ތައްޔާރުކަމުގެ ޘަޤާފަތެއް ބިނާކުރުން
ހުޝިޔާރު ކެމްޕޭނަކީ، ދިވެހިރާއްޖޭގެ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ.) އިން އިސްނަގައިގެން، އަދި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ.)، މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމް.އާރ.ސީ.)، އަދި ޔުނައިޓެޑް ނޭޝަންސް އޮފީސް ފޯ ޑިޒާސްޓަރ ރިސްކް ރިޑަކްޝަން (ޔޫ.އެން.ޑީ.އާރ.އާރ.) ގެ އެހީތެރިކަމާއެކު ހިންގާ ޤައުމީ ކެންޕޭނެކެވެ.
މިއީ، "ކާރިސާތަކަށް ވިލުންތެރި ދިވެހިރާއްޖެއެއް ބިނާކުރުން" މި މަޤުސަދުގައި ޤައުމީ ފެންވަރުގައި ގިނަ މުވައްސަސާތަކެއް ގުޅިގެން ފަށާ މަސައްކަތެކެވެ. އެއީ، ތައްޔާރުކަން އިތުރުކޮށް، މުޖުތަމަޢުތައް ބާރުވެރިކޮށް، އަދި ހުރިހާ ރަށްތަކުގައި މޫސުމީ އަދި ކާރިސީ ހިރާސް ކުޑަކުރުމުގެ އެންމެން ގުޅިގެން މަސައްކަތްކުރުމުގެ އަޒުމް ކަނޑައެޅުމެވެ.
މި ކެމްޕޭނުގެ ބިންގަލަކީ، ދިވެހިރާއްޖޭގެ ކާރިސީ ހިރާސް ކުޑަކުރުމުގެ އިސްތިރާޖު 2024–2030 ގެ ޕްރަޔޯރިޓީ 4: "ފުރިހަމަ އިޖާބަދިނުމަށް މުޖުތަމަޢުތައް ބާރުވެރިކުރުން" ގައި ވާގޮތަށް ޙަޤީޤީ ވިލުންތެރިކަން ހާސިލުކުރެވޭނީ ރަށުފެންވަރުގައި ކަމަށްވުމުންނެވެ.
ރައްކާތެރި ރަށްތައް އުފެއްދުމަށް ހުރިހާ އެންމެންގެ ބައިވެރިވުމާއިއެކު ހިންގޭ ކެމްޕޭނެއް
މި ކެމްޕޭނަކީ، ސަރުކާރުގެ މުއައްސަސާތަކާއި، އިންސާނީ އެހީދޭ ޖަމިއްޔާ ޖަމާޢަތްތަކާއި، އަދި ރަށްރަށުގެ މުޖުތަމަޢުތައް އެއް އޮނިގަނޑެއްގެ ދަށުން އެކުލަވާލާ އެއްބައިވަންތަ ކެމްޕޭނެކެވެ.
މި ކެމްޕޭނުން ހޭލުންތެރިކުރުމަށް އެންމެން ކުރާ މަސައްކަތްތައް އެއްގޮތްކޮށް، ދުރާލާ އަޅާ ފިޔަވަޅުތައް ވަރުގަދަކޮށް، ކާރިސީ ހިރާސް ކުޑަކުރުން (Disaster Risk Reduction - DRR) އާއްމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކޮށް، ވިލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރާނެއެވެ.
އެން،ޑި.އެމް.އޭގެ އިސްނެގުމާއި ވިލަރެސްކުރުމުގެ ދަށުން، ހުޝިޔާރު ކެމްޕޭނުން މަސައްކަތްކުރަނީ:
މޫސުމީ އަދި ކާރިސީ ހިރާސްތައް ކުޑަކުރުމަށް ހޭލުންތެރިކަން އިތުރުކުރާ ޤައުމީ މަންސައެއް ގާއިމުކުރުން.
ކެންޕޭނުގެ ބައިވެރިންނާއި ރަށު ކައުންސިލްތަކާއި ގުޅުން އުފައްދާ އެއްކޮށް މަސައްކަތް ކުރުމަށް ހިތްވަރުދިނުން.
މޫސުމީ އަދި ކާރިސީ ހިރާސްކުޑަކުރުމަށް ހިންގާ ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކުގައި ރައްޔިތުންނަށް ދޭ މެސެޖްތައް ހުރިހާ މުވައްސަސާއެއްގެ މެދުގައި އެއްގޮތް ކުރުން
ވިލުންތެރިކަން އިތުރުކުރުމުގެ މަސައްކަތުގައި މުޖުތަމަޢާއި ދަރުމަވެރިންގެ އިސްނެގުން ކުރިއެރުވުން
ބައިނަލްއަޤްވާމީ އެހީތެރިކަމާއި އެކު ތަރައްޤީކުރެވިފައި އާލަމީ މަސައްކަތެއް
ހުޝިޔާރު ޕްލެޓްފޯމަކީ، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ (SIDS) ތަރައްޤީއަށް ކުރެވޭ މަސައްކަތުގައި މޫސުމީ އަދި ކާރިސީ ހިރާސްއާއި ގުޅޭ މަޢުލޫމާތު ބޭނުންކޮށްގެން ތަރައްޤީ ޙާސިލުކުރުމަށް ހިންގާ ޕްރޮޖެކްޓްގެ ބައެކެވެ. މިއީ ދިވެހިރާއްޖެއާއި، ސީޝެލްސް އަދި ޓީމޯރ-ލެސްޓޭގައި ބަދީލީ ގާބިލުކަން ވަރުގަދަކުރުމަށްޓަކައި UNDP އިން ހިންގާ ގުޅިފައިވާ ސަރަހައްދީ މަޝްރޫޢުއެކެވެ.
މި ޕްރޮޖެކްޓުގެ އަމާޒަކީ ދުރާލާ އިންޒާރުދޭ ނިޒާމުތަކާއި ހަރުދަނާކުރުމާއި، މުޖުތަމަޢުތަކުގެ ތައްޔާރުކަން އިތުރުކުރުމާއި، ރިސްކާއި ބެހޭ މަޢުލޫމާތުތައް ބޭނުންކޮށްގެން ސިޔާސަތުތައް އެކުލަވާލުމަށް ބާރުއެޅުމެވެ. އަދި ވިލުންތެރިކަން ހާސިލުކުރުމުގައި މިންތީގެ ހަމަހަމަކަމާއި އެއްވެސް މީހަކު ބާކީނުކޮށް ތަރައްޤީ ހާސިލުކުރުމަށް މިޕްރޮޖެކްޓުން ބާރުއަޅައެވެ.
ގްލޯބަލް ޕާޓްނަރޝިޕްގެ ބައެއް
ހުޝިޔާރު ޕްލެޓްފޯމާއި، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ (SIDS) ތަރައްޤީގެ ޕްރޮޖެކްޓް ހިންގުމަށް މަގުފަހިވެފައި ވަނީ، ޑެންމާކް، ލަގްޒަމްބާގް، އަދި ރިޕަބްލިކް އޮފް ކޮރެއާގެ ސަރުކާރުތަކުން ޔޫ.އެން.ޑީ.ޕީ ގެ ފަންޑިންގ ވިންޑޯސް މެދުވެރިކޮށް ތަނަވަސްކޮށްދެއްވާފައިވާ ދީލަތި އެހީގެ ސަބަބުންނެވެ. މިއީ ދުނިޔޭގެ ފެންވަރުގައި ހިންގޭ ފައިސާގެ އެހީ ދިނުމުގެ ފަސޭހަ ނިޒާމެކެވެ. މި ނިޒާމުގެ ސަބަބުން، ކުރިމަތިވާ އާ ގޮންޖެހުންތަކަށް ރައްދު ދިނުމަށް، އަވަސް، ފުރިހަމަ، އަދި ދެމެހެއްޓެނިވި މަސައްކަތްތަކެއް ކުރުމުގެ ފުރުސަތު ލިބެއެވެ.
ކެމްޕޭން ކުރިއަށްދާނެ ގޮތް
ހުޝިޔާރު ކެމްޕޭން ކުރިއަށް ގެންދަނީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ ގެ އިސްނެގުމާއި އެކު، އަދި ކެންޕެއިންގެ ބައިވެރިންގެ އެހީތެރިކަމާއެކު ވިލަރެސް ކުރެވިފައިވާ މަސައްކަތުގެ އޮނިގަނޑެއްގެ ތެރެއިންނެވެ.
މި މަސައްކަތުގެ ތެރޭގައި ހިމެނޭ ބައިތައް ތިރީގައި މިވަނީއެވެ.
ރޭވުންތެރިކަމާއި އެކު ވިލަރެސްކުރުން (ސްޓްރެޓީޖިކް ކޯޑިނޭޝަން): ކެމްޕޭންއިން އިސްކަންދޭ ކަންކަމާއި، އާއްމުންނާ ހަމައަށް މެސެޖު ފޯރުކޮށްދޭނެ ގޮތްތައް ކަނޑައަޅާނީ ކެންޕެއިންގެ މައި ޓީމުން
ކޮންޓެންޓް ތަރައްޤީކުރުން: ކެންޕޭނުގައި ބައިވެރިވާ އިދާރާތަކުން ކެންޕޭނުން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތްވާގޮތަށް ޓޫލްކިޓްތަކާއި،ހޭލުންތެިކަން އިތުރުކުރުމަށް ބޭނުންކުރާނެ ވަޞީލަތްތަކާއި، މަލްޓިމީޑިއާ ވަޞީލަތްތައް ތައްޔާރުކުރުން.
މަސްލަހަތުވެރިން ބައިވެރިކުރުން: ރަށު ކައުންސިލްތަކާއި، ސްކޫލްތަކާއި، މީޑިއާއާއި، އަދި ސަރަހައްދީ ޖަމިއްޔާ ޖަމާއަތްތަކާ ގުޅިގެން މަސައްކަތްކުރުމަށް، އެންމެން ބައިވެރިކުރެވޭނެ ގޮތަކަށް ބައިވެރިވުން ކަށަވަރުކުރުން.
އާއްމުންނާ ގުޅުން ބަދަހިކުރުން (ކޮމިއުނިޓީ އައުޓްރީޗް): ކެމްޕޭންގެ މެސެޖުތައް ރަށު ފެންވަރުގައި ބާއްވާ ހަރަކާތްތަކާއި، މީޑިއާއާއި، އަދި މީސްމީޑިއާ މަންސަތައް މެދުވެރިކޮށް އާއްމުންނާ ހަމައަށް ފޯރުކޮށް ދިނުން.
މޮނީޓަރކުރުމާއި ދަސްކުރުން: އާއްމުން ކެމްޕޭންގައި ބައިވެރިވާ މިންވާރާއި، ހޭލުންތެރިކަން އިތުރުވާ މިންވަރާއި، ތައްޔާރުކަން އިތުރުވާ މިންވަރުތައް ދެނެގަނެ އަންނަ ބަދަލުތައް މޮނީޓަރކޮށް ދަސްކުރުން.
ކެންޕޭނުގައި ބައިވެރިވެވޭނެ ގޮތްތައް
ހުޝިޔާރު ކެމްޕޭނަކީ، ހުރިހާ ފަރާތްތަކަށް ފަސޭހައިން ބައިވެރިވެވޭނެ ގޮތަށް ފަރުމާކުރެވިފައިވާ ގިނަ ވަސީލަތްތަކެއް މެދުވެރިކޮށް އާއްމުންނާ ހަމައަށް ވާސިލުވާ ކެމްޕޭނެކެވެ.
ހުޝިޔާރު ވެބްސައިޓް: އަރައްކާތަކާއި ބެހޭ މައުލޫމާތު، ތައްޔާރުކަން އިތުރުކުރާނެ ގޮތްތަކާއި، ކާރިސީ ހިރާސް ކުޑަކުރުމާއި ގުޅޭ މަޢުލޫމާތުތައް އެއްކުރެވިފައިވާ މަރުކަޒީ ޑިޖިޓަލް މަންސަ.
މީސްމީޑިއާ: އެކި ޕްލެޓްފޯމުތައް މެދުވެރިކޮށް އާއްމުންނަ އަދާހަމަ މައުލޫމާތުތައް ދިނުމާއި، ހޭލުންތެރިކުރުމުގެ މެސެޖުތައް އަދި ކެމްޕޭނުގެ މުހިންމު ޚަބަރުތައް ގެނެސްދިނުން
ކޮމިއުނިޓީ އިވެންޓުތައް: ރަށު ފެންވަރުގައި ހޭލުންތެރިކުރުމުގެ ދުވަސްތައް ފާހަގަކުރުމާއި، ސްކޫލުތަކުގެ ޕްރޮގްރާމުތައް ހިންގުމާއި އަދި ތައްޔާރުކަން އިތުރުކުރުމަށް ދަރުމަވެރިންގެ ބައިވެރިވުމާއި އެކު ހަރަކާތްތައް ހިންގުން
ރާއްޖޭގެ މީޑިއާ: މުހިންމު ރައްކާތެރިކަމުގެ މެސެޖުތަކާއި ހޭލުންތެރިކަމުގެ މެސެޖުތައް ދިވެހި އަދި އިނގިރޭސި ބަހުން މީޑިއާތަކުން ގެނެސްދިނުން
ވިލުންތެރި ދިވެހިރާއްޖެއެއް ބިނާކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުން
ހުޝިޔާރު އަކީ ހަމައެކަނި ކެމްޕޭނެއް ނޫނެވެ — އެއީ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައްޔާރުކަމުގެ ސަގާފަތެއް ބިނާކުރުމަށް ކުރެވޭ ޤައުމީ މަސައްކަތެކެވެ.
ކާރިސާތަކަށް އިޖާބަ ދިނުމަށް، ކާރިސާތަކުން އިޔާދަވުމަށް، އަދި ކުރިއަށްވުރެ ރަގަޅަށް އާރާސްތުކުރުމަށް ކޮންމެ ރަށެއް، ކޮންމެ ސްކޫލެއް އަދި ކޮންމެ މުޖުތަމަޢުއެއްގެ ވަރަށް މުހިންމު ދައުރެއް އޮންނާނެއެވެ.
ތައްޔާރުވުމުން ފުރާނަ ސަލާމަތްކުރެ ވޭނެއެވެ. ގުޅިގެން މަސައްކަތް ކުރުމުން ވިލުންތެރިކަން އިތުރުކުރެވޭނެއެވެ. ހުޝިޔާރު ކެންޕޭނުން މި ދެކަން ގުޅުވައި ދޭނެއެވެ.