ރާއްޖޭގައި ކާރިސާތައް ރިޕޯޓުކުރުމާއި، ގެއްލުން ވަޒަންކުރުމާއި އަދި އިޔާދަވުމުގެ ކަންކަން މުޅިން އައު ހަރުފަތަކަށް ގެންދިއުމަށްޓަކައި ޤައުމީ ޑިޖިޓަލް ޕްލެޓްފޯމެއް ކަމަށްވާ 'ޑާލާ' ޕޯޓަލް (DALA Portal) ވަނީ ތަޢާރަފުކޮށްފައެވެ. މިއީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ) އާއި ޔޫ.އެން.ޑީ.ޕީ މޯލްޑިވްސް ގުޅިގެން، ޑެންމާކް، ލަގްޒަމްބާގް އަދި ދެކުނު ކޮރެއާގެ މާލީ އެހީތެރިކަމާއެކު ތަރައްޤީކޮށްފައިވާ ނިޒާމެކެވެ.
ދާދި ފަހަކާ ޖެހެންދެން ރާއްޖޭގައި ކާރިސާތަކުގެ ގެއްލުން ވަޒަންކުރަމުން އައީ ކަރުދާސް ފޯމު ބޭނުންކޮށްގެން، އެކި އިދާރާތަކުން ވަކިވަކިންނެވެ. މީގެ ސަބަބުން މަޢުލޫމާތު އެއްކުރުމުގައި ލަސްވުމާއި، ފުށުއެރުންތައް ހުރުމާއި، އަދި ނިންމުންތައް ނިންމާ ފަރާތްތަކަށް ވަގުތުން މަޢުލޫމާތު ނުލިބުމުގެ ސަބަބުން އެހީތެރިކަން ފޯރުކޮށްދިނުމަށް ހުރަސްއެޅެމުންދިޔައެވެ. ނަމަވެސް ޑެމޭޖް އެސެސްމަންޓް އެންޑް ލޮސް އެނަލިސިސް (DALA - ޑާލާ) ޕޯޓަލް ތަޢާރަފުކުރުމާއެކު މިކަން މިވަނީ ބަދަލުވެފައެވެ.
އައު ޑިޖިޓަލް ނިޒާމާއެކު މަޢުލޫމާތު ބެލެހެއްޓުން ހަރުދަނާވުން
މި ޕޯޓަލްގެ ސަބަބުން ކާރިސާތަކުގެ މަޢުލޫމާތު އެއްކުރުމާއި، ދިރާސާކުރުމާއި އަދި ހިއްސާކުރުން އެއް ވިއުގައަކުން ވަގުތުން ވަގުތަށް ކުރެވޭނެއެވެ.
ރަށު ކައުންސިލްތަކުން ފެށިގެން ޤައުމީ އިދާރާތަކާ ހަމައަށް، ހުއްދަދެވިފައިވާ ފަރާތްތަކަށް އޮންލައިން ފޯމުތައް މެދުވެރިކޮށް ކާރިސާތައް ރިޕޯޓުކުރެވޭނެއެވެ. އަދި ގެއްލުމުގެ އަންދާޒާތައް އޮޓޮމެޓިކުން ހިސާބުކުރެވޭނެއެވެ.
ކޮންމެ ރިޕޯޓެއްގެ އެންމެ ފަހުގެ ހާލަތު ވަގުތުން ބަލާލެވޭނެއެވެ. އަދި މުހިންމު މަރުޙަލާތަކުގައި އެސް.އެމް.އެސް މެދުވެރިކޮށް ނޮޓިފިކޭޝަން ލިބޭނެއެވެ.
މީގެ ސަބަބުން ކާރިސާއާ ގުޅިގެން ފޯރުކޮށްދޭންޖެހޭ އެހީތެރިކަން އަވަސްކަމާއެކު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކަށް މަގުފަހިވެގެންދާނެއެވެ.

(ފޮޓޯ: ޑާލާ ސިސްޓަމްގެ ޑޭޝްބޯޑް ފެންނަ ގޮތް)
މަޢުލޫމާތު ބޭނުންކުރުމަށް އައި އިންޤިލާބީ ބަދަލު
މި ނިޒާމުގެ ޑޭޝްބޯޑުތަކުން ކާރިސާތައް ހިނގާފައިވާ މިންވަރާއި، ސަރަޙައްދުތަކާއި، ކާރިސާގެ ބާވަތްތަކާއި، އަދި އިޖާބަދިނުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ވަގުތުން ފެންނަން ހުންނާނެއެވެ. މީގެ ސަބަބުން އެންމެ ބޮޑަށް އެހީ ބޭނުންވާ ސަރަޙައްދުތައް ދެނެގަނެ، ވަސީލަތްތައް އެންމެ އެކަށީގެންވާ ގޮތެއްގައި ބޭނުންކުރުމަށް ޤައުމީ އަދި ރަށު ފެންވަރުގައި ނިންމުންތައް ނިންމާ ފަރާތްތަކަށް ފަސޭހަވެގެންދެއެވެ.
މި ނިޒާމުގެ އެންމެ ޚާއްޞަ އެއް ސިފައަކީ، ކާރިސާގެ ބާވަތަށާއި، ދާއިރާތަކަށާއި، ރަށްރަށަށާއި، އަދި އާބާދީގެ އެކި ގިންތިތަކަށް ލިބުނު ގެއްލުންތައް ވަކިވަކިން ފެންނަން ހުރުމެވެ. މިކަމުގެ ސަބަބުން ލިބުނު ގެއްލުންތައް ފުންކޮށް ދެނެގަނެވި، އަމާޒުކޮށްގެން އެހީތެރިކަން ފޯރުކޮށްދިނުމަށް އެހީތެރިވެދެއެވެ. ކަށަވަރުކުރެވޭ މަޢުލޫމާތުތަކާއި ލިބުނު ގެއްލުމުގެ އަންދާޒާތައް ލައިވް ޑޭޝްބޯޑުތަކުގައި ޝާއިޢުކުރެވިގެންދާނެއެވެ.
ޑާލާއަކީ ހަމައެކަނި ޑިޖިޓަލް ނިޒާމެއް ނޫނެވެ. މިއީ ޓެކްނޮލޮޖީގެ އެހީގައި މުއައްސަސާތައް ހަރުދަނާކޮށް، ރައްޔިތުން ރައްކާތެރިކުރުމަށް ސަރުކާރުން ގެންގުޅޭ 'ޑިޖިޓަލް މޯލްޑިވްސް 2.0' ގެ ތަޞައްވުރު ދައްކުވައިދޭ މަންސައެކެވެ. ޑާލާގެ ސަބަބުން ކާރިސާތަކުގެ މަޢުލޫމާތަކީ ދައުލަތް ހިންގުމަށާއި، ޖަވާބުދާރީވުމަށާއި، އަދި ވިލުންވެރިކަން އިތުރުކުރުމަށް ބޭނުންކުރެވޭނެ ޤައުމީ ރައުސްމާލަކަށް ބަދަލުވެގެންދާނެއެވެ." - އެން.ޑީ.އެމް.އޭގެ ޗީފް އެގްޒެކެޓިވް ޙިސާން ޙަސަން.

(ޑާލާ ޕޯޓަލް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި އެން.ޑީ.އެމް.އޭގެ ޗީފް އެގްޒެކެޓިވް ޙިސާން ޙަސަން ވާހަކަފުޅުދައްކަވަނީ | ފޮޓޯ: އެން.ޑީ.އެމް.އޭ)
މި ނިޒާމުގެ ސަބަބުން އެކި ފަރާތްތަކަށް ކުރާނެ ފައިދާ
މި ޕޯޓަލްގެ ސަބަބުން ހަމައެކަނި ވަގުތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، ދިގު މުއްދަތުގެ ޕްލޭންތައް ހެދުމަށް މަޢުލޫމާތު ބޭނުންކުރެވޭނެ އައު މަގުތަކެއް ފަހިވެގެންދާނެއެވެ.
ޑާލާ ޕޯޓަލަކީ އެން.ޑީ.އެމް.އޭގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންއާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ 'ޑިޖިޓަލް މޯލްޑިވްސް 2.0' ގެ ތަޞައްވުރާ އެއްގޮތަށް، އަދި ސެންޑާއީ ފްރޭމްވަރކް އާއި 'އާލީ ވޯނިންގްސް ފޯ އޯލް' އިންޝިއޭޓިވްގެ އަމާޒުތައް ހާސިލުކުރުމަށް އެހީތެރިވެދޭނެ ނިޒާމެކެވެ.
ގުޅިގެން ކުރެވުނު މަސައްކަތެއް
މިއީ ޔޫ.އެން.ޑީ.ޕީގެ އެހީތެރިކަމާއެކު ހިންގާ ރިޑްސް އިން ސިޑްސް (RIDS in SIDS) ޕްރޮޖެކްޓުގެ ދަށުން ހާސިލުކުރެވުނު މުހިންމު ލަނޑުދަނޑިއެކެވެ. މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ހިރާސްތައް ބޮޑުވަމުންދާއިރު، މަޢުލޫމާތު އެއްކޮށް، އެއަށް ބިނާކޮށް އަވަސް ފިޔަވަޅުތަކެއް އެޅުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.
ޑާލާ ޕޯޓަލް ފަދަ ޑިޖިޓަލް ވަސީލަތްތަކަކީ، ކާރިސާތަކަށްފަހު އާންމު ހާލަތަށް ރުޖޫޢަވުމަށް ކުރާ މަސައްކަތްތައް އަވަސްކޮށް، އެންމެން ޝާމިލުވާ، އަދި ހެކީގެ މައްޗަށް ބިނާކޮށް ކުރެވޭ މަސައްކަތަކަށް ހެދުމަށް ކޮންމެހެން މުހިންމު ވަސީލަތެކެވެ. ޤައުމީ ނިޒާމުތަކާއި ޤާބިލުކަން ހަރުދަނާކުރުމުގެ ތެރެއިން، އަޅުގަނޑުމެން މި އެހީތެރިވެދެނީ ރާއްޖެއަށް ކުރިމަތިވާ ހިރާސްތައް ކުރީބައިގައި ދެނެގަނެ، އެކަށީގެންވާ އިޖާބައެއްދީ، ދިގު މުއްދަތުގެ ވިލުންވެރިކަން ބިނާކުރުމަށެވެ." - ޔޫ.އެން.ޑީ.ޕީ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު، އަދުނާން ޗީމާ.

(ޑާލާ ޕޯޓަލް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ޔޫ.އެން.ޑީ.ޕީ ގެ މަންދޫބު އަދުނާން ޗީމާ ވާހަކަފުޅުދައްކަވަނީ | ފޮޓޯ: ޔޫ.އެން.ޑީ.ޕީ މޯލްޑިވްސް)
ޑާލާ ޕޯޓަލަކީ ހަމައެކަނި ޓެކްނޮލޮޖީއަށް ގެނެވުނު ކުރިއެރުމެއް ނޫނެވެ. މިއީ ރާއްޖެއިން ކާރިސާތަކަށް ތައްޔާރުވެ، އިޖާބަދޭ ގޮތަށް ގެނެވުނު އަސާސީ ބަދަލެކެވެ. ޑޭޓާއަށް ބިނާކޮށް ކަންކަން ނިންމުމުގެ އާދަ އަށަގަންނުވައިގެން، ޤައުމުގެ ހިންގުން ހަރުދަނާވެ، ފުރާނައާއި މުދާ ސަލާމަތްކޮށް، މުސްތަޤުބަލަށް ވިލުންވެރި މުޖުތަމަޢުއެއް ބިނާކުރުމަށް މި ނިޒާމުގެ ސަބަބުން މަގުފަހިވެގެންދާނެއެވެ.
އިތުރަށް ދެނެގަތުމަށް
އެން.ޑީ.އެމް.އޭ ސްޓެޓްސް ޕޯޓަލް — ކާރިސާތަކުގެ ތަފާސްހިސާބުތައް ވަގުތުން ބައްލަވާލައްވާ: https://stats.ndma.gov.mv
އެން.ޑީ.އެމް.އޭ ޑާލާ ސިސްޓަމް ޓިއުޓޯރިއަލްސް: ސިސްޓަމް ޑޭޝްބޯޑް އަދި ފަންކްޝަންތައް
