ހީޓް ސްޓްރެސް އަކީ ކޮބާ؟
ހީޓް ސްޓްރެސް ނުވަތަ ހޫނުގަދަވުމުގެ ސަބަބުން ހަށިގަނޑަށް ކުރާ ނޭދެވޭ އަސަރު ކުރިމަތިވަނީ، އިންސާނާގެ ހަށިގަނޑުގެ ފިނިހޫނުމިން ކޮންޓްރޯލްކުރުމަށް ހަށިގަނޑަށް ލިބިފައިވާ ޤާބިލުކަމަށްވުރެ ހޫނުމިން މަތިވުމުންނެވެ. މީގެ ނަތީޖާއެއްގެ ގޮތުން ހަށިގަނޑުގެ އެތެރޭގެ ފިނިހޫނުމިން މަތިވެ، ހޫނުގަދަވުމާ ގުޅުންހުރި އެކި ކަހަލަ ބަލިތައް މެދުވެރިކުރުވައެވެ. ގިނަ ފަހަރަށް މިކަން ދިމާވަނީ، ވަކި ސަރަޙައްދެއްގައި އަދި އަހަރުގެ ވަކި ދުވަސްވަރެއްގައި އާންމުކޮށް ހުންނަ މޫސުމީ މިންގަނޑުތަކަށްވުރެ އާދަޔާޚިލާފަށް ފިނިހޫނުމިން މަތިވެ، އެ ހާލަތު އެތައް ދުވަހަކަށް ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް ދެމިގެންދިއުމުންނެވެ. މިކަމުގެ ސަބަބުން، ޚާއްޞަކޮށް ނާޒުކު ގިންތިތަކަށް ޞިއްޙީ ގޮތުން ބޮޑެތި ނުރައްކާތަކާ ކުރިމަތިވެއެވެ.
ރާއްޖޭގައި އާދަޔާޚިލާފަށް ހޫނުގަދަވުން
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މީހުންނަށާއި ތަންތަނަށް ހީޓް ސްޓްރެސްގެ އަސަރު އެކި ގޮތްގޮތަށް ކޮށްފާނެއެވެ. އާބާދީ ބޮޑެތި، ތޮއްޖެހިފައިވާ ރަށްރަށާއި އަވަށްތަކުގައި ހޫނުކަން ހިފެހެއްޓިފައި ހުރުމުގެ ސަބަބުން، ފިނިހޫނުމިނާއި ވައިގައި ތެތްކަން ހުންނަ މިންވަރު މަތިވާ ދުވަސްވަރުގައި އޮންނަ ހިރާސް އިތުރުވެއެވެ. މޫސުމީ ކާރިސާގެ ސަބަބުން މި މައްސަލަތައް އިތުރަށް ގޯސްވެ، އާދަޔާޚިލާފަށް ހޫނުގަދަވާ ހާދިސާތަކުގެ ނުރައްކާތެރިކަމާއި ދިގުމިން އިތުރުވަމުންދެއެވެ. އަޅުގަނޑުމެންނަށް މިހާރު ކުރިމަތިވަމުންދަނީ ކުރިއަށްވުރެ ބާރުގަދަ އަދި ދިގު މުއްދަތަކަށް ދެމިގެންދާ ހޫނުގަދަ ދުވަސްވަރުތަކެކެވެ. މީގެ ސަބަބުން މުޖުތަމަޢުތަކަށާއި ތިމާވެއްޓަށް ކުރިމަތިވާ ޕްރެޝަރު ދަނީ އިތުރުވަމުންނެވެ.
ރާއްޖޭގައި އާދަޔާޚިލާފަށް ހޫނުގަދަވަނީ އިރުވައި މޫސުމުގައެވެ. އެންމެ ހޫނުގަދަވަނީ މާރިޗު މަހުން ފެށިގެން މެއި މަހާ ހަމައަށެވެ. ފިނިހޫނުމިން މިންކުރާ އާލާތްތަކުން 30 ޑިގްރީ ސެލްސިއަސްއިން މަތިން ދެއްކި ނަމަވެސް، ޖައްވުގެ ހާލަތު ހުންނަ ގޮތުން އިޙުސާސްކުރެވޭ ހޫނުމިން (ފީލްސް-ލައިކް ޓެމްޕަރޭޗަރ) އެއަށްވުރެ މާ ބޮޑަށް މަތިވެދާނެއެވެ.
އާދަޔާޚިލާފަށް ހޫނުގަދަވުމުން އަޅުގަނޑުމެންނަށް ކުރާ އަސަރުތަކަކީ ކޮބާ؟
މޫސުމީ ކާރިސާގެ ސަބަބުން މި މައްސަލަތައް އިތުރަށް ގޯސްވެ، އާދަޔާޚިލާފަށް ހޫނުގަދަވާ ހާދިސާތަކުގެ ނުރައްކާތެރިކަމާއި ދިގުމިން އިތުރުވަމުންދެއެވެ. އަޅުގަނޑުމެންނަށް މިހާރު ކުރިމަތިވަމުންދަނީ ކުރިއަށްވުރެ ބާރުގަދަ އަދި ދިގު މުއްދަތަކަށް ދެމިގެންދާ އިންތިހާއަށް ހޫނުގަދަ ދުވަސްވަރުތަކެކެވެ. މީގެ ސަބަބުން މުޖުތަމަޢުތަކަށާއި ތިމާވެއްޓަށް އޮންނަ ޕްރެޝަރު ދަނީ އިތުރުވަމުންނެވެ.
ހޭލުންތެރިވެ ތައްޔާރުވެ ތިބޭނީ ކިހިނެއް؟
ފިނިހޫނުމިން މަތިވުމާއި އާދަޔާޚިލާފަށް ހޫނުގަދަވުމަކީ އިންތިހާއަށް ހޫނުގަދަ ދުވަސްވަރެއް ފެށޭކަމުގެ އަލާމާތަކަށް ވެދާނެއެވެ. މަޢުލޫމާތު ހޯދައިގެން ތިބުމަށާއި ކުރީބައިގައި ފިޔަވަޅު އެޅުމަށްޓަކައި، މޫސުމާބެހޭ ޤައުމީ އިދާރާ (އެމް.އެމް.އެސް)، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ)، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ)، އަދި މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމް.އާރް.ސީ) ފަދަ ކަމާބެހޭ ރަސްމީ ފަރާތްތަކުން ދޭ އެންމެ ފަހުގެ މަޢުލޫމާތުތަކަށް ފާރަވެރިވާށެވެ.
ކަމާބެހޭ އިދާރާތަކުންނާއި، ރަށު ކައުންސިލްތަކުންނާއި، އަދި ރޭޑިއޯ، ޓީވީ، އަދި ރަސްމީ ސޯޝަލް މީޑިއާ ޗެނަލްތަކުން ހިއްސާކުރާ މަޢުލޫމާތު މޮނިޓަރކުރަމުން ގެންދާށެވެ. އަދި ތައްޔާރުވެ ތިބުމަށް އެހީތެރިވުމުގެ ގޮތުން، ވަގުތުން ވަގުތަށް ނެރޭ ސަމާލުތަކާއި ރައްކާތެރިކަމުގެ އިރުޝާދުތައް އެހެން މީހުންނާ ހިއްސާކުރާށެވެ.
ހޫނުގަދަވުމުގެ ސަބަބުން ވަރުދެރަވުމުގެ އަލާމާތްތައް (ހީޓް އެގްޒޯސްޝަން)
ހޫނުގަދަވުމުގެ ސަބަބުން ވަރުދެރަވުމުން ފެންނާނެ އަލާމާތްތައް ދެނެގަންނަން އެނގުމަކީ ތިމާގެ އަމިއްލަ ނަފްސު ރައްކާތެރިކުރުމަށް އެޅޭ ފިޔަވަޅެކެވެ.

އިންފޯގްރާފިކް: ހޫނުގަދަވުމުގެ ސަބަބުން ވަރުދެރަވާކަން ދެނެގަންނާނެ ގޮތް
އާދަޔާޚިލާފަށް ދާހިއްލުންވިންދު އަވަސްވުން ނުވަތަ ބަލިކަށިވުންއަނބުރައިގަނެފާނެހެން ހީވުން ނުވަތަ ބޯއެނބުރުންހަންގަނޑު ފިނިވުމާއި، ދޮންފޫޑުވުމާއި އަދި ތެތްކަން ހުރުންމަސްގަނޑަށް ތަދުވުން (ކްރެމްޕްވުން)
ހޫނުގަދަވުމުގެ ސަބަބުން ވަރުދެރަވުމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމާއި މުހިންމު އިރުޝާދުތައް
🌦️ މޮނިޓަރކުރުން / ފާރަވެރިވުން: ގަވާއިދުން މޫސުމީ މަޢުލޫމާތުތައް ބަލަމުން ގެންދިއުމާއެކު، ކަމާބެހޭ އިދާރާތަކުން (މިސާލަކަށް: އެމް.އެމް.އެސް، އެޗް.ޕީ.އޭ، އެން.ޑީ.އެމް.އޭ، އެމް.އާރް.ސީ) ހިއްސާކުރާ އިރުޝާދުތަކަށް އަމަލުކުރާށެވެ.
💧 ގަވާއިދުން ފެންބުއިން: ގިނަގިނައިން ފެނާއި ދިޔާއެއްޗެހި ބޯށެވެ.
☀️ ސީދާ އަވީގައި އުޅުމުން ދުރުހެލިވުން: ސީދާ އަވިގަދަ ތަންތަނުގައި އުޅުމުން ދުރުހެލިވާށެވެ، ޚާއްޞަކޮށް އެންމެ ހޫނުގަދަވާ ގަޑިތަކުގައެވެ. އަވިން ރައްކާތެރިވުމަށް ސަންސްކްރީން ފަދަ ތަކެތި ބޭނުންކުރާށެވެ.
👕 އެކަށީގެންވާ ހެދުން އެޅުން: ގަޔަށް ދޫ، ލުއި، އަދި މަޑު ކުލަތަކުގެ ހެދުން ލާށެވެ.
🚶♂️ ބޭރުގައި ކުރާ ހަރަކާތްތަކާއި ޖިސްމާނީ ބުރަ މަސައްކަތްތަކުން ދުރުހެލިވުން: ބޭރުގައި ކުރަންޖެހޭ ކަންކަން، ފިނިހޫނުމިން ދަށްވާނެކަމަށް ލަފާކުރެވޭ ހެނދުނު ނުވަތަ ހަވީރުގެ ވަގުތުތަކަށް ރާވާށެވެ. ބޭރުގައި އުޅޭނަމަ ގަވާއިދުން ހިޔާ ހޯދައިގެން އަރާމުކޮށްލާށެވެ.
👨👩👧 ހޭލުންތެރިކުރުވުން: ހޫނުގަދަވުމުގެ ސަބަބުން ވަރުދެރަވުން ނުވަތަ ހީޓް ސްޓްރޯކް ޖެހުމުގެ އަލާމާތްތަކާ ގުޅޭގޮތުން އާއިލާއާއި ރައްޓެހިން ހޭލުންތެރިކުރުވުމަށް އެހީތެރިވެދޭށެވެ.
ގުޅުންހުރި ލިޔުންތައް
އާދަޔާޚިލާފަށް ހޫނުގަދަވާތީ ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކުރުން، މާރިޗު 2024 - https://psmnews.mv/en/134645
ރާއްޖޭގައި އާދަޔާޚިލާފަށް ހޫނުގަދަވުން، މެޓް އޮފީހުން ނެރެފައިވާ ސަމާލު - https://mfr.mv/climate-change-and-environment/increased-feels-like-temperature-in-parts-of-the-maldives