގައި ހުންނަ ތަކެއްޗަށް ގެއްލުންވުމުގެ ފުރުޞަތު ބޮޑެވެ. ގޮދަޑި، ކޮމްޕިއުޓަރު، މުހިންމު ލިޔެކިޔުން އަދި ކަރަންޓު ސާމާނު ތަޅުންގަނޑުން މައްޗަށް ނަގާށެވެ.
މުހިންމު ލިޔެކިޔުންތައް ރައްކާތެރިކުރުން: އައިޑީ ކާޑު، ޕާސްޕޯޓު، ގޯތީގެ ރަޖިސްޓަރީ، އިންޝުއަރެންސް ލިޔުންތައް އަދި މެޑިކަލް ރެކޯޑުތައް ފެން ނުވަންނަ ކޮތަޅެއް ނުވަތަ ފޮށްޓެއްގައި އުސްތަނެއްގައި ބަހައްޓާށެވެ. އޮންލައިންކޮށް ޑިޖިޓަލް ކޮޕީ ރައްކާކުރުމަކީ އެންމެ ރަނގަޅު ގޮތެވެ.
ކާބޯތަކެއްޗާއި ބޯފެން ރައްކާތެރިކުރުން: ފެންބޮޑުވާ ފެނުގެ ސަބަބުން ކާބޯތަކެތި ތަޣައްޔަރުވެދާނެއެވެ. ބޯފެނާއި ކާބޯތަކެތި ފެން ނުވަންނާނެހެން ބަންދުކޮށް އުސް ތަންތަނުގައި ބަހައްޓާށެވެ.
ވެލިބަސްތާ ފަދަ ތަކެތި ބޭނުންކުރުން: ގަވާއިދުން ފެންބޮޑުވާ ގޭގެއަށް ފެން ވަނުން މަދުކުރުމަށްޓަކައި ދޮރުމަތީގައާއި ފެން ވަންނަ ދިމާލުގައި ވެލިބަސްތާ ފަދަ ތަކެތި ޖެހިދާނެއެވެ.
ކަރަންޓު މެއިން ބޯޑު ހުންނަ ތަން ދެނެގަތުން: ގޭތެރެއަށް ފެން ވަންނަނަމަ، ކަރަންޓު ޝޮކެއް ޖެހުމުން ނުވަތަ އަލިފާނުގެ ހާދިސާއަކުން ސަލާމަތްވުމަށް ކަރަންޓު މެއިން ސްވިޗް ނިއްވާލަން ޖެހިދާނެއެވެ.
ކުރިއަށްވުރެ ރަގަޅަށް ވަރުގަދަކޮށް ބިނާކުރުން
ކުރިން ފެންވަދެފައިވާ ގެއެއްނަމަ، ނުވަތަ އައު އިމާރާތެއް ނުވަތަ މަރާމާތެއް ކުރާނަމަ، މުސްތަޤުބަލުގައި ލިބިދާނެ ގެއްލުން ކުޑަކުރުމަށް ފިޔަވަޅުތައް އެޅިދާނެއެވެ.
ފެންބޮޑުވާ ސަރަޙައްދުތަކުގައި، ޚާއްޞަކޮށް ތިރީ ފަންގިފިލާގެ ތަޅުންގަނޑު ވެވެން އޮތް ވަރަކުން އުސްކުރާށެވެ.
ތިރީ ފާރުތަކާއި ތަޅުންގަނޑުގައި ފެނުގެ އަސަރު ކުޑަކުރާ (ފްލަޑް-ރެސިސްޓަންޓް) ތަކެތި ބޭނުންކުރާށެވެ. މުށި، ސިމެންތި އަދި ޓްރީޓްކޮށްފައިވާ ތަކެތި، ލަކުޑި ނުވަތަ ކާޕެޓަށްވުރެ މާ ރަނގަޅުވާނެއެވެ.
ގޭގެ ވަށައިގެން ފެންހިންދާ ނިޒާމު ރަނގަޅުކުރާށެވެ. ފެން ދައުރުވާނެ ކާނުތައް ހެދުމުން ގޭގެ ބިންގާއަށް ފެން ވަނުމުގެ ބަދަލުގައި ފެން ބޭރުވެގެންދާނެއެވެ.
ކުރިން ފެންބޮޑުވެފައިވާ ކޮޓަރިތަކުގައި ކަރަންޓު ސޮކެޓްތައް އުސްކޮށް ހަރުކުރާށެވެ.
ފުރާޅާއި ދިޔަދޮވި ނިޒާމު ރަނގަޅުކުރުމަށް އިންވެސްޓްކުރާށެވެ. ބޯ ވާރޭއަށް ކެތްކުރާ ފުރާޅެއްގެ ސަބަބުން، ތިރީ ފަންގިފިލާއަށް ފެން ފޭބުމުގެ ކުރިން ގިނަ މައްސަލަތައް ހައްލުވެއެވެ.
މި ހުރިހާ ކަމެއް އެއްފަހަރާ ކުރާކަށް ނުޖެހެއެވެ. މަޑުމަޑުން ގެނެވޭ ކުދި ބަދަލުތަކުންވެސް ކުރިމަގުގައި ފެންބޮޑުވާއިރު ބޮޑު ތަފާތެއް ފެންނާނެއެވެ.
މަޑަވެލީގައި ކަނޑު ދުޅަވުމުގެ ސަބަބުން ފެންބޮޑުވުން | ފޮޓޯ: ދަ ޓައިމްސް އޮފް އައްޑޫފެންބޮޑުވާ ވަގުތުގައާއި އޭގެ ފަހުން އަމަލުކުރާނެ ގޮތް
ފެންބޮޑުވަމުންދާ ވަގުތު ނުވަތަ ފެންބޮޑުވުމަށްފަހު، އެންމެ އިސްކަމެއް ދޭންވާނީ ސަލާމަތާއި ރައްކާތެރިކަމަށެވެ.
ފެންބޮޑުވާ ވަގުތު
ގޭތެރެ ރައްކާތެރިނަމަ ގޭގައި މަޑުކުރާށެވެ. ގިނަ މީހުންނަށް އަނިޔާވަނީ ބޭނުމެއް ނެތި ބޭރަށް ނުކުމެ އުޅުމުގެ ތެރޭގައެވެ.
ފެންގަނޑުގެ ތެރެއަށް ނުވަންނާށެވެ. ތިލަކޮށް އޮންނަ ފެންގަނޑެއްގެ އަޑީގައިވެސް ކުނިބުނި، ހުޅުވިފައިވާ ކާނު ނުވަތަ ކަރަންޓުގެ ނުރައްކަލެއް ފޮރުވިފައި އޮވެދާނެއެވެ. އަދި ފެންގަނޑަކީ ނަޖިހާއި ތެލާއި ކެމިކަލް އެކުލެވިފައިވާ އެއްޗަކަށް ވެދާނެއެވެ.
ފެންގަނޑުގެ ތެރޭގައި އުޅަނދުފަހަރު ދުއްވުމުން ދުރުހެލިވާށެވެ. 15 ސެންޓިމީޓަރުގެ ފެންގަނޑެއްގައިވެސް މީހަކު ވެއްޓިދާނެއެވެ. އަދި ތިލަ ފެންގަނޑެއްގައިވެސް ސައިކަލާއި ކާރުގެ އިންޖީނު ހުއްޓިދާނެއެވެ.
ގޭތެރެއަށް ފެން ވަންނަނަމަ ކަރަންޓު މެއިން ސްވިޗް ނިއްވާލާށެވެ.
ގުޅުން ބާއްވާށެވެ. ފޯނު ޗާޖުކޮށްފައި ބޭއްވުމާއެކު، އެންމެ ފަހުގެ މަޢުލޫމާތުތައް ބަލައި، ތިމާ ހުރީ ރައްކާތެރިކޮށްކަން އާއިލާއަށް އަންގާށެވެ.
ފެންބޮޑުވުމަށްފަހު
ބޮޑަށް ފެންވަދެފައިވާ ގެއަކަށް އަނބުރާ ދިއުމުގެ ކުރިން ކަމާބެހޭ ފަރާތްތަކުގެ އިރުޝާދަކަށް މަޑުކުރާށެވެ. ފާރުތަކާއި ކަރަންޓު ވަޔަރުތަކަކީ ރައްކާތެރި އެއްޗަކަށް ނުވެދާނެއެވެ.
ފަރުވާތެރިކަމާއެކު ސާފުކުރާށެވެ. ގޭތެރެއިން ފެން ހިންދައި ސާފުކުރާއިރު އަންގިއާއި ބޫޓު އަދި މާސްކް ބޭނުންކުރާށެވެ. ފެންގަނޑުގައި ހުންނަ ޖަރާސީމާއި ނަޖިހުގެ ސަބަބުން ބަލިވެދާނެއެވެ.
ބޯފެން ޗެކްކުރާށެވެ. ފެންގަނޑު ވަދެ ތަޣައްޔަރުވެފައިވާ ވަޅަކުން ނުވަތަ ތާނގީއަކުން، އެ ރަނގަޅަށް ސާފުކޮށް ޓެސްޓުކުރުމުގެ ކުރިން ފެން ނުބޯށެވެ.
ތަޣައްޔަރުވެފައިވާ ކާބޯތަކެތި އުކާލާށެވެ. ފެނުގެ އަސަރުކޮށްފައިވާ ކޮންމެ ކާބޯއެއްޗެއް، ބަންދުކޮށްފައި ހުރި އެއްޗެއް ނަމަވެސް، އުކާލަން ވާނެއެވެ.
ފަންގަސް (މޯލްޑް) އަށް ސަމާލުވާށެވެ. ތެތްކޮށް ހުންނަ ފާރުތަކާއި ފަރުނީޗަރު ރަނގަޅަށް ހިއްކަން ވާނެއެވެ. ފަންގަސް ޖެހުމަކީ ދިގު މުއްދަތުގެ ޞިއްޙީ މައްސަލަތަކަށް މަގުފަހިކުރުވާ ކަމެކެވެ.
އެން.ޑީ.އެމް.އޭގެ އެސެސްމަންޓް ޕްރޮސެސްގައި ހިމެނުމަށްޓަކައި ލިބުނު ގެއްލުންތައް ރަށު ކައުންސިލަށް ރިޕޯޓުކުރާށެވެ. މިއީ އެހީތެރިކަން ހޯދުމަށް މުހިންމު ކަމެކެވެ.