ތޫފާންތަކަކީ ކޮބާ؟
ތޫފާންތަކަކީ ކަނޑުގެ ހޫނު ސަރަޙައްދުތަކުގައި އުފެދޭ ބާރުގަދަ އެބުރޭ ކޮޅިގަނޑުތަކެވެ. މި ތޫފާންތަކުގެ ސަބަބުން ގަދަވައި، ބޯކޮށް ވާރޭވެހުން، ގުގުރުން އަދި ކަނޑުގަދަވުން ކުރިމަތިވެއެވެ. މިފަދަ ތޫފާންތަކުގެ ސަބަބުން ފެންބޮޑުވުމާއި، އުދައެރުން، އަދި އިމާރާތްތަކަށާއި ގަސްގަހާގެއްސަށް ގެއްލުން ވެސް ލިބިދާނެއެވެ.
މި ކޮންމެ ތޫފާނެއްގައި ލޮލެއް ކިޔާ ހަމަހިމޭން މެދު ސަރަޙައްދެއް އޮވެއެވެ. މި ސަރަޙައްދު ވަށައިގެންލާފައިވަނީ ވަށްބައްޓަމަށް ހުންނަ ވިލާއާއި، ވާރެއާއި، އަދި ބާރުގަދަ ވައިގެ ފަށަލަތަކުންނެވެ. ވައިގެ ބާރުމިން ގަޑިއިރަކު 100 ކިލޯމީޓަރުގެ މަތީ ސްޕީޑަށް ވެސް އަރައިފާނެއެވެ. އަދި ވާރޭވެހުން ގިނަ ގަޑިއިރު ނުވަތަ ދުވަސްތަކެއް ވަންދެން ވެސް ކުރިއަށް ދެއެވެ.
ރާއްޖެއަށް ސީދާ ތޫފާނުގެ އަސަރުކުރުމަކީ ނާދިރުކަމެކެވެ. އެހެންނަމަވެސް، ރާއްޖެ ކައިރީ އުފެދޭ ތޫފާންތަކުގެ ސަބަބުން ކުރިމަތިވާ ނުސީދާ އަސަރުތަކުގެ ސަބަބުން ގަދަވައި، ބޯކޮށް ވާރޭވެހުން، އަދި ކަނޑު ގަދަވުން ފަދަ ގޯސް މޫސުމުގެ އަސަރުތައް ރާއްޖެއަށް ކުރެއެވެ. މީގެސަބަބުން އާއްމު ޙާލަތަށް ބުރޫއަރާ ގޭބިސީ ފެންވަރުގައި ގެއްލުންތައް ވެ، ކަނޑުދަތުރު ފަތުރު ހުއްޓި އާއްމު ހާލަތައް ބުރޫއަރައެވެ.

ބޯކޮށް ވާރޭވެހި މާލޭގައި މަގުމަތީގައި ފެންބޮޑުވުމާއި ގުޅިގެން ރައްޔިތުން ފެންބޮޑުވެފައިވާ މަގުތަކުން އިނގަމުންދާ މަންޒަރު. ފޮޓޯ: އެންޑީއެމްއޭ
ތޫފާންތަކުން ދިވެހިރާއްޖެއަށް ކުރާ އަސަރު
ރާއްޖޭގެ މޫސުމަށް އަސަރުކުރާ ތޫފާންތައް ގިނަ ފަހަރު އުފެދެނީ އަރަބި ކަނޑު ނުވަތަ ބަންގާޅު ކަނޑުގައެވެ. މިފަދަ ތޫފާންތައް ގިނަ ފަހަރު ދަތުރު ކުރަނީ ރާއްޖޭގެ އުތުރުން ނުވަތަ އިރުއުތުރުންނެވެ. ތޫފާންތައް ރާއްޖޭގެ ސަރަޙައްދަށް ދަތުރު ނުކުރިކަމުގައި ވިޔަސް ތޫފާންގެ ވައިގެ އަދި ވާރޭގެ ފަށަލަތަކުން ދިވެހިރާއްޖޭގެ މޫސުން ގޯސްވެ ރަށްތަކަށް އަސަރުކުރެއެވެ.
ތާރީޚީ ގޮތުން ބަލާއިރު، ރާއްޖޭގެ ސަރަޙައްދުން ދަތުރުކޮށްފައި ވަނީ މަދު ތޫފާނުތަކެއް ކަމުގައި ވިޔަސް، ރާއްޖެއަށް ގިނައިން އަސަރު ކުރަނީ ރާއްޖޭގެ ކައިރީގައި އުފެދޭ ނިޒާމުތަކުގެ ސަބަބުން ކުރިމަތިވާ ގަދަވައި، ބޯކޮށް ވާރޭވެހުން، އަދި ކަނޑުގަދަވުމުގެ ސަބަބުންނެވެ. މިފަދަ ކޮޅިގަނޑުތަކުގެ ސަބަބުން ގޮނޑުދޮށުގެ ސަރަޙައްދުތަކުގައި ފެންބޮޑުވުމާއި، ފުރާޅުތަކަށް ގެއްލުންވުން، އަދި ކަރަންޓާއި މުވާސަލާތީ ޚިދުމަތްތަކަށް ބުރޫއެރުން ކުރިމަތިވެއެވެ.
ސައިންސްވެރިންނާއި މޫސުން ލަފާކުރާ ފަރާތްތަކުން ރާއްޖެ ކައިރީގައި ތޫފާނުތައް އުފެދުމަށް އަސަރުކުރާ މުހިންމު ދެ ސަރަޙައްދެއް ފާހަގަކުރެއެވެ. އެއީ:
އަރަބި ކަނޑުގެ ސަރަޙައްދު (ރާއްޖޭގެ ހުޅަނގު): މިއީ އުތުރުގެ އަތޮޅުތަކަށް، ޚާއްސަކޮށް ހއ. އަތޮޅާއި ހދ. އަތޮޅަށް އަސަރުކުރާ ތޫފާންތައް އުފެދޭ މައިގަނޑު މަޞްދަރެވެ. މިފަދަ ކޮޅިގަނޑުތައް ގިނަ ފަހަރު އުފެދެނީ ހުޅަނގު މޫސުމުގެ ދުވަސްވަރު (މެއި-ނޮވެމްބަރު) އެވެ.
ބަންގާޅު ކަނޑުގެ ސަރަޙައްދު (ރާއްޖޭގެ އިރުމަތި): މި ސަރަޙައްދުގައި އުފެދޭ ތޫފާންތަކުގެ އަސަރު އާއްމުކޮށް މެދުރާއްޖެ އަދި ދެކުނުގެ އަތޮޅުތަކަށް ގަދަވައިގެ އަދި ބޯކޮށް ވާރޭވެހުމުގެ ސަބަބުން އަސަރުކުރެއެވެ. ސީދާ ތޫފާނުގެ އަސަރުކުރުމަކީ ނާދިރުކަމެއް ނަމަވެސް، ތޫފާނުގެ ނުސީދާ އަސަރުތައް ކަމަށްވާ ބޯކޮށް ވާރޭ ވެހުމާއި، އުދައެރުމާއި ކަނޑުގަދަވުން ފަދަ އަސަރުތައް ކުރެއެވެ.
ރާއްޖެ އޮންނަނީ އިކުއޭޓަރާ ކައިރީގައި ކަމަށްވާތީ، ރާއްޖޭގެ ރަށްތަކުގެ މަތިން ސީދާ ތޫފާނެއް އުފެދުމަކީ ނާދިރުކަމެކެވެ. އެހެންނަމަވެސް، ތޫފާންތަކާއި ގުޅިގެން ބޯކޮށް ވާރޭވެހުން، ވައި، އަދި ކަނޑުގެ އުދަ ބާނި ބޮޑުވުން ފަދަ ފެންސުމީ އަރައްކާތައް ގިނައިން ކުރިމަތިވެއެވެ. މިކަމުގެ ސަބަބުން ޚާއްސަކޮށް ބިންތިރި ސަރަހައްދުތަކާއި ގޮނޑުދޮށުގައި ހުންނަ އުމްރާނީ ވަޞީލަތްތަކަށް ބޮޑެތި ގެއްލުންތަކެއްވެ އާއްމު ޙާލަތައް ބުރޫއެރުން ކުރިމަތިވެދާނެއެވެ.

މި މެޕުން ދައްކުވައިދެނީ 2024 ވަނަ އަހަރުގެ އުތުރު އިންޑިއާ ކަނޑުގެ ސައިކްލޯން މޫސުމުގައި އުފެދުނު ހުރިހާ ތޫފާންތަކެއް ދަތުރުކުރި މަގުތައް. ޕޮއިންޓްތަކުން ދައްކުވައިދެނީ ކޮންމެ 6 ގަޑިއިރަކުން ތޫފާން ދަތުރުކޮށްފައި ހުރި ތަން. ކުލައިން ދައްކުވައިދެނީ ސެފިރ-ސިމްޕްސަން ހަރިކޭން ސްކޭލްގައި ގިންތިކުރެވިފައިވާ ގޮތަށް ވައިގެ އެންމެ ބާރު ސްޕީޑް. (މަސްދަރު: 2024 އުތުރު އިންޑިއާ ކަނޑުގެ ސައިކްލޯން މޫސުން - ވިކިޕީޑިއާ)
ރާއްޖޭގައި ތޫފާންތަކުގެ ރިސްކަށް ހުށަހެޅިފައިވާ ޒޯންތައް
ރާއްޖޭގައި ތޫފާންތަކުގެ ރިސްކަށް ހުށަހެޅިފައިވާ މިންވަރު އެކި ސަރަޙައްދުތަކަށް ތަފާތުވެއެވެ. ތާރީޚީ ރެކޯޑުތަކުން ދައްކާ ގޮތުގައި، އުތުރުގެ އަތޮޅުތަކަކީ އަރަބި ކަނޑުގައި އުފެދޭ ތޫފާންތަކާއި ގަދަވައިގެ ސަބަބުން އެންމެ ބޮޑަށް ނުރައްކަލަށް ހުށަހެޅިފައިވާ ސަރަޙައްދުތަކެވެ. އެހެންނަމަވެސް، ތޫފާންތަކުގެ ނުސީދާ އަސަރު މެދުރާއްޖެ ތެރެއާއި ދެކުނުގެ އަތޮޅުތަކަށް ކުރާވަރު އުތުރުގެ އަތޮޅުތަކަށް ބަލާނަމަ ކުޑައެވެ. ތޫފާންތަކުގެ ނުސީދާ އަސަރުތަކަކީ މައިގަނޑު ގޮތެއްގައި ބޯކޮށް ވާރޭވެހުމާއި، ކަނޑު ގަދަވުމާއި، އުދަ ބާނި އެރުން ފަދަ އަރައްކާތަކެވެ.
ތިރީގައިވާ ޗާޓުން ދައްކުވައި ދެނީ ރިސްކުދެނެގަތުމަށް ރާއްޖޭގައި ކުރެވުނު ދިރާސާތަކުން ފާހަގަކުރެވިފައިވާ ތޫފާންތަކުގެ ރިސްކަށް ހުށަހެޅިފައިވާ 5 ޒޯންއެވެ. މި ޒޯންތައް ބިނާކުރެވިފައިވަނީ ތޫފާންތަކުގެ ބާރު ވައިގެ ޖެހޭ މިންވަރުގެ މައްޗަށެވެ. ވައިގެ ބާރުމިނާއި ތޫފާނާއި ކޮޅިގަނޑު އަސަރު ކުރާމިންވަރު އުތުރުން ދެކުނަށް ދިއުމުން ކުޑަވާކަން މި ޒޯންތަކުން ދައްކުވައި ދެއެވެ.

ތޫފާންތަކުގެ ރިސްކުގައިވާ ރާއްޖޭގެ ސަރަޙައްދުތައް ދައްކުވައިދޭ ޗާޓޫ (މަސްދަރު: ޔޫ.އެން.ޑީ.ޕީ އިން ތައްޔާރުކޮށްފައިވާ ޑިޒާސްޓަރ ރިސްކު ޕްރޮފައިލް)
ޒޯން 5 – އެންމެ ރިސްކު ބޮޑު ޒޯން (އަތޮޅުތައް: ހއ، ހދ، ށ)
އަރަބި ކަނޑުގައި ތޫފާން ދަތުރުކުރާ މައިގަނޑު މަގުތަކާ އެންމެ ގާތުގައި އޮންނަ ސަރަޙައްދެވެ.
ތޫފާންތައް ކައިރިން ދަތުރުކުރާ އިރު ގަދަވައި، ބޯކޮށް ވާރޭވެހުން އަދި ކަނޑު ގަދަވުން އެންމެ ބޮޑަށް ކުރިމަތިވާ ސަރަޙައްދު
މި ސަރަޙައްދުގެ ރަށްތަކުގެ ރައްޔިތުން މޫސުން ގޯސްވުމުގެ ކުރިން ފުރާޅުތައް ވަރުގަދަކުރުމާއި، ބަނދަރުގައި އަޅާފައިވާ ދޯނިފަހަރު ރައްކާތެރިކުރުމާއި، ކުއްލި ހާލަތަށް ބޭނުންވާ ތަކެތި ފަސޭހައިން ލިބޭނެ ގޮތަށް ބެހެއްޓުމަށް އިސްކަންދޭންވާނެއެވެ.
ޒޯން 4 – ރިސްކު ބޮޑު ޒޯން (އަތޮޅުތައް: ނ، ޅ، ރ، ބ)
ކޮޅިގަނޑުގެ އަސަރު ފޯރާ ސަރަޙައްދުގައި ހިމެނުނަސް، ޒޯން 5 ގައި ހިމެނޭ އަތޮޅުތަކަށް ވުރެއަސަރު ކުޑަކަމަށް ފެނިދާނެއެވެ.
ވައިގެ ސަބަބުން ލިބޭ ގެއްލުންތަކާއި ބޯކޮށް ވާރޭވެހުން ކުރިމަތިވެދާނެއެވެ. ޚާއްސަކޮށް ހުޅުގަނގު މޫސުން ފެށޭ އިރު އާއި ފަހުން އުފެދޭ ބާރުގަދަ ނިޒާމުތަކުގެ ސަބަބުން މިފަދަ އަރައްކާތައް ކުރިމަތިވާނެއެވެ.
ޒޯން 3 – މެދުމިނުގެ ރިސްކު ޒޯން (އަތޮޅުތައް: ކ، އއ، އދ، ވ)
ބައެއް ފަހަރު ކޮޅިގަނޑުގެ ބާރު ވައިގެ އަސަރާއި އެއާއެކު އުފެދޭ އުދައިގެ އަސަރު މިސަރަޙައްދަށް ކުރާނެއެވެ.
މިސަރަޙައްދަށް ކުރާ އަސަރުތަކުގެ ތެރޭގައި ބިންތިރި ސަރަހައްދުތަކުގައި ފެންބޮޑުވުމާއި، ބާރުވައިގެ ސަބަބުން ފުރާޅުތަކަށް ގެއްލުންވުމާއި، ދަތުރުފަތުރަށް ބުރޫއެރުން ހިމެނެއެވެ.
ރަށްރަށުގެ ފެންވަރުގައި ތައްޔާރުވުމާއި، ޑްރެއިނޭޖް ނިޒާމުތައް ބެލެހެއްޓުމާއި، ރައްކާތެރި ހިޔާވަހިކަން ހޯދުމަކީ ނުރައްކާ ކުޑަކުރާނެ ފިޔަވަޅުތަކެވެ.
ޒޯން 2 – ރިސްކު ކުޑަ ޒޯން (އަތޮޅުތައް: މ، ފ، ދ، ތ، ލ)
ސީދާ ތޫފާން ވައިގެ އަސަރު މަދުން ނޫނީ ނުކުރާ ސަރަޙައްދެކެވެ.
ބާރުގަދަ ކޮޅިގަނޑުތަކުގެ އަސަރުކުރާ ދުވަސްވަރު ބޯކޮށް ވާރޭވެހުމާއި، ކަނޑު ގަދަވުމާއި، އުދަ ބާނި އެރުން ފަދަ ކަންކަން ކުރިމަތިވެދާނެއެވެ.
މަސްވެރިންނާއި ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުން ގޯސްވާ ދުވަސްވަރު މެޓް އޮފީހުން ދޫކުރާ އިރުޝާދުތަކާއި އެއްގޮތަށް އަމަލުކުރުން މުހިއްމުއެވެ.
ޒޯން 1 – ރިސްކު އެންމެ ކުޑަ ޒޯން (އަތޮޅުތައް: ގއ، ގދ، ޏ، ސ)
ދެކުނު އިކުއޭޓަރާ ކައިރީގައިވާ ސަރަޙައްދުތަކެއް ކަމަށްވުމުން ތޫފާންތަކުގެ އަސަރު އެންމެ ކުޑައިން ކުރާ ސަރަޙައްދެކެވެ.
ބާރުގަދަ ކޮޅިގަނޑުތަކުގެ އަސަރުކުރާ ދުވަސްވަރު ބޯކޮށް ވާރޭވެހުމާއި، ކަނޑު ގަދަވުމާއި، އުދަ ބާނި އެރުން ފަދަ ކަންކަން ކުރިމަތިވެދާނެއެވެ.
ކަނޑުދަތުރު ކުރުމަށް ސަމާލުވުމާއި ގޮނޑުދޮށުގެ ސަރަޙައްދުތަކުގައި ފެންބޮޑުވުމުގެ ހާދިސާތަކަށް ސަމާލުކަން ދިނުން މުހިއްމުއެވެ.
ރާއްޖޭގައި ކޮޅިގަނޑާއި ގުޅޭ އެލަރޓްތައް
މޫސުން ގޯސްވާނެކަމުގެ ތަބީއީ ނިޝާންތައް
އެލަރޓްތައް އިއުލާންކުރުމުގެ ކުރިންވެސް މޫސުން ގޯސްވާނެކަމުގެ ބައެއް ނިޝާންތައް ފެނިދާނެއެވެ.
އުޑުބަތި ބަނަވުމާއި ގުގުރުމުގެ އަޑު އަވަސްއަވަހަށް އިވުން.
ގަދަވައި ޖެހި ވައިގެ ބާރުމިން އިތުރުވަމުން ދިއުން.
ގޮނޑުދޮށާ ކައިރީގައި ކަނޑު ގަދަވެ ރާޅު ބޮޑުވުން
ބޯކޮށް ވާރޭވެހުން.
މިފަދަ ނިޝާންތައް ފެނިއްޖެނަމަ، ބޭރުގައި ކުރާ މަސައްކަތްތަކުން ހުއްޓާލުމާއި، ރޭޑިއޯ، ޓީވީ ނުވަތަ މޯބައިލް ފޯނުން މެދުވެރިކޮށް މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތުތަކަށް ސަމާލުވުން މުހިއްމުއެވެ.
އަބަދުވެސް ދުރާލާ ތައްޔާރުކަން އިތުރުކުރުން
• ރަށް ސާފުކުރުމުގެ ޕްރޮގްރާމުތައް ހިންގާ، ޑްރެއިނޭޖް ނިޒާމުތައް ބެލެހެއްޓުން.
• ސަރުކާރު އިމާރާތްތަކާއި ސްކޫލުތައް ރައްކާތެރި ހިޔާވައްސެއްގެ ގޮތުގައި ބޭނުންކުރަން ޖެހިދާނެ ހާލަތަކަށް ވަރުގަދަ(ރީއިންފޯސް)ކުރުން
• ކުއްލި ހާލަތްތަކުގައި އެހީތެރިވުމަށް ރަށު ފެންވަރުގެ ވޮލަންޓިއަރުން ތަމްރީނުކުރުން.
• ކުއްލި ހާލަތްތަކުގައި ގުޅޭނެ ފޯނު ނަންބަރުތަކުގެ ލިސްޓު އަޕްޑޭޓްކޮށް ބެހެއްޓުން.
• މޫސުން ގޯސްވާ ވަގުތުތަކުގައި މުވާސަލާތީ ވަސީލަތްތައް ޗާޖުކޮށްފައި ބެހެއްޓުން.
• ތޫފާންތައް ރާއްޖޭގެ ރަށްތަކުގެ މަތީގައި އުފެދުމަކީ ނާދިރު ކަމެއް ނަމަވެސް، އަވަހަށް ފިޔަވަޅު އެޅުމަށާއި ހޭލުންތެރިކަން އިތުރުކުރުމަކީ މުޖުތަމަޢުތަކުގެ ވިލުންތެރިކަން ކަށަވަރުކުރާނެ ކަންކަމެވެ.
ތޫފާނުގެ ކުރިން: ތައްޔާރުވުން
• ގަދަވައިގެ ސަބަބުން ލިބޭ ގެއްލުންތަކުން ރައްކާތެރިވުމަށް ފުރާޅުތަކާއި، ކުޑަދޮރުތަކާއި ދޮރުތައް ވަރުގަދަކުރުން.
• ދޯނިފަހަރު ރައްކާތެރި ބަނދަރަކަށް ގެއްލުންކުޑަވާނެ ހިސާބުތަކަށް ބަދަލުކުރުން.
• ފެންބޮޑުވުމުގެ ނުރައްކާ ކުޑަކުރުމަށް ޑްރެއިނޭޖް ނިޒާމުތައް ބަލާ ސާފުކުރުން.
• ކުއްލިހާލަތްތަކުގައި ބޭނުންކުރުމަށް ފެން، ކާނާ، ޓޯޗު، ބެޓެރި، ފަސްޓް އެއިޑް ކިޓު އަދި މުހިއްމު ލިޔެކިއުންތައް ފަސޭހައިން އަތުޖެހޭ ގޮތަށް ދުރާލާ ހޯދައި ރައްކާކޮށް ފައި ބެހެއްޓުން.
• ދިރިއުޅޭ ރަށުގައި ހުންނަ ރައްކާތެރި ހިޔާވަހިތައް ދެނެގަނެ، އެތަންތަނަށް ދާނެ ގޮތް ބަލައި ދަސްކޮށްފައި ބެހެއްޓުން.
• މެޓް އޮފީހުގެ ނިމުތުތަކާއި އެންޑީއެމްއޭގެ އިރުޝާދުތަކަށް ސަމާލުވުން.
• ކޮންމެ ތޫފާންތައް އުފެދޭ މޫސުމުގެ ކުރިން ރަށު ކައުންސިލްތަކުން ރައްކާތެރި އިމާރާތްތައް ދެނެގަނެ، އެތަންތަނުގެ ހާލަތު ބަލާ، ރައްޔިތުންނާއި މުވާސަލާތު ކުރާނެ ގޮތްތައް ދުރާލާ ކަނޑައެޅުން
ކޮޅިގަނޑެއްގެ ތެރޭގައި: ސަލާމަތްތެރިކަމާއެކު ހުރުން
ގަދަވައި ޖެހި ބޯވާރޭ ވެހެން ފަށައިފިނަމަ:
• ގޭތެރޭގައި ހުރުމާއި ދޮރުތަކާއި ކުޑަދޮރުތަކާއި ކައިރި ނުވުން.
• މޫސުން ހަމަހިމޭން ކަމަށް ހީވިޔަސް ބޭރަށް ނުނިކުތުން، އެއީ ތޫފާނުގެ ލޯކަމަށް ވެދާނެއެވެ.
• އަލިފާނުގެ ނުރައްކަލުން ރައްކާތެރިވުމަށް އުއްބައްތި ބޭނުންކުރުމުގެ ބަދަލުގައި އެމަރޖެންސީ ލައިޓު ނުވަތަ ޓޯޗު ބޭނުންކުރުން.
• ކަރަންޓު ކަނޑާލުމަށް ކަމާގުޅޭ އިދާރާތަކުން އިރުޝާދު ކަރަންޓުގެ ސާމާނުތައް ބޭނުންކުރުން ހުއްޓާލާ ކަރަންޓު ކަނޑާލުން.
• އެހެންތާކަށް ބަދަލުވާނަމަ ނުވަތަ ދިރިއުޅޭގެ ދޫކޮށް އެހެންތާކަށް ދާނަމަ އެންޑީއެމްއޭ ނުވަތަ ރަށު ކައުންސިލުން ދޫކުރާ ރަސްމީ މައުލޫމާތުތަކަށް ސަމާލުވުން.
• ރިސޯޓެއްގައި ނުވަތަ ގެސްޓްހައުސްއެއްގައި ހުރިނަމަ، ސްޓާފުންގެ އިރުޝާދުތަކަށް ތަބާވެ، ކަނޑައަޅާފައިވާ ރައްކާތެރި ސަރަޙައްދުތަކުގައި މަޑުކުރުން.
ނުތަނަވަސްކަން ކުޑަކުރުމާއި އެކު، ރައްކާތެރިކަމުގެ އިރުޝާދުތަކަށް ތަބާވުމަކީ ގަދަ ކޮޅިގަނޑުގައި ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް އެހީވެދޭނެ ކަމެކެވެ.
ކޮޅިގަނޑުތަކުގެ ފަހުން: ސަމާލުކަމުގައި ހުރުން
ތޫފާން ނިމުމުން:
• އެންޑީއެމްއޭ ނުވަތަ ރަށު ކައުންސިލުން އިރުޝާދުދެންދެން ބޭރަށް ނުނިކުމެ ގޭގައި މަޑުކުރުން.
• ހަލާކުވެފައިވާ ކަރަންޓު ވައިރުތަކާއި، ފެންބޮޑުވެފައިވާ ސަރަޙައްދުތަކާއި، އަދި ޖަމާވެފައިވާ ކުނިތަކުން ދުރުހެލިވުން.
• އެހީތެރިކަން ބޭނުންވެދާނެ އާއިލާ މީހުންނާއި އަވަށްޓެރިންނަށް އެހީތެރިވުން.
• ޞިއްޙީ ނުރައްކާތަކުން ރައްކާތެރިވުމަށް ގޭތެރޭގެ ހުރިހާ ސަރަޙައްދުތައް ސާފުކޮށް ޑިސްއިންފެކްޓްކުރުން.
• ގޭގެ ފުރާޅުތަކާއި ދަތުރުކުރުމަށް ބޭނުންކުރާ އެއްގަމު އަދި ކަނޑުއުޅަނދު ބަލާ ފާސްކުރަންވާނީ ރައްކާތެރިކަމާއެކު އެކަން ކުރެވޭނެ ހާލަތްތަކުގައި އެކަންޏެވެ.
• އެހީތެރިކަން ހޯދުމަށް ނުވަތަ ލިބުނު ގެއްލުންތަކަށް އެހީ ބޭނުންވާނަމަ ރަށު ކައުންސިލަށް ނުވަތަ އެންޑީއެމްއޭ އަށް ރިޕޯޓުކުރުން.