ކޮޅިގަނޑަކީ ކޮބާ؟
ކޮޅިގަނޑު ކަމަށް ބުނެވެނީ، ގުގުރުމާއެކު ވާރޭވެހުމާ ނުވަތަ ބޯ ވާރޭ ވިލާގަނޑަކާ ގުޅިގެން ކުއްލިއަކަށް ވައިގެ ބާރުމިން އިތުރުވުމަށެވެ. ކޮޅިގަނޑަކީ މާބޮޑު އިންޒާރަކާ ނުވަތަ އެއްވެސް އިންޒާރަކާ ނުލައި ކުއްލިއަކަށް އުފެދި، މަދު މިނެޓްކޮޅަކުން ފެށިގެން ގަޑިއިރަކަށް ދެމިގެންދާނެ ކަމެކެވެ. ބައެއް ފަހަރު ކޮޅިގަނޑާއެކު ބޯކޮށް ވާރޭވެހުމާއި، ވިދާގުގުރުމާއި، އަދި ކަނޑުގެ ހާލަތު ވަރަށް އަވަހަށް ބަދަލުވުން ފަދަ ކަންކަން މެދުވެރިވެއެވެ.
ރާއްޖޭގައި ކޮޅިގަނޑަކީ އާންމުކޮށް ތަޖުރިބާކުރެވޭ މޫސުމީ އަރައްކަލެކެވެ. ޚާއްޞަކޮށް މޫސުން ގޯސްވާ ދުވަސްވަރުގައާއި މޫސުމީ ނިޒާމުތައް ހަރަކާތްތެރިވާ ދުވަސްވަރުގައެވެ. ކޮޅިގަނޑަކީ ކުރު މުއްދަތަކަށް ދެމިގެންދާ ކަމެއް ނަމަވެސް، މިއީ ކުއްލިއަކަށް އުފެދޭ ބާރުގަދަ ވަޔަކަށް ވާތީ، މީގެ ސަބަބުން ގެއްލުންތަކާ ކުރިމަތިވެ، ސަލާމަތްތެރިކަމަށް ނުރައްކާވެދާނެއެވެ.
ރާއްޖޭގައި ކޮޅިގަނޑު އުފެދެނީ ކިހިނެއް؟
ރާއްޖޭގައި އާންމުގޮތެއްގައި ކޮޅިގަނޑު އުފެދެނީ، ބޯ ވާރޭ ވިލާގަނޑެއް ނުވަތަ ގުގުރުމާއެކު ވާރޭވެހޭ ނިޒާމުތައް ހަލުވިކަމާއެކު ރަށްތަކުގެ މަތިން ނުވަތަ ވަށައިގެންވާ ކަނޑުމަތިން ދަތުރުކުރުމުންނެވެ. މި ނިޒާމުތަކުގެ ސަބަބުން ކުއްލިއަކަށް ވައި ތިރިއަށް ފައިބައި، ބިމާ ހަމައިގައި ވައިގެ ބާރުމިން ކުއްލިއަކަށް އިތުރުކުރުވައެވެ.
ކޮޅިގަނޑު އުފެދުމުގެ ފުރުޞަތު އެންމެ ބޮޑީ:
މޫސުން ގޯސްވެ، ވައި ނުސާފުވާ ދުވަސްވަރު
މޫސުމީ ނިޒާމުތައް ހަރަކާތްތެރިވާ ދުވަސްވަރު
ދެ މޫސުން ބެދޭ ދުވަސްވަރު
ރާއްޖެއަކީ ބިންތިރި، ވަށައިގެން ހާމަ ކަނޑު އޮންނަ ޖަޒީރާ ޤައުމަކަށް ވެފައި، ގަދަ ވައި ހިފަހައްޓާނެ ޤުދުރަތީ ހުރަސްތައް މަދުވުމުގެ ސަބަބުން، ކޮޅިގަނޑުތައް ހަލުވިކަމާއެކު ފަޅުތަކާއި، އައްސޭރިފަށާއި، އަދި މީހުން ދިރިއުޅޭ ރަށްރަށުގެ މަތިން ދަތުރުކުރެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން އެއްވަގުތެއްގައި އެއްގަމާއި ކަނޑަށް އޭގެ އަސަރު ފޯރައެވެ. ކުއްލިއަކަށް އުފެދުމާއި، ބާރުގަދަ ވައިޖެހުމާއި، އަދި ހާމައަށް އޮންނަ އޮތުމުގެ ސަބަބުން، ރާއްޖޭގައި ކޮޅިގަނޑަކީ ގިނަގިނައިން ކުރިމަތިވާ އަދި އޭގެ އަސަރު ބޮޑު އަރައްކަލެކެވެ.

ކޮޅިގަނޑުގެ ސަބަބުން ކޮށްފާނެ އަސަރުތަކަކީ ކޮބާ؟
ކޮޅިގަނޑަކީ އާންމުގޮތެއްގައި ކުރު މުއްދަތަކަށް ދެމިގެންދާ ކަމެއް ނަމަވެސް، މީގެ ސަބަބުން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އާންމު ދިރިއުޅުމަށް ބުރޫއަރައެވެ. ކުއްލިއަކަށް ޖެހޭ ގަދަ ވައިގެ ސަބަބުން ފުރާޅުތަކަށާއި ވަގުތީ ހިޔާތަކަށް ގެއްލުންވެ، ޕާކުކޮށްފައި ހުންނަ ސައިކަލުތައް ވެއްޓި، އަދި ރައްކާތެރިނުކޮށް ހުންނަ ތަކެތީގެ ސަބަބުން ނުރައްކާތަކާ ކުރިމަތިވެއެވެ. ހަމައެއާއެކު ކަނޑު ގަދަވުމުގެ ސަބަބުން ފެރީގެ ޚިދުމަތްތަކަށާއި މަސްވެރިކަމަށް ހުރަސްއެޅެއެވެ.
ކުރިމަތިވެދާނެ ބައެއް އަސަރުތަކުގެ ތެރޭގައި:
ފުރާޅުތަކަށާއި، ވަގުތީ ހިޔާތަކަށާއި، އަދި ރައްކާތެރިނުކޮށް ހުންނަ މުދަލަށް ގެއްލުންވުން
މަސްދޯނިފަހަރަށާއި، ފެރީތަކަށާއި، އަދި ކަނޑުމަތީގައި އުޅޭ ކުދި އުޅަނދުފަހަރަށް އޮންނަ ނުރައްކާ ބޮޑުވުން
ބަނދަރުގެ އޮޕަރޭޝަންތަކަށާއި ރަށްރަށުގެ މެދުގައި ކުރާ ދަތުރުފަތުރަށް ބުރޫއެރުން
ގަސްތައް ވެއްޓުމާއި ގަސްގަހާގެއްސަށް ގެއްލުންވުން
ކަރަންޓު ކެނޑުމާއި މުވާސަލާތީ ޚިދުމަތްތަކަށް ބުރޫއެރުން
ދަތުރުފަތުރުކުރާއިރު އަދި ބޭރުގައި ހަރަކާތްތެރިވާއިރު އެކްސިޑެންޓްވުމުގެ ހިރާސް އިތުރުވުން
ގިނަ ފަހަރަށް ކޮޅިގަނޑުގެ އަސަރު އެއްފަހަރާ ބޮޑު ސަރަޙައްދަކަށް ކުރާތީ، މިއީ ކުރު ވަގުތުކޮޅަކަށް ހިނގާ ކަމަކަށް ވިޔަސް، ދުވަހުން ދުވަހަށް ކުރާ ދަތުރުތަކަށާއި، އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތަކަށާއި، އަދި ޒަރޫރީ ޚިދުމަތްތަކަށް ބުރޫއަރައެވެ.
އިންޒާރުދޭ ނިޝާންތަކާއި މޫސުމީ މަޢުލޫމާތު
ކޮޅިގަނޑަކީ ގިނަ ފަހަރަށް ވަރަށް އަވަހަށް އުފެދޭ އެއްޗަކަށް ވާތީ، ޚާއްޞަކޮށް މޫސުމީ ދުވަސްވަރުގައާއި މޫސުން ގޯސްވާ ވަގުތުތަކުގައި މޫސުމާބެހޭ ޤައުމީ އިދާރާއިން ނެރޭ މޫސުމީ މަޢުލޫމާތާއި ސަމާލުތަކަށް ވަރަށް ބޮޑަށް ފާރަވެރިވާންވާނެއެވެ. ކޮޅިގަނޑެއް އުފެދެމުން އަންނައިރު، ތިރީގައިވާ ނިޝާންތައް ފެނުމަކީ އެކަށީގެންވާ ކަމެކެވެ:
އުޑުމަތި ވަރަށް އަވަހަށް ކަޅުވުން ނުވަތަ ވިލާތައް ބޯވުން (މިއީ ގިނަ ފަހަރަށް ބޯ ވާރޭގަނޑެއް ނުވަތަ ތޫފާނެއް އަންނަކަމުގެ ނިޝާނެއް)
ކުއްލިއަކަށް ވައިބާރުވުން، އޭގެ ތެރޭގައި ވައިގެ މިސްރާބު ބަދަލުވެދާނެ ފަދަ ކުއްލި ވައިރޯޅިތައް ހިމެނޭހެން
ކަނޑު ގަދަވުން ނުވަތަ އޮޅިފައި އޮތުން، މީގެ ސަބަބުން އުޅަނދުފަހަރަށާއި ބަނދަރު ސަރަޙައްދުތަކަށް ނުރައްކާ ބޮޑުވޭ
ކުއްލިއަކަށް ބޯކޮށް ވާރޭވެހެން ފެށުން، އަދި ބައެއް ފަހަރު ދުރު ފެންނަ މިންވަރު ދަށްވުން
ކޮޅިގަނޑު، ގަދަ ވައި، އަދި މޫސުން ގޯސްވާ ހާލަތްތަކުގައި އަމަލުކުރާނެ ގޮތް
ހޭލުންތެރިކަމާއި ތައްޔާރުވެ ތިބުމުގެ ތެރެއިން ހިރާސް ކުޑަކުރުން
ކޮޅިގަނޑަކީ ރާއްޖޭގެ މޫސުމީ ނިޒާމުގައި އާންމު ކަމެކެވެ. އަދި މިއީ ކުއްލިއަކަށް އުފެދި، އޭގެ ސަބަބުން ޖެހޭ ގަދަ ވަޔާއި ބޯ ވާރޭގެ ސަބަބުން މީހުންނަށާއި، މުދަލަށާއި، އަދި އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތަކަށް ނުރައްކާ ކުރިމަތިކުރުވާ ކަމެކެވެ.
މި ހާދިސާތަކަކީ ގިނަ ފަހަރަށް ކުރު މުއްދަތަކަށް ހިނގާ ކަންކަން ނަމަވެސް، ދަތުރުފަތުރާއި، އުމްރާނީ ވަސީލަތްތަކާއި، އަދި ދުވަހުން ދުވަހަށް ކުރާ ކަންކަން އެއްކަމަކުން އަނެއްކަމަކަށް ވަރަށް ބޮޑަށް ގުޅިފައިވާ ޖަޒީރާ މާހައުލެއްގައި މީގެ އަސަރުތައް ވަރަށް ބޮޑުވެދާނެއެވެ. ބަދަލުވަމުންދާ މޫސުމީ ހާލަތްތަކަށް ސަމާލުވެ ތިބުމާއި، ކުރީބައިގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމާއި، އަދި ހާދިސާއަށްފަހު ޒިންމާދާރުކަމާއެކު އަމަލުކުރުމަކީ، ގެއްލުން ކުޑަކޮށް، އާންމު ހާލަތަށް ރުޖޫޢަވުމަށް އެހީތެރިވެދީ، އަދި ޖަޒީރާ މުޖުތަމަޢުތަކުގެ ސަލާމަތްތެރިކަމާއި ވިލުންވެރިކަން ވަރުގަދަކޮށްދޭނެ ކަންކަމެވެ.