ކޮންމެ ޢާއިލާއަކަށް ރޭވުމެއް ބޭނުންވަނީ ކީއްވެ؟
ކާރިސާތަކަކީ އެއްވެސް އިންޒާރެއް ނެތި ކުއްލިއަކަށް ދިމާވާ ކަންކަމެވެ. މިފަދަ ކާރިސާއެއް ދިމާވާއިރު، ޢާއިލާގެ މެންބަރުން ތިބެދާނީ އެކި ތަންތަނުގައި އެކަކު އަނެކަކާ ދުރުގައެވެ. ޢާއިލީ ރޭވުމެއް ހުރުމުން، ކާރިސާއެއް ދިމާވެއްޖެނަމަ ކޮންމެ މެންބަރަކުވެސް އިޖާބުދޭނެ ގޮތާއި، އެކަކު އަނެކަކާ ގުޅައިގަންނާނެ ގޮތާއި، އަދި އަލުން އެއްތަންވާނެ ގޮތް އެނގޭނެއެވެ. މިއީ ހާސްކަން ކުޑަކޮށް، ޚާއްސަކޮށް ކުޑަކުދިންނަށް އަމާންކަން ގެނެސްދޭނެ ކަމެކެވެ. މިގޮތުން ޢާއިލާގެ ވިލުން އިތުރުވެގެންދާނެއެވެ.
ޢާއިލީ ކުއްލި ހާލަތުގެ ރޭވުން(ޕްލޭން)ތައް ހަދާނެ ފަސް ފިޔަވަޅު
1. ތިމާމެންނަށް ދިމާވެދާނެ އަރައްކާތައް ދެނެގަންނާށެވެ.
ތިބާ ދިރިއުޅޭ ސަރަޙައްދަށް ދިމާވެދާނެ ކުއްލި ހާލަތްތަކާ ބެހޭގޮތުން ރަނގަޅަށް ދެނެގަންނަން ޖެހެއެވެ. މިފަދަ ހާލަތްތަކުގެ ތެރޭގައި ފެންބޮޑުވުން، ބޯކޮށް ވާރޭވެހުން، ރަށަށް ގަދަ ރާޅު އެރުން އަދި އަލިފާނުގެ ހާދިސާ ފަދަ ކާރިސާތައް ހިމެނެއެވެ. މިފަދަ އަރައްކާތަކާ ބެހޭގޮތުން ޢާއިލާގެ މެންބަރުންނާ އެކުގައި ސާދާ ބަހުރުވައިން ވާހަކަ ދައްކާށެވެ. ޚާއްސަކޮށް ކުޑަކުދިންނަށް ފަހުމުވާނެހެން ކިޔައިދޭށެވެ. Hushiyaaru ވެބްސައިޓުގެ '**އަރައްކާތަކާ ބެހޭގޮތުން ދެނެގަންނާށެވެ**' މި ބައިން ތިމާގެ ރަށަށް ދިމާވެދާނެ ކާރިސީ ހިރާސްތަކާ ބެހޭގޮތުން އިތުރު މަޢުލޫމާތު ހޯދިދާނެއެވެ.
2. މުވާސަލާތީ ރޭވުމެއް ހަދާށެވެ.
ކާރިސާއެއް ދިމާވެއްޖެނަމަ، އެކަކު އަނެކަކާ ގުޅައިގަންނާނެ ގޮތަކާ ބެހޭގޮތުން ރޭވުންތަކެއް ހަދާށެވެ. މިގޮތުން، ތިބާގެ ރަށް ނުވަތަ އަތޮޅުން ބޭރުން ޢާއިލާގެ އެއް ކޮންޓެކްޓު ޕަރސަންއެއް ކަނޑައަޅާށެވެ. ޢާއިލާގެ ކޮންމެ މެންބަރަކަށްވެސް އެ ނަންބަރު އެނގެން ވާނެއެވެ. ކާރިސާގެ ވަގުތުގައި ނެޓްވޯކްތައް ބިޒީވެފައި ހުރުން އެކަށީގެންވާތީ، ގުޅުމުގެ ބަދަލުގައި މެސެޖުކުރުމަށް އިސްކަންދޭށެވެ. މި މުހިންމު ކޮންޓެކްޓު ނަންބަރުތައް ފޯނު، ވޮލެޓު، އަދި ސްކޫލު ދަބަސް ފަދަ އެކި ތަންތަނުގައި ބަހައްޓާށެވެ.
3. އެއްތަންވާނެ ތަންތަން ކަނޑައަޅާށެވެ.
ކާރިސާއެއް ދިމާވެއްޖެނަމަ ޢާއިލާގެ މެންބަރުން އެއްތަންވާނެ ތިން ބާވަތެއްގެ ތަން ކަނޑައަޅާށެވެ.
ގޭތެރޭގައި: ގޭތެރޭގައި އެންމެ ސަލާމަތީ ތަނެއް ކަނޑައަޅާށެވެ. މިތަން ހުންނަންވާނީ ދޮރުތަކާއި ދިގުދޮރުތަކާ ދުރުގައެވެ.
އަވަށް ނުވަތަ ރަށުގެ ތެރޭގައި: ސްކޫލު، މިސްކިތް ނުވަތަ ކޮމިއުނިޓީ ހޯލު ފަދަ އާންމު ތަނެއް ޢާއިލާ އެއްތަންވާނެ ތަނެއްގެ ގޮތުގައި ކަނޑައަޅާށެވެ.
ރަށް ނުވަތަ އަތޮޅުން ބޭރުގައި: ޢާއިލާގެ މެންބަރުން ހިޖުރަކުރަން ޖެހިއްޖެނަމަ އެއްތަންވާނެ ތަނެއްގެ ގޮތުގައި ގާތް ތިމާގެ މީހެއްގެ ގެއެއް ނުވަތަ އެހެން ރަށެއްގައި ހުންނަ ސަލާމަތީ ތަނެއް ކަނޑައަޅާށެވެ. ޢާއިލާގެ ޕެޓްތަކަށް އެކަށޭނެ ސަލާމަތީ ތަންތަން ވެސް މި ރޭވުމުގައި ހިމަނާށެވެ.
4. ޢާއިލީ ކުއްލި ހާލަތުގެ ކިޓެއް ތައްޔާރުކުރާށެވެ.
ކާރިސާއެއްގެ ފަހުން އެތައް ދުވަހަކު ބޭނުންކުރެވޭނެ ތަކެތި ހިމެނޭ ކުއްލި ހާލަތުގެ ކިޓެއް ތައްޔާރުކުރާށެވެ. މި ކިޓުގައި ކާނާ، ބޯފެން، ފަސްޓުއެއިޑް ސާމާނު، ބައްތި، ބެޓެރި އަދި މުހިންމު ލިޔެކިޔުންތައް ހިމަނާށެވެ. Hushiyaaru ވެބްސައިޓުގެ '**ކުއްލި ހާލަތުގެ ކިޓެއް ތައްޔާރުކުރާނެ ގޮތް**' މި ބައިން އިތުރު މައުލޫމާތު ހޯއްދަވާށެވެ. ކުޑަކުދިން ވެސް ކިޓަށް ތަކެތި ހަމަޖެއްސުމުގައި ބައިވެރިކޮށް، ޒިންމާދާރުވުމަށް ދަސްކޮށްދޭށެވެ.
5. ޢާއިލާއާއެކު ރޭވުންތައް ތަމްރީނުކުރާށެވެ.
ޢާއިލާގެ ސަލާމަތާ ބެހޭ ބައްދަލުވުންތައް އަހަރަކު ދެފަހަރު ބާއްވާށެވެ. މި ބައްދަލުވުންތައް ކުޑަކުދިންނަށް މަޖާ އަދި އުފާވެރި ގޮތަކަށް ބަދަލުކުރާށެވެ. މިސާލަކަށް، ކުއްލި ހާލަތުގައި ގުޅާނެ ނަންބަރަށް ގުޅައި ދަސްކުރުން، ސައިރަންތަކާއި ބައްތިތައް ޓެސްޓުކުރުން، އަދި ސަލާމަތީ ތަނަކަށް ދިއުމަށްޓަކައި ތަމްރީނުތައް ހެދުން ފަދަ ކަންކަމުގައި ކުޑަކުދިން ބައިވެރިކުރާށެވެ. މިގޮތުން ތަމްރީނުތައް ކުރުމަކީ ކާރިސާއެއް ދިމާވެއްޖެނަމަ ކުޑަކުދިންގެ އިތުބާރު ބިނާކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.
ކުޑަކުދިންނަށް އެހީތެރިވެ، އިސްކަން ދޭށެވެ.
ކާރިސާއެއްގެ ފަހުން ކުޑަކުދިންނަށް ބިރުގަތުމާއި، ހާސްވުމާއި، ހިތާމަ ކުރުން ފަދަ އިހުސާސްތައް ކުރެވިދާނެއެވެ. މައިންބަފައިންގެ ފަރާތުން ލިބޭ އަމާންކަމާއި، ހިތްވަރަކީ މިފަދަ ހާލަތްތަކުން އަރައިގަނެ، އިޔާދުވުމަށް ވަރަށް ބޮޑު އެހީތެރިކަމެކެވެ. ކުޑަކުދިންނާ އެކުގައި ހުޅުވިފައިވާ ގޮތެއްގައި، އިޚްލާސްތެރިކަމާއެކު ވާހަކަ ދައްކާށެވެ. އެމީހުންގެ ދިރިއުޅުމުގެ އާދައިގެ ކަންކަން ކުރިއަށް ގެންދިއުމަށް ހިތްވަރުދޭށެވެ. ކުރެހުން، ވާހަކަ ކިޔައިދިނުން އަދި ކުޅިވަރު ކުޅުން ފަދަ ކަންކަމަށް ބާރުއަޅާށެވެ. އެމީހުންގެ ހިތްވަރަށް ތަޢުރީފުކޮށް، ބޭނުންވެއްޖެނަމަ ކައުންސިލަރުންގެ އެހީތެރިކަން ހޯދާށެވެ.
ހުރިހާ އެންމެން ބައިވެރިކުރުން
ޢާއިލާގެ ކުއްލި ހާލަތުގެ ރޭވުމުގައި ހުރިހާ މެންބަރުން ވެސް ބައިވެރިކުރާށެވެ. އުމުރުން ދޮށީ ކުދިން ކުޑަކުދިންނަށް އެހީތެރިވާން ހިތްވަރުދޭށެވެ. ކޮންމެ މެންބަރަކަށްވެސް ސާދާ މަސައްކަތްތަކެއް ހަވާލުކުރާށެވެ. މިގޮތުން، ކުޑަކުދިން ސްކޫލުން ދަސްކުރާ ސަލާމަތީ މައުލޫމާތު ޢާއިލާއާ ހިއްސާކުރުމަށް ހިތްވަރުދޭށެވެ. މިކަމުގެ ސަބަބުން ކުޑަކުދިންނަކީ ސަލާމަތީ މައުލޫމާތު ފޯރުކޮށްދޭ އިތުބާރު ހިފޭ ބަޔަކަށް ވެގެންދާނެއެވެ.
ޢާއިލީ ސަލާމަތީ ޗެކްލިސްޓު
އަރައްކާތައް ދެނެގަންނާށެވެ: ތިމާމެންނަށް ދިމާވެދާނެ އަރައްކާތަކާ ބެހޭގޮތުން ޢާއިލާއާ އެކު ވާހަކަ ދައްކާށެވެ.
މުވާސަލާތީ ރޭވުން: އެކަކު އަނެކަކާ ގުޅައިގަންނާނެ ގޮތުގެ ރޭވުމެއް ހަދާށެވެ.
އެއްތަންވާނެ ތަންތަން: ކާރިސާއެއް ދިމާވެއްޖެނަމަ ޢާއިލާ އެއްތަންވާނެ ތަންތަން ކަނޑައަޅާށެވެ.
ކުއްލި ހާލަތުގެ ކިޓު: ބޭނުންވާ ތަކެތި ހިމެނޭ ކިޓެއް ތައްޔާރުކުރާށެވެ.
މުހިންމު ލިޔެކިޔުންތައް: މުހިންމު ލިޔެކިޔުންތައް ރައްކާތެރިކޮށްފައި ބަހައްޓާށެވެ.
ތަމްރީނުތައް: އަހަރަކު ދެފަހަރު ޢާއިލީ ރޭވުންތައް ތަމްރީނުކުރާށެވެ.
މިއީ ރާއްޖޭގެ ކޮންމެ ޢާއިލާއަކަށްވެސް ކުރެވިދާނެ ވަރަށް ސާދާ ކުދިކުދި މަސައްކަތްތަކެކެވެ. ކުރިއަށް ރޭވުންތައް ހަދައި، އެކަކު އަނެކަކަށް އެހީތެރިވެ، އެއްބާރުލުން ދިނުމަކީ ތިމާމެންގެ ލޯބިވާ މީހުން ކާރިސާތަކުން ރައްކާތެރިކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ. މިގޮތުން، ތައްޔާރުކަންގެ ރޫހު އަބަދުވެސް ދަމަހައްޓައި، ޢާއިލީ ވިލުން ވަރުގަދަކުރާށެވެ.