ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ) އިން އިސްނަގައިގެން، މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމް.އާރް.ސީ) އަދި ކުޅުދުއްފުށި ސިޓީ ކައުންސިލާ ގުޅިގެން، ރާއްޖޭގެ އުތުރުގައި ފުރަތަމަ ފަހަރަށް ބޭއްވި 'ނޯތު ރީޖަނަލް ޕްލެޓްފޯމް ފޯރ ޑިޒާސްޓަރ ރިސްކް ރިޑަކްޝަން 2025' ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި މުހިންމު މަހާސިންތާ ކުރިއަށްގެންދިޔައީ 2025 ވަނަ އަހަރުގެ މެއި 19 އިން 20 އަށް ކުޅުދުއްފުށި ސިޓީގައެވެ.
މިއީ ރަށު ފެންވަރުގައި ކާރިސާތަކާ ގުޅޭ ކަންކަން ހިންގުމާއި ބެލެހެއްޓުން ހަރުދަނާކޮށް، ކައުންސިލްތަކާއި ޤައުމީ އިދާރާތަކާ ދެމެދު މަޝްވަރާކުރުމަށް މަގުފަހިކޮށްދިން ވަރަށް މުހިންމު މަންސައެކެވެ. މީގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ އުތުރުގައި ކާރިސާތަކުގެ ހިރާސް ކުޑަކުރުމަށާއި، ކާރިސާތަކަށް ތައްޔާރުވުމަށް ކުރެވޭ މަސައްކަތްތައް ވިލަރެސްކުރުން އިތުރަށް ހަރުދަނާކުރުމެވެ.
މުޖުތަމަޢުތައް ބާރުވެރިކުރުވުން
މި މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެން.ޑީ.އެމް.އޭގެ ޗީފް އެގްޒެކެޓިވް ޙިސާން ޙަސަން ވަނީ، އެންމެން ގުޅިގެން މަސައްކަތްކުރުމާއި، ރަށު ފެންވަރުގައި ޕްލޭންކުރުމާއި، އަދި ޤާބިލުކަން އިތުރުކުރުމުގެ ތެރެއިން ވިލުންވެރި މުޖުތަމަޢުތަކެއް ބިނާކުރުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ފާހަގަކުރައްވާފައެވެ. ކާރިސާތަކުން ރައްކާތެރިވުމަށާއި، އިޖާބަދިނުމަށާއި، އަދި އާންމު ހާލަތަށް ރުޖޫޢަވުމަށް މުޖުތަމަޢުތައް ތައްޔާރުކުރުމަށްޓަކައި، ރަށު ކައުންސިލްތައް ބާރުވެރިކުރުވުމަކީ ކޮންމެހެން މުހިންމު ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
މަޝްވަރާކުރެވުނު މައިގަނޑު ކަންކަން ހއ، ހދ، އަދި ށ އަތޮޅުގެ ކައުންސިލްތަކުގެ މަންދޫބުންނާއި، ރަށްރަށުގެ އިސްވެރިންނާއި، ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ އިދާރާތަކުގެ އިތުރުން ޤައުމީ އަދި ސަރަޙައްދީ މުހިންމު ބައިވެރިން ހިމެނޭހެން 75 އަށްވުރެ ގިނަ ބައިވެރިން މި މަހާސިންތާގައި ބައިވެރިވިއެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ފޯރަމްގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނު ކަންކަމުގެ ތެރޭގައި:
ރަށުގެ ތަރައްޤީގެ ޕްލޭންތަކުގައި ކާރިސާތަކުގެ ހިރާސް ކުޑަކުރުން (DRR) ހިމެނުން.
ކާރިސާތަކުގައި ލިބޭ ގެއްލުން ރިޕޯޓުކުރުމާއި ޑޭޓާ އެއްކުރުމުގެ ނިޒާމު ހަރުދަނާކުރުން.
މުޖުތަމަޢުގެ ފެންވަރުގައި ކާރިސާތަކަށް ތައްޔާރުވުމާއި، ކުރީބައިގައި އިންޒާރުދޭ ނިޒާމުތައް ވަރުގަދަކުރުން.
ފަހަކަށް އައިސް ކާރިސާތަކަށް އިޖާބަދިނުމުގެ އޮޕަރޭޝަންތަކުން ދަސްވެފައިވާ އަމަލީ ފިލާވަޅުތައް ހިއްސާކުރުން.
މި މަޝްވަރާތަކުން، ކާރިސާތައް މެނޭޖްކުރުމުގެ ހަރުދަނާ ސްޓްރެޓެޖީތަކެއް އެކުލަވާލުމުގައި، އެކި ދާއިރާތައް ގުޅިގެން މަސައްކަތްކުރުމާއި މުޖުތަމަޢުގެ ބައިވެރިވުން އޮތުމުގެ މުހިންމުކަން ވަރަށް ބޮޑަށް ފާހަގަވެގެންދިޔައެވެ.
ޤައުމީ ވިލުންވެރިކަމަށް އެންމެން ގުޅިގެން ކުރާ ދަތުރެއް
މި ޕްލެޓްފޯމްގެ ސަބަބުން ސަރުކާރުގެ އިދާރާތަކާއި، ކައުންސިލްތަކާއި، އަދި މުޖުތަމަޢުގެ ޖަމްޢިއްޔާތަކުގެ މެދުގައި ގުޅުން ބަދަހިވެ، އެކަކު އަނެކެއްގެ ކިބައިން އުނގެނުމަށް ފުރުޞަތު ހުޅުވިގެންދިޔައެވެ. ވިލުންވެރިކަން އިތުރުކުރުމަށް ބޭނުންކުރެވިދާނެ އައު ގޮތްތަކާއި، ރަށު ފެންވަރުގައި އިޖާބަދޭނެ ނިޒާމުތަކާއި، އަދި ތައްޔާރުވެ ތިބުމާއި އާންމު ހާލަތަށް ރުޖޫޢަވުމުގައި ބޭނުންކުރެވޭނެ އެންމެ ރަނގަޅު އާދަތައް ބައިވެރިން ވަނީ ހިއްސާކޮށްފައެވެ.
ކާރިސާތަކުގެ ހިރާސް ކުޑަކުރުމުގެ ޤައުމީ ލަނޑުދަނޑިތަކާއި 'ނޭޝަނަލް ރެޒިލިއަންސް ފްރޭމްވަރކް' އާ އެއްގޮތްވާ ގޮތުގެ މަތިން، އެންމެން ޝާމިލުވާ ވިލުންވެރި ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭންތައް އެކުލަވާލައި ތަންފީޒުކުރުމުގައި ކައުންސިލްތަކަށް މެދުކެނޑުމެއްނެތި އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން އެން.ޑީ.އެމް.އޭ އިން ވަނީ ދީފައެވެ.
މި މަހާސިންތާއިން ލިބުނު މަޢުލޫމާތާއި ލަފާތަކުގެ އަލީގައި، ސަރަޙައްދީ ފެންވަރުގައި މަސައްކަތްތައް ވިލަރެސްކުރުމަށް އެން.ޑީ.އެމް.އޭ އިން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރެވި، މުޅި ރާއްޖޭގައި ކާރިސާތަކަށް ތައްޔާރުވެތިބޭ މިންވަރު މަތިކުރެވިގެންދާނެއެވެ. އަމާޒަކީ ޤައުމީ ފެންވަރުގައި ވިލުންވެރިކަން ބިނާކުރުމަށް ކުރެވޭ މަސައްކަތްތަކުގެ މައިގަނޑު ހިއްސާދާރުންގެ ގޮތުގައި ރަށްރަށުގެ މުޖުތަމަޢުތައް ދެމިއޮތުން ކަށަވަރުކުރުމެވެ.
