ހަނަފަސް ދުވަސްވަރަކީ ކޮބާ؟
ހަނަފަސް ދުވަސްވަރު ނުވަތަ ޑްރައި ޕީރިއަޑް ކަމަށް ބުނެވެނީ، ވަރަށް މަދުން ވާރޭވެހޭ ނުވަތަ އެއްގޮތަކަށްވެސް ވާރޭނުވެހި ދިގު މުއްދަތެއް ފާއިތުވެ، އޭގެ ސަބަބުން މީރުފެން ލިބެންހުންނަ މިންވަރު މަދުވުމަށެވެ. ގޭބިސީތަކަށާއި މުޖުތަމަޢުތަކަށް މީރުފެން ލިބޭ މައިގަނޑު މަސްދަރަކީ ވާރޭފެން ކަމަށްވާ ރާއްޖޭގައި، ހަނަފަސް ދުވަސްވަރުގެ ސަބަބުން ވަރަށް އަވަހަށް ފެނުގެ ޔަޤީންކަމަށާއި، ސާފުތާހިރުކަމަށާއި އަދި އާންމު ދިރިއުޅުމަށް ބުރޫއަރައެވެ.
ހަނަފަސް ދުވަސްވަރަކީ މަޑުމަޑުން އޭގެ އަސަރު ފެންނަން ފަށާ މޫސުމީ އަރައްކަލެކެވެ. މިކަމުގެ އަސަރުތައް ފެންނަން ފަށަނީ ލަސްލަހުން ކަމަށްވިޔަސް، ވަގުތު ފާއިތުވަމުންދާ ވަރަކަށް މައްސަލަތައް އިތުރުވެ، ކުރީބައިގައި ފިޔަވަޅު ނާޅައިފިނަމަ މުޖުތަމަޢުތަކަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރެއެވެ.
ރާއްޖެއަށް ހަނަފަސްކަން ކުރިމަތިވަނީ ކިހިނެއް؟
ރާއްޖެއަށް ކުރިމަތިވާ ހަނަފަސް ދުވަސްވަރުތައް ގުޅިފައިވަނީ މޫސުމީ ބަދަލުތަކާއި މޫސުމީ އާދަތަކާއެވެ. މިއީ ކުއްލިއަކަށް ހިނގާ އެންމެ ހާދިސާއަކުން ފެށޭ ކަމަކަށްވުރެ ބޮޑަށް، ދިގު މުއްދަތަކަށް ވާރޭވެހޭ މިންވަރު އާންމު މިންގަނޑަށްވުރެ ދަށްވުމުން މަޑުމަޑުން އުފެދޭ ހާލަތެކެވެ. މިއީ އާންމުކޮށް މެދުވެރިވަނީ:
މޫސުމުގެ ވަކި ދުވަސްވަރުތަކެއްގައި ވާރޭވެހޭ މިންވަރު އާދަޔާޚިލާފަށް މަދުވުމުން.
އާންމުކޮށް ވާރޭ ގެނެސްދޭ މޫސުމީ ނިޒާމުތައް ނެތުމުން ނުވަތަ ބަލިކަށިވުމުން.
އެތައް ހަފްތާއެއް ވަންދެން ޖައްވުގެ ހާލަތު އެއްގޮތަކަށް، ހަނަފަސްކޮށް އޮތުމުން.
ރާއްޖޭގައި ކޯރުތަކާއި މީރުފެނުގެ ބޮޑެތި ކުޅިފާތައް ނެތުމުން، މުޖުތަމަޢުތައް ބަރޯސާވަނީ ވާރޭފެން ރައްކާކުރުމަށާއި ބިމުއަޑީގެ ފެންފަށަލަތަކަށެވެ. ދިގު މުއްދަތަކަށް ވާރޭނުވެހިއްޖެނަމަ ފެން ރައްކާކުރާ ނިޒާމުތަކަށް ފެން ނުލިބި، އަދި ބިމުއަޑީގެ ފެނުގެ ފެންވަރު ދަށްވެގެންދެއެވެ.

ހަނަފަސް ދުވަސްވަރު މޮނިޓަރކޮށް މަޢުލޫމާތު ފޯރުކޮށްދިނުން
މޫސުމާބެހޭ ޤައުމީ އިދާރާއިން ވާރޭވެހޭ މިންވަރާއި މޫސުމީ ބަދަލުތައް މޮނިޓަރކުރެއެވެ. އަދި ދިގު މުއްދަތަކަށް ހަނަފަސްވެދާނެކަން އަންގައިދޭ މޫސުމީ މަޢުލޫމާތާއި، ލަފާކުރުންތަކާއި އަދި ސަމާލުތައް ފޯރުކޮށްދެއެވެ.
ތޫފާންތަކާއި ފެންބޮޑުވުން ފަދަ ކުއްލިއަކަށް ކުރިމަތިވާ ކަންކަމާ ޚިލާފަށް ހަނަފަސްކަމަށް ކުއްލި ސަމާލުތަކެއް ނުނެރެއެވެ. ނަމަވެސް އާންމު މިންގަނޑަށްވުރެ ވާރޭވެހޭ މިންވަރު މަދުކަމާއި ދިގު މުއްދަތަކަށް ހަނަފަސްވެދާނެކަމުގެ މަޢުލޫމާތު ކުރީބައިގައި ލިބުމުން، ކަމާބެހޭ އިދާރާތަކަށާއި މުޖުތަމަޢުތަކަށް ފެން ބޭނުންކުރާނެ ގޮތް ރާވައި، ފެން އިސްރާފުނުކުރުމަށް ދުރާލައި ފިޔަވަޅުތައް އެޅުމަށް އެހީތެރިވެދެއެވެ.
ހަނަފަސް ދުވަސްވަރުގެ ސަބަބުން ކޮށްފާނެ އަސަރުތަކަކީ ކޮބާ؟
ހަނަފަސް ދުވަސްވަރުގެ ސަބަބުން ރާއްޖޭގެ ދިރިއުޅުމުގެ އެތައް ކަމަކަށް އަސަރުކޮށްފާނެއެވެ. އާންމުކޮށް ކުރާ އަސަރުތަކުގެ ތެރޭގައި ހިމެނެނީ:
ގޭބިސީތަކާއި މުޖުތަމަޢުގެ ތާނގީތަކުގައި ވާރޭފެން ހުންނަ މިންވަރު މަދުވުން.
ބިމުއަޑީގެ ފެނަށް ނުވަތަ ލޮނުފެން މީރުކުރާ ނިޒާމުތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، އެ ނިޒާމުތަކަށް ބާރުބޮޑުވުން.
ބިމުއަޑީގެ ފެނުގެ ފެންވަރު ދަށްވުން.
ސާފުތާހިރުވުމަށް ދަތިތަކާ ކުރިމަތިވުން، ޚާއްޞަކޮށް ފެން ބޭނުންކުރާ މިންވަރު މަދުކުރަންޖެހޭ ހާލަތްތަކުގައި.
ދަނޑުވެރިކަމަށާއި ގަސްގަހާގެއްސަށް ގެއްލުންވެ، ގޮވާން ހަލާކުވުން.
ރަށްތައް ކުދިވެފައި ވަސީލަތްތައް މަދުވުމުގެ ސަބަބުން، ދިގު މުއްދަތަކަށް ހަނަފަސްވުމުން މުޅި މުޖުތަމަޢަށް އެއްފަހަރާ އޭގެ އަސަރުކުރެއެވެ.
ފަހަކަށް އައިސް ކުރިމަތިވި ހަނަފަސް ދުވަސްވަރުތަކާއި އޭގެ އަސަރުތައް
ރާއްޖޭގައި ދިގު މުއްދަތަކަށް ހަނަފަސްވުމަކީ، ޚާއްޞަކޮށް ޖަނަވަރީން މާރިޗަށް އަންނަ އިރުވައި މޫސުމުގައި، ހަމައެކަނި މޫސުމަށް އަންނަ ބަދަލަކަށްވުރެ މާ ބޮޑު ކަމެކެވެ. މީގެ ސަބަބުން މީރުފެނުގެ ދަތިކަން ކުރިމަތިވެ މުޖުތަމަޢުތަކަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިލާންޖެހޭ މިންވަރު ދަނީ އިތުރުވަމުންނެވެ. ޚާއްޞަކޮށް ފެން ހޯދުމަށް ވާރޭފެނަށް ބަރޯސާވާ ރަށްރަށުގައެވެ.

ދިގުލައިގެންދާ ހަނަފަސް ދުވަސްވަރުގައި ގިނަ ރަށްރަށުގައި ބޯފެނުގެ ދަތިކަމާ ކުރިމަތިވެއެވެ. މީގެ ސަބަބުން ކުއްލި ހާލަތުގައި ފޯރުކޮށްދޭ ފެނަށް، މިސާލަކަށް ފުޅީގައި ބަންދުކުރި ފެނަށް ބަރޯސާވާންޖެހެއެވެ. ވާރޭވެހޭނެކަމުގެ ޔަޤީންކަން ނެތުމާއި ދިގު މުއްދަތަކަށް ވާރޭނުވެހި ދިއުމުގެ ސަބަބުން ފެނުގެ ދަތިކަން ކުރިމަތިވެ، ވާރޭފެން ލިބޭ މިންވަރު މަދުވެ، އަދި ބިމުއަޑީގެ ފެނަށް ބާރުބޮޑުވެއެވެ. މީގެ ސަބަބުން ދިގު މުއްދަތަކަށް ފެނުގެ ޔަޤީންކަން ކަށަވަރުކުރުމަކީ ބޮޑު ކަންބޮޑުވުމަކަށް ވަނީ ވެފައެވެ. ދިރާސާތަކުން ފާހަގަކުރާގޮތުގައި ވާރޭފެން ލިބޭ މިންވަރު ދަށްވެ، ހަނަފަސް ދުވަސްވަރު ދިގުލައިގެން ދިއުމުން، މަދުން ވެހޭ ވާރޭއިން އެކަށީގެންވާ ވަރަށް ފެން ރައްކާކުރުމަށް ގިނަ ގޭބިސީތަކަށް ދަތިތަކާ ކުރިމަތިލާންޖެހި، އަސާސީ ފެނުގެ ބޭނުންތައް ފުއްދުމަށް ހުރަސްއެޅެއެވެ.
ދިގު މުއްދަތަކަށް ހަނަފަސްވުމުގެ ސަބަބުން އިންސާނުންނަށާއި އިޖުތިމާޢީ ގޮތުންވެސް ފުޅާ ދާއިރާއެއްގައި އަސަރުކުރެއެވެ. ބައެއް ރަށްރަށުގައި ދިގު މުއްދަތަކަށް ވާރޭފެން ތާނގީތައް ހުސްވެފައި ހުންނަކަމަށް ރައްޔިތުން ރިޕޯޓުކުރެއެވެ. މީގެ ސަބަބުން ދުވަހުން ދުވަހަށް ބޭނުންކުރާ ފެނަށް ދަތިވެ، ރައްކާތެރި ފެން ހޯދުމަށް ބޭރުގެ އެހީތެރިކަން ހޯދަންޖެހެއެވެ.
މިކަމުގެ އެންމެ ބޮޑު އަސަރެއް އާންމުގޮތެއްގައި ކުރަނީ އެކަހެރި ރަށްރަށަށާއި ނާޒުކު މުޖުތަމަޢުތަކަށެވެ. އެކަށީގެންވާ ފެނުގެ އުމްރާނީ ވަސީލަތްތައް ނެތުމާއި އެހެން އިޚްތިޔާރުތައް މަދުވުމުގެ ސަބަބުން، ހަނަފަސް ދުވަސްވަރު އެފަރާތްތަކަށް ކުރިމަތިވާ ނުރައްކާ ބޮޑުވެއެވެ.
ހަނަފަސް ދުވަސްވަރެއް ފެށެން އުޅޭކަމުގެ އިންޒާރުދޭ ނިޝާންތައް
ހަނަފަސް ދުވަސްވަރު އާންމުކޮށް އުފެދެނީ ލަސްލަހުންނެވެ. އާންމު އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ:
އެތައް ހަފްތާއެއް ވަންދެން ވަރަށް މަދުން ވާރޭވެހުން ނުވަތަ އެއްގޮތަކަށްވެސް ވާރޭނުވެހުން
ގޭބިސީތަކާއި މުޖުތަމަޢުގެ ފެން ތާނގީތަކުގައި ފެން ހުރި މިންވަރު މަދުވުން
ގަސްތައް ހިކުމާއި ބިމުގައި ތެތްކަން ހުންނަ މިންވަރު ދަށްވުން
މޫސުމީ މަޢުލޫމާތުތައް މޮނިޓަރކުރުމުން ހަނަފަސް ދުވަސްވަރު ފެށޭކަން ކުރީބައިގައި ދެނެގަތުމަށް މުޖުތަމަޢުތަކަށް އެހީތެރިވެދެއެވެ.
ހަނަފަސް ދުވަސްވަރު ތައްޔާރުވެ ތިބުމަށް ކުރެވިދާނެ އަމަލީ ކަންކަން
ކުރީބައިގައި ޒިންމާދާރުކަމާއެކު ފެން މެނޭޖްކުރުމަކީ ހަނަފަސް ދުވަސްވަރުގެ އަސަރުތައް ކުޑަކުރުމަށް އޮތް އެންމެ މުހިންމު ކަމެވެ.
އެހެނިހެން އަރައްކާތަކާ ހުރި ގުޅުން
ހަނަފަސް ދުވަސްވަރުތައް ވަނީ އެހެނިހެން އަރައްކާތަކާ ވަރަށް ބޮޑަށް ގުޅިފައެވެ. އަދި އޭގެ ސަބަބުން އެ ކަންކަން އިތުރަށް ގޯސްވުމަކީ އެކަށީގެންވާ ކަމެކެވެ. މީގެ ތެރޭގައި:
މި ގުޅުންތައް ދެނެގަތުމަކީ، ދިގު މުއްދަތަކަށް ހަނަފަސްވާ ހާލަތްތަކުގައި މާ ކާމިޔާބުކަމާއެކު ކަންކަން ރޭވުމަށް މުޖުތަމަޢުތަކަށް އެހީތެރިވެދޭނެ ކަމެކެވެ.
ކުރީބައިގައި ފިޔަވަޅު އެޅުމާއި ހޭލުންތެރިކަމުގެ ތެރެއިން ހިރާސް ކުޑަކުރުން
ހަނަފަސް ދުވަސްވަރުގެ ސަބަބުން ވަގުތުން ގެއްލުންތަކެއް ނުފެނުނު ކަމުގައިވިޔަސް، ވަގުތު ފާއިތުވަމުންދާ ވަރަކަށް އޭގެ އަސަރުތައް ބޮޑުވަމުންދެއެވެ. ވާރޭފެނަށް ވަރަށް ބޮޑަށް ބަރޯސާވާ ޤައުމެއްގައި، ހިރާސް ކުޑަކުރުމަށްޓަކައި ކުރީބައިގައި ހޭލުންތެރިވުމާއި، ޒިންމާދާރުކަމާއެކު ފެން ބޭނުންކުރުމާއި، އަދި އެންމެން ގުޅިގެން މަސައްކަތްކުރުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.
މޫސުމީ މަޢުލޫމާތު މޮނިޓަރކުރުމާއި، ފެން އިސްރާފުނުކުރުމާއި، އަދި އެކަކު އަނެކަކަށް އެހީތެރިވުމުގެ ތެރެއިން، މުޖުތަމަޢުތަކަށް ހަނަފަސް ދުވަސްވަރުތައް މާ ރަނގަޅަށް މެނޭޖްކުރެވި، ޞިއްޙަތާއި، އާމްދަނީ ހޯދާ ވަސީލަތްތަކާއި، އަދި ޒަރޫރީ ޚިދުމަތްތައް ރައްކާތެރިކުރެވޭނެއެވެ.