ކަނޑުމަތީގެ ނުރައްކާތަކަކީ ކޮބާ؟
ކަނޑުމަތީގެ ނުރައްކާތައް ނުވަތަ ހާދިސާތައް ކަމަށް ބުނެވެނީ، އިންސާނުންގެ ސަލާމަތާއި، އިޤްތިޞާދީ ހަރަކާތްތަކާއި، އަދި ކަނޑުގެ ނާޒުކު ތިމާވެއްޓަށް ސީދާ ނުވަތަ ނުސީދާ ގޮތެއްގައި ނުރައްކާވާ ފަދަ ކަނޑުމަތީގައި ހިނގާ ހާދިސާތަކަށެވެ. ކުޑަ ޖަޒީރާ ޤައުމަކަށް ވުމާއެކު، ރާއްޖެއަކީ ކަނޑުމަތީގެ ނުރައްކާތަކަށް އަބަދުވެސް ހުށަހެޅިފައިވާ ޤައުމެކެވެ. މޫސުން ގޯސްވުމަކީ ގިނަ ހާދިސާތައް ހިނގަން މެދުވެރިވާ މައިގަނޑު ސަބަބު ކަމުގައިވީ ނަމަވެސް، އެކަށީގެންވާ ސަލާމަތީ އާލާތްތައް ނެތުމާއި، މޫސުމުގެ ސަމާލުތަކަށް ފަރުވާކުޑަކުރުމާއި، ނުވަތަ އުޅަނދަށް އެކަށީގެންވާ ވަރަށްވުރެ ގިނައިން މީހުން ނުވަތަ މުދާ އެރުވުން ފަދަ ސަލާމަތީ މިންގަނޑުތަކާ ޚިލާފުވުމުގެ ސަބަބުންވެސް ގިނަ ހާދިސާތައް ހިނގައެވެ.
ރާއްޖެއަކީ 90،000 އަކަ ކިލޯމީޓަރަށްވުރެ ބޮޑު ކަނޑުގެ ސަރަޙައްދެއްގައި ފެތުރިފައިވާ، މީހުން ދިރިއުޅޭ 186 ރަށް ހިމެނޭ ޖަޒީރާ ޤައުމެކެވެ. ރަށްތަކުގެ މެދުގައި އެއްގަމު މަގުތަކެއް ނުވަތަ ރޭލު ވިއުގައެއް ނުވަތަ ބްރިޖްތަކެއް (ގިނަ ރަށްރަށުގައި) ނެތެވެ. މީހުންނާއި، ކާބޯތަކެއްޗާއި، ތެލާއި، ބޭހާއި، އަދި މުދާ އެއްތަނުން އަނެއް ތަނަށް އުފުލުމުގެ ހުރިހާ ކަމެއްވެސް ކުރަނީ ކަނޑުމަގުންނެވެ.
މަސްދޯނިފަހަރު ފަތިހު ފުރައިގެން ދެއެވެ. މަސައްކަތްތެރިންނާއި، ދަތުރުވެރިން އަދި ފަތުރުވެރިން ރިސޯޓުތަކަށާއި ރަށްރަށަށް އުފުލަނީ ސްޕީޑްބޯޓުތަކާއި ފެރީތަކުގައެވެ. ރާއްޖެއަށް އެތެރެކުރާ އަސާސީ މުދަލުގެ 90 އިންސައްތަ ގެންނަނީ ކާގޯ ބޯޓުފަހަރުގައެވެ. އަތޮޅުތެރެއަށް މުދާ ބަހަނީ އެތެރޭގެ ދަތުރުތައް ކުރާ ބޯޓުފަހަރުންނެވެ. ފަތުރުވެރިކަމުގެ ސަބަބުން ކޮންމެ ދުވަހަކު އެތައް ސަތޭކަ ސީޕްލޭނަކާއި ދޯނިފަހަރު އޮޕަރޭޓްކުރެއެވެ. ރާއްޖޭގައި ކަނޑުމަތީގެ ހަރަކާތްތައް ހިނގާ މިންވަރު އިންތިހާއަށް ބޮޑުވުމާއެކު، އޭގެ ސަބަބުން ކުރިމަތިވާ ނުރައްކާތައްވެސް ހަމައެހާ ބޮޑެވެ.
ކަނޑުމަތީގެ އެކްސިޑެންޓްތައް
ކަނޑުމަތީގެ އެކްސިޑެންޓެއް ކަމަށް ބެލެވެނީ، މަސްދޯންޏެއް، ފެރީއެއް، ކާގޯ ބޯޓެއް، ނުވަތަ އެހެނިހެން ކަނޑު އުޅަނދެއް ދުއްވުމުގެ ތެރޭގައި ހިނގާ ހާދިސާއެއްގެ ސަބަބުން މީހަކު މަރުވުމަށް ނުވަތަ ސީރިއަސް އަނިޔާއެއް ލިބުމަށް، ކަނޑުމައްޗަށް މީހަކު ގެއްލުމަށް، އުޅަނދު ގެއްލުމަށް ނުވަތަ ދޫކޮށްލަންޖެހުމަށް، އުޅަނދަށް ބޮޑު ގެއްލުމެއް ލިބުމަށް، ފަރަށް އެރުމަށް، އެކްސިޑެންޓްވުމަށް، ކަނޑުމަތީގެ އުމްރާނީ ވަސީލަތްތަކަށް ބޮޑު ގެއްލުމެއް ލިބުމަށް، ނުވަތަ ފަރުތަކަށާއި އައްސޭރިފަށުގެ މާހައުލީ ނިޒާމުތަކަށް ގެއްލުންވުމަށެވެ.
ރާއްޖޭގެ އުފެދިފައި އޮންނަ ގޮތުން ކޮންމެ ހާދިސާއަކަށް އިޖާބަދިނުމުގައިވެސް ގޮންޖެހުންތައް އިތުރުވެއެވެ. ރަށްތައް ދުރުދުރުގައި ފެތުރިފައިވުމުން، ދުރުގައި ހިނގާ ހާދިސާއަކަށް އަވަހަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އިންތިހާއަށް އުނދަގޫ ކަމެކެވެ. ބޮޑު ސަރަޙައްދެއްގައި ފުރިހަމައަށް ޤަވާއިދުތައް ތަންފީޒުކުރުމުގައި ކޯސްޓްގާޑަށް ވަސީލަތްތަކުގެ ދަތިކަން ކުރިމަތިވެއެވެ. އަދި އުޅަނދުފަހަރުގެ ހާލަތާއި އުޅަނދު ދުއްވާ ފަރާތްތަކުގެ ތަޖުރިބާ ހުންނަ މިންވަރު ތަފާތުވުމަކީވެސް އޮތް ގޮންޖެހުމެކެވެ.

ކަނޑުމަތީގެ އަލިފާނުގެ ހާދިސާތައް
ކަނޑުމަތީގެ އަލިފާނުގެ ހާދިސާ ކަމަށް ބުނެވެނީ، ދުއްވާ އުޅަނދުފަހަރާއި، ކަނޑުމަތީގެ އުމްރާނީ ވަސީލަތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކާއި، ނުވަތަ ކަނޑުގެ ސަތަހައަށް ތެޔޮ ނުވަތަ ކެމިކަލް އެޅުމާ ގުޅިގެން ހިނގާ އަލިފާނުގެ ހާދިސާތަކަށެވެ. އެއްގަމަށް އެހެލާފައި ހުންނަ އުޅަނދުފަހަރުގައި ހިނގާ ހާދިސާތައް މި މާނަކުރުމުގެ ތެރޭގައި ނުހިމެނެއެވެ.
ކަނޑުމަތީގެ އަލިފާނުގެ ހާދިސާތަކަށް އިޖާބަދިނުމަށް މިހާރު ޤައުމީ ފެންވަރުގައި އޮތް ޤާބިލުކަން ވަރަށް ކުޑައެވެ. މުޅި ޤައުމުގައި ކަނޑުމަތީގައި އަލިފާން ނިއްވުމަށް ޚާއްޞަކޮށްފައިވަނީ އެންމެ ދެ އުޅަނދެވެ. ކަނޑުމަތީގެ އަލިފާން ނިއްވުމުގެ ޤާބިލުކަން ހުރި ފަޔަރ ސްޓޭޝަންތައް މިހާރު ހުރީ އެންމެ 15 އަތޮޅެއްގައެވެ. މީގެ މާނައަކީ ރާއްޖޭގެ ބޮޑު ސަރަޙައްދެއްގައި ކަނޑުމަތީގެ އަލިފާނުގެ ހާދިސާތަކަށް ވަގުތުން އެހީތެރިކަން ފޯރުކޮށްދޭނެ ވަކި ޚާއްޞަ ނިޒާމެއް ޤާއިމުކުރެވިފައި ނެތް ކަމެވެ. މިކަން ފުޅާކުރުމުގެ މަސައްކަތްތައް ކުރެވެމުންދިޔަ ނަމަވެސް، މިހާރު އޮތް ހުސްކަން ވަރަށް ބޮޑެވެ.
ކަނޑުމަތީގެ އަލިފާނުގެ ހާދިސާއަކާ ގުޅިގެން ވަށައިގެންވާ ކަނޑަށް ތެޔޮ ނުވަތަ ކެމިކަލް ބޭރުވެއްޖެނަމަ، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ވަރަށް އަވަހަށް އިތުރުވެގެންދެއެވެ. ފަރުތަކަށާއި ކަނޑުގެ މާހައުލީ ނިޒާމުތަކަށް ބޭރުވާ ވިހަ މާއްދާތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ރަނގަޅުކުރުމަކީ ވަރަށް ޚަރަދުބޮޑު ކަމެކެވެ. އަދި ގިނަ ފަހަރަށް މިއީ އެއްކޮށް އަނބުރާ އިޔާދަނުކުރެވޭނެ ގެއްލުންތަކެކެވެ.

ތެލާއި ވިހަ މާއްދާތަކުގެ ސަބަބުން ތަޣައްޔަރުވުން
ތެލާއި ނުރައްކާތެރި މާއްދާތަކުގެ ސަބަބުން ތަޣައްޔަރުވުން (އޯ.އެޗް.އެސް ޕޮލިއުޝަން) ކަމަށް ބުނެވެނީ، ކޮންޓްރޯލެއް ނެތި ތެޔޮ ނުވަތަ ކެމިކަލް، އިންދަނަ، ނުވަތަ ސިނާޢީ ކުނި ފަދަ ނުރައްކާތެރި މާއްދާތައް ކަނޑަށް ނުވަތަ އައްސޭރިފަށުގެ މާހައުލަށް އެޅުމަށެވެ. މި މާއްދާތައް ބޭރުވުމަކީ އުޅަނދުފަހަރުން، އައްސޭރިފަށުގައި ހުންނަ ތެޔޮ ރައްކާކުރާ ތަންތަނުން، ބަނދަރުތަކުން، ނުވަތަ އަތޮޅުތެރޭގައި ތެޔޮ އުފުލުމުގެ ތެރޭގައި އެކްސިޑެންޓަކުން ނުވަތަ ގަސްތުގައިވެސް ހިނގާފާނެ ކަމެކެވެ.
އޯ.އެޗް.އެސް އެޅުމުގެ ހާދިސާތައް ބަހާލެވިފައިވަނީ ތިން ގިންތިއަކަށެވެ. 'ޓިއަރ 1' ގެ ހާދިސާތަކަކީ ކުދި އަދި ވަކި ސަރަޙައްދަކަށް އަމާޒުވާ ހާދިސާތަކެކެވެ. މިއީ ކޮންމެ ދެއަހަރަކާއި ފަސްއަހަރަކާ ދެމެދު ހިނގާ ކަމެކެވެ. 'ޓިއަރ 2' އަދި 'ޓިއަރ 3' އަކީ ބޮޑެތި ހާދިސާތަކެވެ. މިއީ ކޮންމެ 15 އަހަރަކާއި 25 އަހަރަކާ ދެމެދު ހިނގާ ކަމެކެވެ. މިހާތަނަށް ރާއްޖޭގައި ބޮޑު ފެންވަރެއްގައި ތެޔޮ އެޅުމުގެ ހާދިސާއެއް ހިނގާފައެއް ނުވެއެވެ. ނަމަވެސް މިކަމުގެ ހިރާސް އޮތީ ބޮޑުވަމުންދާ ކަމެއްގެ ގޮތުގައެވެ.
ރާއްޖެ އޮންނަނީ ބައިނަލްއަޤްވާމީ ގޮތުން ގިނަ އުޅަނދުފަހަރު ދަތުރުކުރާ ކަނޑުގެ މަގެއްގައެވެ. ޚާއްޞަކޮށް އުތުރުގެ އަތޮޅުތަކުގެ ކައިރިން ތެޔޮ އުފުލާ ޓޭންކަރުތަކާއި ބޮޑެތި ކާގޯ ބޯޓުފަހަރު ގަވާއިދުން ދަތުރުކުރެއެވެ.
2014 ވަނަ އަހަރު، އެމް.ވީ ވިއެޓް ލޯންގ ކ. އަތޮޅަށް ފަރަށް އެރިއެވެ. އަދި އަތޮޅުގެ އިރުމަތީ ފަރާތަށް ބޯޓު އަޑިއަށް ދިއުމުގެ ކުރިން ކޮންމެވެސް ވަރަކަށް ތެޔޮ ބޭރުވިއެވެ.
2021 ވަނަ އަހަރު، ގާތްގަނޑަކަށް 1،600 ޓަނުގެ ބަންކަރ ފިއުލް އުފުލަމުންދިޔަ އެމް.ވީ ނޭވިއޯސް އަމަރީލިސް ކ. ރަސްފަރި ކައިރިއަށް ފަރަށް އެރިއެވެ. މިކަމުގެ ސަބަބުން ތިމާވެއްޓަށް ވަރަށް ބޮޑު ނުރައްކަލެއް ކުރިމަތިވިއެވެ. ނަމަވެސް ފަހުން މިކަން ވަނީ ކޮންޓްރޯލްކުރެވިފައެވެ.
2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، ވ. ފުލިދޫގެ ހުޅަނގުދެކުނު ފަރާތުގެ އައްސޭރިފަށަށް ސާފުނުކުރާ ތެޔޮ (ކްރޫޑް އޮއިލް) ގެ އަސަރުކޮށް ތަޣައްޔަރުވިއެވެ.
މި ހާދިސާތަކުން ހަނދާންކޮށްދެނީ، ތެޔޮ އެޅުމުގެ ހާދިސާއެއްގެ ގެއްލުން ތަޙައްމަލުކުރުމަށް، އެކަން މެދުވެރިވުމުގައި ރާއްޖޭގެ ކުށެއް އޮންނަން ނުޖެހޭކަމެވެ.
ކުޑަ މިންވަރަކަށް ތެޔޮ ނުވަތަ ވިހަ ކެމިކަލް ބޭރުވުމުންވެސް، ފަރުތަކަށް ވަގުތުން އަދި ދިގު މުއްދަތަކަށް ގެއްލުންވެއެވެ. ފަރުތަކަކީ ތެލުގެ ބާވަތްތަކަށް ވަރަށް ނާޒުކު ތަންތަނެވެ. ކަނޑުގެ ދިރުންތަކުގެ އާބާދީ ދަށްވެއެވެ. މަސްވެރިކަމަށް ބުރޫއަރައެވެ. ފަތުރުވެރިކަމަށް އަސަރުކުރެއެވެ. ތަޣައްޔަރުވެފައިވާ ކަނޑުމަހުގެ ބާވަތްތަކުގެ ސަބަބުން އާންމު ޞިއްޙަތަށް ނުރައްކާ ކުރިމަތިވެއެވެ. އެންމެ ގޯސް ހާލަތެއްގައި ('ޓިއަރ 3' ގެ ހާދިސާއެއްގައި)، ކަނޑުގެ މާހައުލީ ނިޒާމުތަކަށާއި، މަސްވެރިކަމަށާއި، އަދި ފަތުރުވެރިކަމުގެ ސިނާޢަތަށް ލިބޭ ގެއްލުމަކީ ވަރަށް ބޮޑު، ދިގު މުއްދަތަކަށް ދެމިގެންދާނެ، އަދި ބައެއް ސަރަޙައްދުތަކުގައި އަނބުރާ އިޔާދަނުކުރެވޭނެ ގެއްލުމަކަށް ވެދާނެއެވެ.
މިހާރު ކޯސްޓްގާޑުގެ އުޅަނދުފަހަރުގެ ތެރެއިން ތެޔޮ އެޅުމުގެ ހާދިސާތަކަށް އިޖާބަދިނުމަށް ޚާއްޞަ އާލާތްތައް ހުރީ އެންމެ އުޅަނދެއްގައެވެ. 2020 ވަނަ އަހަރު ޖަޕާނުން ވަނީ ޤައުމީ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން 2.8 މިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި ތެޔޮ އެޅުމުގެ ހާދިސާތަކަށް އިޖާބަދޭ އާލާތްތައް ހަދިޔާކޮށްފައެވެ. މި އާލާތްތައް ވަނީ އެމް.އެން.ޑީ.އެފްގެ 4 އޭރިއާ ކޮމާންޑަށް ބަހާލެވިފައެވެ. އިންޑިއާއާއި ސްރީލަންކާއާއެކު ބާއްވާ 'ދޯސްތީ' ކަނޑުމަތީގެ ސަލާމަތީ ތަމްރީނުތަކާއި، ސައުތު އޭޝިއާ ކޯޕަރޭޓިވް އެންވަޔަރަންމަންޓް ޕްރޮގްރާމްގެ ދަށުން ޤާއިމުކޮށްފައިވާ ގުޅުންތަކަކީ، ބޮޑެތި ތެޔޮ އެޅުމުގެ ހާދިސާތަކަށް އިޖާބަދިނުމުގައި ރާއްޖެއިން ބޭނުންކުރާ މައިގަނޑު އުޞޫލުތަކެވެ. އެކި އިދާރާތަކުގެ ދައުރާއި އިޖާބަދޭނެ އުޞޫލުތައް ރަސްމީކުރުމަށްޓަކައި ޤައުމީ މެރިޓައިމް ކޮންޓިންޖެންސީ ޕްލޭނެއް ދަނީ އެކުލަވާލަމުންނެވެ.

މި އަރައްކާތަކުން އަޅުގަނޑުމެންނަށް ކުރާ އަސަރު
ރައްކާތެރިކަން ކަށަވަރުކުރުމަށާއި ކަނޑުތައް ހިމާޔަތްކުރުމަށް ތިބާއަށް ކުރެވިދާނެ ކަންކަން
ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަކީ އެންމެންގެ ޒިންމާއެކެވެ. ތިބާއަކީ އުޅަނދެއް ދުއްވާ މީހެއް ކަމަށްވިޔަސް، ގަވާއިދުން ކަނޑު ދަތުރުކުރާ މީހެއް ކަމަށްވިޔަސް، ނުވަތަ މޫދާ ކައިރީގައި މަސައްކަތްކުރާ މީހެއް ކަމަށްވިޔަސް، ކޮންމެ މީހަކަށްވެސް ކުރެވިދާނެ ސާފު އަދި އަމަލީ ކަންތައްތަކެއް އެބަހުއްޓެވެ.
ކަނޑުމަތީގައި ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން
އިތުރަށް ދަސްކުރައްވާށެވެ
ރާއްޖޭގައި ކަނޑުމަތީގެ ކުއްލި ހާލަތްތަކަށް އިޖާބަދިނުމުގެ ހުރިހާ ކަމެއް ވިލަރެސްކުރަނީ އެމް.އެން.ޑީ.އެފް ކޯސްޓްގާޑުންނެވެ. ކޯސްޓްގާޑުން އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމް (އޭ.އައި.އެސް) އާއި ރާޑަރު ބޭނުންކޮށްގެން އުޅަނދުފަހަރު މޮނިޓަރކުރަމުން ގެންދަނީ މޫސުމާބެހޭ ޤައުމީ އިދާރާގެ މޫސުމީ އިންޒާރުތަކާ ގުޅިގެންނެވެ.
ހުރިހާ އުޅަނދުފަހަރެއްވެސް ރަޖިސްޓްރީކޮށް ލައިސަންސް ނެގުމަކީ މަޖުބޫރު ކަމެކެވެ. ޚާއްޞަކޮށް ދަތުރުފަތުރު ގިނަ ދުވަސްވަރުގައާއި މޫސުން ގޯސް ދުވަސްވަރުގައި ސަލާމަތީ ކަންކަން ހުރިނެތްގޮތް ބެލުމަށް ކުއްލި ޗެކްތައް ކުރިއަށްގެންދެއެވެ. އަތޮޅުތެރޭގައި މެރިން ސޭފްޓީ ކޮމިއުނިޓީތައް ޤާއިމުކޮށް، ކަނޑުމަތީގެ ސަލާމަތީ އާދަތަކާއި ރިޕޯޓުކުރުމަށް މުޖުތަމަޢުތައް އަހުލުވެރިކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުންނެވެ. އިންޑިއާއާއި، ސްރީލަންކާއާއި، އަދި ބައިނަލްއަޤްވާމީ ބައިވެރިންނާއެކު އޮންނަ ސަރަޙައްދީ ގުޅުންތަކުގެ ތެރެއިން، ފުޅާ ދާއިރާއެއްގައި ކަނޑު ތަޣައްޔަރުވާ ހާދިސާތަކަށް އިޖާބަދިނުމުގެ ޤާބިލުކަން ރާއްޖެއިން ދަނީ މެދުކެނޑުމެއްނެތި އިތުރުކުރަމުންނެވެ.
