ކުޅި، ފާ އަދި ޗަސްބިންތައް ހަލާކުވުމަކީ ކޮބާ؟
ކުޅި، ފާ އަދި ޗަސްބިންތައް ހަލާކުވުން ކަމަށް ބުނެވެނީ، އިންސާނުންގެ އަމަލުތަކުންނާއި ޤުދުރަތީ ސަބަބުތަކާ ގުޅިގެން ކުޅީގެ މާހައުލުތަކާއި އެއާ ގުޅިފައިވާ ޗަސްބިންތަކުގެ މާހައުލީ ނިޒާމުތައް ހަލާކުވެ ނެތިދިއުމަށެވެ. މޫގަސްތަކަކީ ލޮނަށް ކެތްކުރާ، ދިޔަވަރު ބޮޑުވެ ދަށްވާ ސަރަޙައްދުގައި ހެދޭ ގަސްތަކެކެވެ. މިއީ އެއްގަމާއި ކަނޑު ގުޅޭ ހިސާބުގައި ދިރިއުޅުމަށް ޚާއްޞަވެފައިވާ، އެހެން އެއްވެސް އެއްޗަކަށް ދިރިނޫޅެވޭފަދަ މާހައުލުތަކުގައި ދިރިހުރުމަށްޓަކައި ލޮނު ބޭރުކުރާ ނިޒާމުތަކަކާއި އޮޅިފައިވާ މޫތަކެއް އެކުލެވޭ ގަސްތަކެކެވެ.
ރާއްޖެ ފަދަ، ގޮނޑުދޮށްތައް ތިރި، ރަށްތައް ކުދި، އަދި ކަނޑާއި އެއްގަމާ ދެމެދު އޮންނަ ފަށަލަ ތުނި ޤައުމެއްގައި، މި މާހައުލީ ނިޒާމުތައް ހަލާކުވުމަކީ ހަމައެކަނި ތިމާވެށީގެ އާދައިގެ މައްސަލައެއް ނޫނެވެ. މިއީ ޖަޒީރާ ދިރިއުޅުމުގެ ވިލުން އަށް އޮތް ސީދާ ނުރައްކަލެކެވެ.
(ހދ. ކުޅުދުއްފުށީގެ ކުޅީގެ ނިޒާމު، 2018 | ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް)ރާއްޖޭގައިވާ ކުޅި، ފާ އަދި ޗަސްބިންތައް
2025 ވަނަ އަހަރުގެ ދިރާސާއަކުން ދައްކާގޮތުގައި، ރާއްޖޭގެ 108 ރަށަކުން 14 ބާވަތެއްގެ މޫގަސް ވަނީ ފާހަގަކުރެވިފައެވެ. އަދި މީގެ އެންމެ ބޮޑު އާބާދީއަކާއި ތަފާތު ބާވަތްތައް އެކުލެވިގެންވަނީ އުތުރާއި ދެކުނުގެ އަތޮޅުތަކުގައެވެ. ރާއްޖޭގައި މި މާހައުލީ ނިޒާމުތައް މައިގަނޑު 4 ގޮތަކަށް އުފެދިފައިވެއެވެ: ފާ/ޗަސްބިން، ކުޅި، ކަނޑާ ގުޅިފައިވާ ކުޅި އަދި ގޮނޑުދޮށާ އިންވެގެން ހެދިފައިވާ ނިޒާމުތަކެވެ. މިއިން ކޮންމެ ނިޒާމަކުންވެސް ތަފާތު ދައުރެއް އަދާކުރެއެވެ.
މޫގަސްތަކުގެ ޖަންގަލިތަކުން ގޮނޑުދޮށްތައް ހިމާޔަތްކޮށްދީ، ތޫފާންތަކުންނާއި ލޮނުގެ އަސަރުން މުޖުތަމަޢުތައް ސަލާމަތްކޮށްދެއެވެ. އޭގެ މޫތަކުގެ ނިޒާމުން، ބިންމަތީގައި ހުންނަ އިތުރު ފެން ހިފަހައްޓައިދީ، ރަށްތައް ބަރޯސާވާ މީރުފެން ފަށަލަ މުއްސަނދިކޮށްދިނުމަށް އެހީތެރިވެދެއެވެ. ޓްރޮޕިކަލް ރެއިންފޮރެސްޓް (ވާރޭ ޖަންގަލި) ތަކާ އަޅާބަލާއިރު 5 ގުނަ އަވަހަށް މީގައި ކާބަން ރައްކާކުރެއެވެ. މިއީ މި ނިޒާމުތަކުގެ ކުޑަބޮޑުމިނާ އަޅާބަލާއިރު އާދަޔާޚިލާފު ޤާބިލުކަމެކެވެ.
މީގެ ތިލަ ފެންގަނޑުތަކަކީ މިޔަރާއި، މަޑިއާއި އަދި ފަރުމަސް އާލާވުމަށް މުހިންމު ނަރސަރީތަކެކެވެ. މިއީ މަސްވެރިކަމަށާއި ކާނާގެ ޔަޤީންކަމަށް ވަރަށް މުހިންމު ކަމެކެވެ. މިއާ ގުޅިފައިވާ ޗަސްބިންތަކަކީ އަލަ ފަދަ ޒަމާނުއްސުރެ ބޭނުންކުރާ ކާނާގެ ބާވަތްތައް ހެއްދުމަށް ބޭނުންވާ މާހައުލެކެވެ.
އުތުރުގެ އަތޮޅުތަކުގެ ކުޅިތަކާ އެންމެ ބޮޑަށް ގުޅިފައިވާ 'ކަނޑޫ' (Bruguiera cylindrica) އަކީ ދިވެހިންގެ ސަގާފީ ހަނދާންތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ގަހެކެވެ.
ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު، ބޮޑުތަދާ ކުރިމަތިލާންޖެހުނު ރަށްތަކަށް، އުތުރުގެ އަތޮޅުތަކުން ކަނޑޫ ހޯދައިގެން ބަހާފައިވެއެވެ.
ޒަމާންތަކެއް ވަންދެން ގެދޮރު އެޅުމަށާއި އޮޑިދޯނިފަހަރު ބަނުމަށް ބޭނުންކުރާ ލަކުޑި ލިބެމުން އައީވެސް ކުޅިތަކުންނެވެ.
މި ނިޒާމުތަކުން ލިބޭ ސާމާނަކީ ރޯނު ވެށުމަށާއި ސާދާ ވިޔުމަށް ބޭނުންކުރާ މައިގަނޑު ވަސީލަތްތަކެވެ. މިއީ މިއަދުވެސް އަތޮޅުތެރޭގެ އަންހެނުން އާމްދަނީ ހޯދުމަށް ބަރޯސާވާ މަސައްކަތްތަކެކެވެ.
ފަހަކަށް އައިސް އިކޯ-ޓުއަރިޒަމްގައި މިތަންތަނުގެ ބޭނުންތެރިކަން ވަނީ ބަލައިގަނެވިފައެވެ.
ކުޅި، ފާ އަދި ޗަސްބިންތަކަކީ މުޅި މުޖުތަމަޢުތައް އޭގެ މައްޗަށް ބިނާވެފައިވާ މާހައުލީ ނިޒާމުތަކެކެވެ.
(ރާއްޖޭގެ ކުޅި، ފާ އަދި ޗަސްބިންތައް | ފޮޓޯ: ޔޫ.އެން.ޑީ.ޕީ މޯލްޑިވްސް)ރާއްޖޭގެ ކުޅިތަކަށް އޮތް ނުރައްކާ
(ރާއްޖޭގެ ކުޅިއެއް | ފޮޓޯ: މެންގްރޯވްސް ފޯރ ދަ ފިއުޗަރ)ހަލާކުވެގެން ދިއުމުން ކޮށްފާނެ އަސަރުތައް
ގޮނޑުދޮށްތަކަށް ލިބިފައިވާ މުހިންމު ޤުދުރަތީ ހިމާޔަތް ގެއްލުން
މޫގަސްތަކުން ރާޅުގެ ބާރު ކަނޑުވާލައި، ލޮނުގެ އަސަރު ކުޑަކޮށްދީ، ގޮނޑުދޮށްތައް ހިމާޔަތްކޮށްދެއެވެ. މިތަންތަން ނެތިގެންދާ ހިސާބުތަކުގައި، ތޫފާންތަކުގެ ވަގުތުގައި ފެންބޮޑުވުމާއި، ރަށް ގިރުން އަދި އައްސޭރިފަށަށް ގެއްލުންވުމުގެ ނުރައްކާ ބޮޑުވެއެވެ. ޞިއްޙަތު ރަނގަޅު ކުޅީގެ ނިޒާމަކުން ފޯރުކޮށްދޭ ހިމާޔަތް، އާޓިފިޝަލް އުމްރާނީ ވަސީލަތްތަކަކުން ނުދެވޭނެއެވެ. ތޮށިލުމާއި ރިވެޓްމަންޓް ޖެހުމަކީ މާ ޚަރަދުބޮޑު، އަދި މެދުކެނޑުމެއްނެތި މަރާމާތުކުރަންޖެހޭ ކަންކަމެވެ. އަދި ދިރިހުރި ކުޅީގެ ނިޒާމަކުން ފޯރުކޮށްދޭ މާހައުލީ ނިޒާމުގެ ޚިދުމަތްތައް މިފަދަ ތަކެތިން ނުދެވޭނެއެވެ.
ބޯފެން ހިމާޔަތްކުރުން އުނދަގޫވުން
މޫގަސްތަކުގެ މޫތަކުން ބިންމަތީގައި ހުންނަ ފެން ހިފަހައްޓައި، މީރުފެން ފަށަލައަށް އެ ފެން ފޮނުވައިދެއެވެ. މި ދައުރު ގެއްލުމުން، މީރުފެން އުފެދޭ މިންވަރު ދަށްވެއެވެ. މިއާއެކު ލޮނު ވަދެ ތަޣައްޔަރުވުން ކުރިމަތިވުމުން، ކުރިންވެސް މަދުވެފައިވާ ވަސީލަތަކަށް މުޖުތަމަޢުތަކުން ކުރިމަތިލާންޖެހޭ ޕްރެޝަރު ބޮޑުވެއެވެ. ފެނުގެ ދަތިކަން ކުރިމަތިވެފައިވާ ކުދި ރަށްތަކުގައި، މިކަމުގެ ސަބަބުން ޚަރަދުބޮޑު ޑީސެލިނޭޝަން ނިޒާމުތަކަށް ބަރޯސާވާ މިންވަރު އިތުރުވެއެވެ.
ކާނާގެ ޔަޤީންކަމަށް ކުރާ އަސަރު
މޫގަސް ޖަންގަލިތަކުގެ ތިލަ މޫތަކުގެ ނިޒާމަކީ ކުދި މަހާއި، މިޔަރާއި، އަދި މަޑި އާލާވުމަށް މުހިންމު ނަރސަރީތަކެވެ. މިތަންތަން ނެތިދިއުމުން، ދިވެހި މަސްވެރިކަމާއި ގޭބިސީތަކުން ކޮންމެ ދުވަހަކު ބަރޯސާވާ ބާވަތްތަކުގެ އާބާދީ ދަށްވެއެވެ. މިކަމުގެ އިޤްތިޞާދީ އަދި ޞިއްޙީ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރަނީ، ޕްރޮޓީން ހޯދުމަށް މައިގަނޑު ގޮތެއްގައި ފަރުމަހަށް ބަރޯސާވާ، އަދި ބާޒާރުން އެހެން ގޮތްތައް ހޯދަން ދަތި ޖަޒީރާ މުޖުތަމަޢުތަކަށެވެ.
އާމްދަނީއާއި، މަސައްކަތްތެރިކަމާއި، އަދި ސަގާފަތަށް އަންނަ ހީނަރުކަން
އަތޮޅުތެރޭގެ އަންހެނުން ރޯނު ވެށުމަށާއި، ސާދާ ވިޔުމަށާއި، އަދި ފަންގި ވިނުމަށް ބަރޯސާވަނީ ކުޅީގެ ނިޒާމުތަކުން ލިބޭ ސާމާނަށެވެ. މި ބާވަތްތައް ނެތިދިއުމުން، އެތައް ޖީލެއް ވަންދެން މުޖުތަމަޢުތަކުން ބަރޯސާވަމުން އައި މަސައްކަތްތަކުގެ ބިންގާ ނެތިގެންދެއެވެ. އިޤްތިޞާދީ ފައިދާގެ އިތުރުން، ކުޅިތައް ނެތިދިއުމުން ސަގާފީ މަޢުލޫމާތާއި، އަމިއްލަވަންތަކަމާއި، އަދި ރަށުގެ ޚާއްޞަ ސިފަކަމުގައި ދިވެހިން ޤަބޫލުކުރަމުން އައި ކަންކަމާ އޮންނަ ގުޅުން ކެނޑިގެންދެއެވެ.
ގުޅިފައިވާ އަސަރުތައް
ކުޅި، ފާ އަދި ޗަސްބިންތައް ހަލާކުވުމުން ރަށް ގިރުން އަވަސްކުރުވައެވެ. މީރުފެނުގެ ވަސީލަތްތައް ބަލިކަށިކުރުވައެވެ. މަހުގެ އާބާދީ ދަށްކުރުވައެވެ. އަދި އިންވެގެންވާ ފަރުތަކާއި މޫދުވިނައިގެ މާހައުލީ ނިޒާމުތަކުގެ ޞިއްޙަތު ގޯސްކުރުވައެވެ. ކާބަން ރައްކާކުރާ މިންވަރު މަދުވެ، މޫގަސްތައް ނެތިދިއުމަށް މެދުވެރިވާ މޫސުމަށް އަންނަ ބަދަލުތަކަށް މަގުފަހިކުރުވައެވެ. ކޮންމެ ކަމަކުން އަނެއް ކަމަކަށް ބާރުދެއެވެ. ކުޅިތައް ނެތިދިއުމުން އޭގެ އަސަރު ހަމައެކަނި ކުޅިއަކަށް ނުފޯރައެވެ؛ މިއީ ޖަޒީރާ މުޖުތަމަޢުތައް ބަރޯސާވާ ހުރިހާ ނިޒާމަކަށް ފެތުރިގެންދާ ކަމެކެވެ.
އަޅުގަނޑުމެންގެ ކުޅި، ފާ އަދި ޗަސްބިންތައް ހިމާޔަތްކުރުމުގައި ތިބާއަށް ކުރެވިދާނެ ކަންކަން
ކުޅީގެ ނިޒާމުތައް އަލުން އިޔާދަކުރެވިދާނެއެވެ. ނަމަވެސް އެކަން ކުރެވޭނީ އެތަންތަނަށް އޮންނަ ޕްރެޝަރު ކުޑަކޮށް، އަލުން އާލާކުރުމުގެ މަސައްކަތްތަކަށް އެއްބާރުލުން ދީގެންނެވެ. މިކަމުގައި މުޖުތަމަޢުގެ ކޮންމެ ފަރުދަކަށާއި، ރަށު ކައުންސިލަށާއި، އަދި ނިންމުންތައް ނިންމާ ފަރާތްތަކަށް އަދާކުރެވިދާނެ ސާފު ދައުރެއް އޮވެއެވެ.
ގޯނާކުރުމުން ކުޅީގެ ސަރަޙައްދުތައް ހިމާޔަތްކުރުން: ރަށުގެ ކުޅި އަދި ޗަސްބިން އޮންނަ ސަރަޙައްދުތައް ދެނެގަންނާށެވެ. މި ސަރަޙައްދުތަކަށް ގެއްލުންވާ ފަދަ ގޮތަކަށް ސާފުކުރުމާއި، ކުނިއެޅުމާއި، ނުވަތަ އިމާރާތްކުރުން ފަދަ ކަންކަމުން ދުރުހެލިވާށެވެ.
އަލުން ގަސް އިންދުމާއި އިޔާދަކުރުމަށް އެއްބާރުލުންދިނުން: މުޖުތަމަޢުން އިސްނަގައިގެން ގަސް އިންދުމުގެ ހަރަކާތްތަކުގައި ބައިވެރިވުމަކީ، ނެތިދިޔަ ތަންތަން އަލުން އިޔާދަކުރުމަށް ކޮންމެ ފަރުދަކަށްވެސް ދެވިދާނެ އެންމެ ސީދާ އެއްބާރުލުމެވެ.
ޗަސްބިންތަކާ ދުރަށް ކުނިލުން: ކުޅީގެ ސަރަޙައްދުތަކަށް ނުވަތަ އެއާ ކައިރިއަށް ކުނި އެޅުމުން ބިމުގެ ކެމިސްޓްރީއާއި ފެނުގެ ފެންވަރު ދަށްވެއެވެ. ކުނި އެޅުމަށް ކަނޑައެޅިފައިވާ ތަންތަން ބޭނުންކުރާށެވެ. ތަޣައްޔަރުވެފައިވާ މާހައުލެއްގައި ހެދޭ މޫގަސްތައް ބަލިކަށިވެ، އަވަހަށް މަރުވެއެވެ. އަދި އިޔާދަވުމަށް އެތައް އަހަރެއް ނަގައެވެ.
ގެއްލުންދިނުމާއި ޤަވާއިދާ ޚިލާފަށް ސާފުކުރާނަމަ ރިޕޯޓުކުރުން: ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނާ ޚިލާފަށް ކުޅި ސާފުކޮށް ނުވަތަ ގެއްލުންދޭނަމަ، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ނުވަތަ ރަށު ކައުންސިލަށް ރިޕޯޓުކުރެވިދާނެއެވެ. ކުރީބައިގައި ރިޕޯޓުކުރުމުން، އަނބުރާ އިޔާދަނުކުރެވޭވަރުގެ ގެއްލުމެއް ވުމުގެ ކުރިން އެކަން ހުއްޓުވެއެވެ.
މުޖުތަމަޢު ހޭލުންތެރިކުރުވުން: ކުޅިތަކާއި، އޭގެ މުހިންމުކަމާއި، އަދި އެތަންތަނަށް އޮތް ނުރައްކާތަކާ ގުޅޭގޮތުން ވާހަކަދެއްކުމަކީ، އެތަންތަން ހިމާޔަތްކުރުމަށް ބޭނުންވާ މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކޮށްދޭ ކަމެކެވެ.
ދިރާސާކުރުމާއި މޮނިޓަރކުރުމަށް އެއްބާރުލުންދިނުން: ރާއްޖޭގައި މޫގަސް ފެތުރިފައިވާ މިންވަރާއި، އޭގެ ޞިއްޙަތާއި އަދި އިޔާދަވަމުންދާ މިންވަރާ ގުޅޭ ފުރިހަމަ މަޢުލޫމާތު އަދިވެސް ނުލިބެއެވެ. ރަށު ކައުންސިލްތަކާއި، އީޕީއޭ އަދި މަދަނީ ޖަމްޢިއްޔާތައް މެދުވެރިކޮށް މުޖުތަމަޢުން ފޯރުކޮށްދޭ މަޢުލޫމާތަކީ، ފައިދާހުރި ގޮތެއްގައި ހިމާޔަތްކުރުމަށް ބޭނުންވާ ޤައުމީ ތަސްވީރު އެކުލަވާލުމަށް އެހީތެރިވެދޭ ކަމެކެވެ.
އިތުރަށް ދެނެގަތުމަށް
ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނާއި، ޤައުމީ ބަޔޯޑައިވަރސިޓީ ސްޓްރެޓެޖީ އަދި އެކްޝަން ޕްލޭންގެ އިތުރުން ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވަރސިޓީ އަދި ސައިޓީސް (CITES) ފަދަ ބައިނަލްއަޤްވާމީ އެއްބަސްވުންތަކުގެ ދަށުން ކުޅި، ފާ އަދި ޗަސްބިންތައް ވަނީ ޤާނޫނީ ގޮތުން ހިމާޔަތްކުރެވިފައެވެ. ކުޅީގެ ގިނަ ނިޒާމުތަކެއް ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކުގެ ގޮތުގައި ކަނޑައެޅިފައިވާއިރު، މި ވިއުގަ ފުޅާކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުންނެވެ.
ކުޅި،ފާ އަދި ޗަސްބިން ހިމާޔަތްކުރާނެ ގޮތުގެ ސީރީޒް - ވެޓްލެންޑް އިންޓަނޭޝަނަލް
ލ. ގާދޫ ކުޅިއަށް އައި ބަދަލުތައް
އެންވަޔަރަންމަންޓަލް ރެގިއުލޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް
ކަނޑުގެ ލޮނުގަނޑު އުފުލުމާއި އިންޑިޔާ ކަނޑުގެ ޑައިޕޯލް ބާރުގަދަވުމުގެ ސަބަބުން ރާއްޖޭގެ ޗަސްބިންތަކަށް ކުރި އަސަރު