ކޮޅިގަނޑުތަކަކީ ކޮބާ؟
ކޮޅިގަނޑުތަކަކީ ކަނޑުގެ ހޫނު ސަރަޙައްދުތަކުގައި އުފެދޭ ވިލައާއި، ވިއްސާރަ އަދި ވިލާގަނޑުގައި ޖެހޭ ވައި ލޯ ޕްރެޝަރ ނިޒާމެއްގެ ގޮތަށް ބަދަލުވުމުން އުފެދޭ އަރައްކާއެކެވެ. މިފަދަ ނިޒާމްތަކުގެ ބާރު އެކި މަރުޙަލާތަކުގައި ތަފާތުވާނެއެވެ. މިނިޒާމުތައް އެންމެ ބާރުގަދަވުމުން ބަދަލުވާނީ ތޫފާންތަކަށެވެ.
ރާއްޖޭގައި، މިފަދަ މޫސުމީ ނިޒާމުތަކަށް ޢާންމުކޮށް ކިޔައިއުޅެނީ "ކޮޅިގަނޑު" (ލޯ ޕްރެޝަރ) ނުވަތަ "ބާރުގަދަ ކޮޅިގަނޑު" (ޑީޕް ޑިޕްރެޝަން) މިހެންނެވެ. މިފަދަ ނިޒާމުތައް ގިނަ ފަހަރު އުފެދެނީ އަރަބި ކަނޑު ނުވަތަ ބަންގާޅު ކަނޑުގައެވެ. ރާއްޖެއާ ދުރުގައި އުފެދުނު ނަމަވެސް، ރާއްޖޭގެ މޫސުމަށް މީގެ އަސަރު ކުރާ ފަހަރުވެސް އާދެއެވެ.
ކޮޅިގަނޑުތަކުން ދިވެހިރާއްޖެއަށް ކުރާ އަސަރު
ރާއްޖެއަށް ސީދާ ތޫފާނުގެ އަސަރުކުރުމަކީ ނާދިރުކަމެކެވެ. އެހެންނަމަވެސް، މޫސުން ބަދަލުވާ ދުވަސްވަރާއި ހުޅަނގު މޫސުމުގައި މިފަދަ ނިޒާމުތަކުގެ އަސަރު ރާއްޖޭގެ މޫސުމަށް ގިނަފަހަރު ކުރެއެވެ. ރާއްޖެއާއި ކައިރި ސަރަޙައްދުތަކުގައި އުފެދޭ ލޯ-ޕްރެޝަރ ނިޒާމުތަކުގެ ސަބަބުން ރާއްޖެއަށް އަންނިވި އަސަރުތައް ކުރެއެވެ. އެއީ:
ވައިގަދަވެ ބޯކޮށް ވާރޭވެހި، ތިރީސަރަހައްދުތަކުގައި ފެންބޮޑުވުން
ކަނޑު ގަދަވެ ރާޅު ބޮޑުވެ، ކަނޑުދަތުރުފަތުރާއި މަސްވެރިކަމަށް ބުރޫއެރުން
ގުގުރާ ވިދުވަރުގެ ސަބަބުން ކަރަންޓު ވައިރުތަކަށާއި، ހިފާގެންގުޅޭ ކަރަންޓު ސާމާނަށް ގެއްލުންވުން
ގަސްގަހާއިގެއްސަށާއި ދަނޑުބިންތަކަށް ގެއްލުންވުން
ރާއްޖެ އޮންނަނީ އިކުއޭޓަރާ ކައިރީގައި ކަމަށްވާތީ، ކޮރިއޮލިސް އިފެކްޓްގެ އަސަރު ކުޑަވުމުގެ ސަބަބުން، ރާއްޖެއާ ކައިރިން އުފެދޭ ގިނަ ލޯ-ޕްރެޝަރ ނިޒާމުތައް ބާރުގަދަ ތޫފާނުތަކަށް (ޓްރޮޕިކަލް ސައިކްލޯނަކަށް) ބަދަލުވުމަކީ ވަރަށް މަދުންވާކަމެކެވެ. އެހެންނަމަވެސް، މިފަދަ ނިޒާމުތަކުގެ އަސަރުތައކުގެ ސަބަބުން، ރާއްޖޭގެ އެކި ކަންކޮޅުތަކަށް އާއްމު ޙާލަތަށް ބުރޫ އަރައެވެ.
ކޮޅިގަނޑުތަކާއި ގުޅޭ އެލަރޓްތަކާއި އިންޒާރުތައް
މޯލްޑިވްސް މީޓިއަރޮލޮޖިކަލް ސާރވިސް (މެޓް އޮފީސް) އިން ސަރަޙައްދީ ލޯ-ޕްރެޝަރ ނިޒާމުތައް އުފެދޭތޯ ބަލައެވެ. މިފަދަ ނިޒާމެއްގެ އަސަރެއް ކުރިމަތިވެދާނެކަމަށް ނިމުތު(ލަފާ)ކުރެވޭނަމަ އެލަރޓްތައް ނެރެއެވެ.
ކޮޅިގަނޑުތަކުގެ ކުރިން: ތައްޔާރުވުން
ކޮޅުގަނޑުތަކުގެ ކުރިން ތައްޔާރުވުމަކީ ގެއްލުންތައް ކުޑަކުރުމަށާއި ސަލާމަތްތެރިކަން ކަށަވަރުކުރުމަށް މުހިއްމުކަމެކެވެ.
މެޓް އޮފީހާއި އެންޑީއެމްއޭ އިން ނެރޭ މޫސުމީ އެންމެ ފަހުގެ މައުލޫމާތުތަކަށް ސަމާލުވުން
ގަދަވައި ޖެހުމުގެ ކުރިން ފުރާޅުތަކާއި، ދޯނިފަހަރާއި، ބޭރުގައި ހުންނަ މުދާ ރައްކާތެރިކުރުން. އަދި ވައިޖެހިގެން އެފަދަ ތަކެތި އެއްލާލަފާނެ ކަމުގެ ބިރުއޮތްނަމަ ވައު ފަދަ އެއްޗެއް ބޭނުންކޮށްގެން އެއްލާނުލާނެ ގޮތަކަށް ބަނދެ ހައްޔަރުކުރުން
ކުއްލިހާލަތްކުގައި ބޭނުންކުރުމަށް ފުޅިބައްތި، ޓޯޗު، ބެޓެރި، އަދި ފަސްޓް އެއިޑް ކިޓު ފަދަ އެމަރޖެންސީ ތަކެތި ފަސޭހައިން ލިބޭނެ ގޮތަށް ދުރާލާހޯދާފައި ބެހެއްޓުން
އިންޒާރުތައް އިއުލާންކޮށްފައިވާ ދުވަސްވަރު ކޮންމެހެން ކުރަންޖެހޭ ކަނޑުދަތުރުފަތުރު ނޫނީ ނުކުރުން
ބޯވާރޭގެ ސަބަބުން ފެންބޮޑުވުން ކުޑަކުރުމަށް ދުރާލާ ކާނު(ޑްރެއިނޭޖް) ނިޒާމުތަކުގެ ހާލަތު ބަލާ ސާފުކުރުން
ކޮޅިގަނޑެއްގެ ތެރޭގައި: ސަލާމަތްތެރިކަމާއެކު ހުރުން
ގަދަވައި ޖެހި ބޯވާރޭ ވެހެން ފަށައިފިނަމަ:
ގޭތެރޭގައި ހުރުމާއި ފެންބޮޑުވާ ސަރަޙައްދުތަކުންނާއި ގޮނޑުދޮށުގެ ސަރަޙައްދުތަކަށް ނުދިއުން
ކޮންމެހެން ކުރަންޖެހޭ ކަނޑުދަތުރުފަތުރު ނޫނީ ނުކުރުން
ގެއަށް ފެންވަންނާނެ ކަމަށް ލަފާކުރެވޭނަމަ ވެލިބަސްތާފަދަ އެއްޗެއް ޖައްސައި ފެންނުވަންނޭނެ ފަދަ ފިޔަވަޅުތައް އެޅުން
ފެންޖެހި ހަލާކުވާފަދަ ހިފާގެންގުޅޭ ސާމާނާއި އިލެކްޓްރޯނިކް ސާމާނު ފެންނުޖެހޭނެ ފަދަ ތަނަކަށް ބަދަލުކުރުން
ގޭތެރެއަށް ފެން ވަދެއްޖެނަމަ ކަރަންޓުގެ ސާމާނުތައް ނިއްވާލުން
ސަރުކާރުގެ ރަސްމީ އިރުޝާދުތަކާއި ކަމާބެހޭ ފަރާތްތަކުން ދޫކުރާ އެލަރޓްތަކަށް ތަބާވުމެވެ.
މަސްވެރިންނާއި ދޯނިފަހަރުގެ އޮޕަރޭޓަރުން، މެޓް އޮފީހުން ކަނޑުދަތުރުކުރުމަށް ރައްކާތެރިކަމަށް ބުނަންދެން ދަތުރުތަކަށް ނުފުރާ މަޑުކުރުން.
ކޮޅިގަނޑުތަކުގެ ފަހުން: ސަމާލުކަމުގައި ހުރުން
މޫސުން ރަނގަޅުވުމަށްފަހުވެސް، ގެއްލުންތައް ކުރިމަތިވެދާނެ އަރައްކާތައް އަދިވެސް ހުރެދާނެ ކަމަށް ސަމާލުވާންވާނެއެވެ.
ފެންބޮޑުވުމާއި، ކޮޅިގަނޑުގެ ސަބަބުން ގެއްލުންވެފައިވާ އުމްރާނީ ވަޞީލަތްތަކުގެ ސަބަބުން އަރައްކާއެއް ކުރިމަތިވެދާނެ ހާލަތްތަކާއި، އަދި ކުރިއަށް މޫސުން ނިމުތުކުރެވޭ ގޮތާއި ބެހޭ އެންމެ ފަހުގެ މަޢުލޫމާތުތަކާއި އެލަރޓްތައް ބެލުން
ގޭގެ ހާލަތު ބަލައިފާސްކުރުން، މިގޮތުން ފެންލީކުވުން، ފުރާޅަށް ލިބިފައިވާ ގެއްލުންތައް، އަދި ފެން ވަދެފައިވާ ތަންތަނުގެ ހާލަތު ބެލުން
ފެނުގެ އަސަރުކޮށްފައި ނުވާކަން ކަށަވަރުކުރުމަށް ފަހު ނޫނީ ކަރަންޓު އަލުން ނުގުޅުން
ވެރިފައިވާ ގަސްގަހާގެއްސާއި ހަލާކުވެފައިވާ ކަރަންޓުވަޔަރު ފަދަ ފަދަ އެއްޗެއްގެ ނުރައްކަލެއް ފާހަގަވެއްޖެނަމަ، ކަމާގުޅޭ އިިދާރާތަކަށް ރިޕޯޓުކުރުން
ކޮޅިގަނޑުތަކުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރެވޭނީ ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމާއި ތައްޔާރުކަން އިތުރުކުރެވިގެންނެވެ،
ތައްޔާރުކަން އިތުރުކޮށް ރައްކާތެރިކަން ކަށަވަރުކުރުން
ރާއްޖެއަށް ކޮޅިގަނޑުތަކުގެ އަސަރުކުރުމަކީ އާންމުކަމެކެވެ. އަދި މިއީ މޫސުމީ ބަދަލުތަކުގެ އެންމެ ކުރީގެ އަލާމާތްތަކެވެ. ކޮޅިގަނޑުތަކުގެ ސަބަބުން ތޫފާންތަކާއި އެއްގޮތަށް ބޮޑެތި ގެއްލުންތަކެއް ނުވިނަމަވެސް، ބޯކޮށް ވާރޭ ވެހި، ގަދަވައި ޖެހި، އަދި ކަނޑުގަދަވުމުގެ ސަބަބުންނާއި އުދައެރުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެއެވެ.
އެންމެ ފަހުގެ މައުލޫމާތު ހޯދައި ސަމާލުވެތިބުމާއި، އަވަހަށް ތައްޔާރުވުމާއި، އަދި ރަސްމީ އިރުޝާދުތަކަށް ތަބާވުމަކީ، މިފަދަ ހާލަތްތަކުގައި ފަރުދުންނާއި، ރަަށްރަށުގެ މުޖުތަމަޢުތަކަށާއި، އަދި ރާއްޖެ ޒިއާރަތްކުރާ ފަތުރުވެރިންނަށް ސަލާމަތްތެރިކަން ކަށަވަރުކުރުމަށް އެހީތެރިވެދޭނެކަމެކެވެ.