ދިވެހިރާއްޖެ ދުވަހެއް ދުވަހަކަށް މިދަނީ ޑިޖިޓަލް ވަމުންނެވެ. ސަރުކާރުގެ ޚިދުމަތްތަކާއި، ބޭންކިންގ އާއި، ޞިއްޙީ ޚިދުމަތްތަކާއި، އަދި އާންމު މުވާސަލާތީ ކަންކަން ދުވަހެއް ދުވަހަކަށް މިދަނީ ގުޅިފައިވާ ނިޒާމުތަކަށާއި ޑިޖިޓަލް ޑޭޓާއަށް ބަރޯސާވަމުންނެވެ. މި ކުރިއެރުމާއެކު ފައިދާތަކެއް ލިބުނު ކަމުގައިވިޔަސް، ބޮޑެތި ނާޒުކުކަންތައްތަކެއްވެސް ކުރިމަތިވެއެވެ. އަޅުގަނޑުމެންގެ ޑިޖިޓަލް ދުނިޔެއާއެކު އަންނަ ހިރާސްތައް ދެނެގަތުމަކީ، އެ މާހައުލުގައި ރައްކާތެރިކަން ކަށަވަރުކުރުމުގެ މުހިންމު ބައެކެވެ.
ޑިޖިޓަލް އަދި ޓެކްނޮލޮޖީގެ އަރައްކާތަކަކީ ކޮބާ؟
ޓެކްނޮލޮޖީގެ އަރައްކާތައް ކަމަށް ބުނެވެނީ، އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައި.ސީ.ޓީ) ގެ އުމްރާނީ ވަސީލަތްތަކާ ގުޅުންހުރި ނުރައްކާތަކަށެވެ. މިއީ ޑޭޓާއާއި މުވާސަލާތީ ވިއުގަތަކުގެ ސިއްރުވެރިކަމާއި، ސައްޙަކަމާއި، އަދި ލިބެން ހުންނަ މިންވަރަށް ކުރިމަތިވާ ނުރައްކާތަކެއްގެ ގޮތުގައި ސިފަކުރެވިދާނެއެވެ. އެހެނިހެން ގިނަ އަރައްކާތަކާ ޚިލާފަށް، މިއީ އިންސާނުންގެ ސަބަބުން ނުވަތަ ނިޒާމީ މައްސަލަތަކުގެ ސަބަބުން ކުރިމަތިވާ ކަންކަމެވެ. މީގެ އަސަރުތައް ފުޅާ ދާއިރާއެއްގައި ފެތުރި، އެއްކަމަކުން އަނެއްކަމަކަށް ގުޅިގެންގޮސް، އަދި އެކަމުގެ ފުރިހަމަ މިންވަރު އަންދާޒާކުރަން ދަތިވެދާނެއެވެ. މީގެ ސަބަބުން އެއްފަހަރާ ވަކިވަކި ފަރުދުންނަށާއި، މުއައްސަސާތަކަށާއި، އަދި ޒަރޫރީ އާންމު ޚިދުމަތްތަކަށް އަސަރުކޮށްފާނެއެވެ.
ގުޅިފައިވާ ޤައުމެއް، އިތުރުވަމުންދާ ނާޒުކުކަން
ދިވެހިރާއްޖެއިން ވަނީ ވަރަށް ހަލުވިކަމާއެކު ޑިޖިޓަލް ބަދަލުތައް ބަލައިގަނެފައެވެ. 2024 ވަނަ އަހަރާ ހަމައަށް، ޤައުމުގައި ގާތްގަނޑަކަށް 782،000 މޮބައިލް ސަބްސްކްރިޕްޝަނާއި 410،000 އަށްވުރެ ގިނަ އިންޓަރނެޓް ސަބްސްކްރިޕްޝަން އޮތެވެ. ދެކުނު އޭޝިއާގައި އެންމެ މަތީ ޓެލެޑެންސިޓީ ރޭޓެއް އޮތީ ރާއްޖޭގައެވެ. އެއީ 148 އިންސައްތައެވެ. ސަރުކާރުގެ ޚިދުމަތްތަކާއި، ޞިއްޙީ ރެކޯޑުތަކާއި، މާލީ ނިޒާމުތަކާއި، އިމިގްރޭޝަން އަދި ޤައުމީ ކާކުކަން އަންގައިދޭ ނިޒާމުތައް ދުވަހެއް ދުވަހަކަށް ބޮޑަށް މެނޭޖްކުރެވެމުންދަނީ ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށެވެ.
މި ގުޅުމަކީ ޙަޤީޤަތުގައިވެސް ބޮޑު ކާމިޔާބީއެކެވެ. ނަމަވެސް މި ކުރިއެރުން އައިސްފައިވަނީ އެކަންކަން ރައްކާތެރިކުރުމަށް ބޭނުންވާ ސެކިއުރިޓީ އޮނިގަނޑުތަކަށްވުރެ މާ ހަލުވި ދުވެލީގައެވެ. ދައުލަތުގެ އަދި އަމިއްލަ ގިނަ މުއައްސަސާތަކުން އޮޕަރޭޓްކުރަނީ ވަކިވަކިން މެނޭޖްކުރެވޭ، ރައްކާތެރިކަން ކަށަވަރުކުރުމުގެ މިންގަނޑުތައް އެއްގޮތް ނޫން، ފަޔަރވޯލްތައް ބަލިކަށި، އަދި ރައްކާތެރިކަމުގެ ފެންވަރު ތަފާތު ނިޒާމުތަކެއްގެ މައްޗަށެވެ. ޑިޖިޓަލް މަކަރާއި ޙީލަތް (ސްކޭމިންގ) ދަނީ އިތުރުވަމުންނެވެ. ސައިބަރ ހާދިސާތަކަކީ އާންމު ކަންކަމެވެ. އަދި ހަމަ އެންމެ ފަހަކާ ޖެހެންދެންވެސް، ރާއްޖޭގައި މިފަދަ ކަންކަމަށް އިޖާބަދިނުން ވިލަރެސްކުރާނެ ޚާއްޞަ ޤައުމީ އިދާރާއެއް ނެތެވެ.
މައިގަނޑު ޑިޖިޓަލް އަދި ޓެކްނޮލޮޖީގެ ހިރާސްތައް
ހިރާސްތަކުގެ ސަބަބުން ކޮށްފާނެ އަސަރުތައް
ޒަރޫރީ ޚިދުމަތްތަކަށް ކުރާ އަސަރު:
ޤައުމީ އައިޑީ ކާޑު ހެދުމާއި، އިމިގްރޭޝަންގެ ކަންކަމާއި، ޞިއްޙީ ރެކޯޑުތަކާއި، ބޭންކިންގ މުޢާމަލާތްތަކާއި، ޕެންޝަން ނިޒާމު ފަދަ ދިވެހިން ކޮންމެ ދުވަހަކު ބަރޯސާވާ ގިނަ ޚިދުމަތްތަކެއް މިހާރު ހިންގަނީ ޑިޖިޓަލް ޕްލެޓްފޯމްތަކުގައެވެ. ސީރިއަސް ސައިބަރ ހަމަލާއެއް ނުވަތަ ޑޭޓާ ގެއްލުމުގެ ހާދިސާއެއްގެ ސަބަބުން މި ޚިދުމަތްތައް އެއްކޮށް ހުއްޓުމަކަށް އައުމަކީ އެކަށީގެންވާ ކަމެކެވެ. ބަލިމީހުންގެ ރެކޯޑުތައް ނުބެލޭ ހޮސްޕިޓަލަކަށް، ނުވަތަ ކާކުކަން ކަށަވަރުނުކުރެވޭ ސަރުކާރުގެ އޮފީހަކަށް، މީގެ ނަތީޖާތައް ހަމައެކަނި އުނދަގުލަކަށްވުރެ މާ ބޮޑުވާނެއެވެ.ޒާތީ މަޢުލޫމާތާއި ޕްރައިވަސީއަށް އޮންނަ ނުރައްކާ:
ޑޭޓާ ލީކުވުމުގެ އަސަރު ހަމައެކަނި ކުރަނީ މުއައްސަސާތަކަކަށް ނޫނެވެ. އޭގެ އަސަރު ސީދާ ވަކިވަކި ފަރުދުންނަށްވެސް ކުރެއެވެ. އައިޑެންޓިޓީ ވަގަށްނެގުމާއި، މާލީ މަކަރާއި ޙީލަތާއި، އަބުރު ގެއްލުމާއި، އަދި ނާޒުކު ޞިއްޙީ ނުވަތަ ޤާނޫނީ މަޢުލޫމާތުތައް ހާމަވުމަކީ ޒާތީ މަޢުލޫމާތު ލީކުވުމުގެ ސަބަބުން ނުކުންނަ ޙަޤީޤީ ނަތީޖާތަކެކެވެ.ޑިޖިޓަލް ނިޒާމުތަކަށް އޮންނަ އިތުބާރަށް ކުރާ އަސަރު:
ޑޭޓާ ލީކުވުމާއި ނިޒާމުތަކަށް ބުރޫއެރުން ފަދަ ކަންކަން ދިމާވެ އެކަންކަމަށް ހައްލެއް ނުލިބޭނަމަ، ޑިޖިޓަލް މުއައްސަސާތަކަށް އާންމުން ކުރާ އިތުބާރު ކުޑަވެއެވެ. އެ އިތުބާރަކީ ކޮންމެހެން މުހިންމު އެއްޗެކެވެ. އެ އިތުބާރު ނެތިއްޖެނަމަ، މީހުން ޑިޖިޓަލް ޚިދުމަތްތައް ބޭނުންކުރުމާ ދުރުހެލިވެ، ޑިޖިޓަލައިޒޭޝަންގެ ފައިދާތައް ކުޑަވެ، އަދި ޤައުމީ ފެންވަރުގައި ގުޅިގެން ފިޔަވަޅު އެޅުމަށް ދަތިވެގެންދެއެވެ.އިޤްތިޞާދީ އަދި އަބުރަށް ލިބޭ ގެއްލުން:
ލީކުވާ ޑޭޓާ ހުއްޓުވުމާއި، ގެއްލޭ ޑޭޓާ އަލުން ހޯދުމާއި، އަދި ބުރޫއަރާ ޚިދުމަތްތައް އަލުން އިޔާދަކުރުމަކީ ޚަރަދުބޮޑު ކަމެކެވެ. ޤާނޫނީ ގޮތުން ކުރިމަތިލާންޖެހޭ ކަންކަމާއި، ޖޫރިމަނާތަކާއި، ބަދަލުދިނުމާއި، އަދި ވިޔަފާރިއާއި ކަސްޓަމަރުން ގެއްލުމުގެ ސަބަބުން މާލީ ގޮތުން ކުރާ އަސަރުތައް އިތުރަށް ބޮޑުވެއެވެ. އަބުރާއި އިތުބާރަށް ވަރަށް ބޮޑަށް ބަރޯސާވާ، ފަތުރުވެރިކަމުގެ މައްޗަށް ބިނާވެފައިވާ އިޤްތިޞާދެއްގައި، ފަތުރުވެރިންގެ ޑޭޓާ ނުވަތަ މާލީ ނިޒާމުތައް ހިމެނޭ ފަދަ ބޮޑު ސައިބަރ ހާދިސާއެއް ހިނގައިފިނަމަ، އޭގެ ސަބަބުން ޤައުމީ ފެންވަރުގައި ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާންޖެހިދާނެއެވެ.
އަމިއްލަ ނަފްސު ރައްކާތެރިކުރުމަށް ފަރުދީ ގޮތުން އެޅިދާނެ ފިޔަވަޅުތައް
އިތުރަށް ދެނެގަތުމަށް
ޤައުމީ ސައިބަރ ސެކިއުރިޓީގެ ހުރިހާ ނުރައްކާތަކާއި ހާދިސާތައް މޮނިޓަރކޮށް އިޖާބަދޭ މައި އިދާރާގެ ގޮތުގައި ނޭޝަނަލް ސައިބަރ ސެކިއުރިޓީ އޭޖެންސީ (އެން.ސީ.އެސް.އޭ) އުފައްދާފައިވަނީ 2024 ވަނަ އަހަރުގެ މާރިޗު މަހުއެވެ. އެ އޭޖެންސީގެ ފުރަތަމަ އަހަރުގެ ތެރޭގައި، 2024-2029 އަށް ނޭޝަނަލް ސައިބަރ ސެކިއުރިޓީ ސްޓްރެޓެޖީ، ނޭޝަނަލް ބޭސްލައިން ސައިބަރ ސެކިއުރިޓީ ފްރޭމްވަރކް، އިންސިޑެންޓް ރެސްޕޮންސް ހޭންޑްބުކް، އަދި ސެކިއުއަރ ސޮފްޓްވެއަރ ޑިވެލޮޕްމަންޓް މޮޑެލްއެއް ވަނީ ޝާއިޢުކޮށްފައެވެ.
ފުރިހަމަ ނޭޝަނަލް ސައިބަރ ސެކިއުރިޓީ ބިލެއް ރައްޔިތުންގެ މަޖިލީހުގެ ފާސްކުރުމުގެ މަރުޙަލާގައި އޮތްއިރު، މި ބިލުގެ ސަބަބުން ދައުލަތުގެ މުއައްސަސާތަކުގައި މިންގަނޑުތައް ތަންފީޒުކުރުމަށް އެން.ސީ.އެސް.އޭ އަށް ރަސްމީ ބާރުތައް ލިބިގެންދާނެއެވެ. ވަގުތުން ވަގުތަށް ނުރައްކާތަކުގެ މަޢުލޫމާތު ފޯރުކޮށްދީ، ހަމަލާތަކަށް އިޖާބަދިނުން ވިލަރެސްކުރުމަށްޓަކައި ނޭޝަނަލް ސައިބަރ ސެކިއުރިޓީ އޮޕަރޭޝަން ސެންޓަރެއް ދަނީ ތަރައްޤީކުރަމުންނެވެ. ގްލޯބަލް ސައިބަރޑްރިލް 2025 ގައި ރާއްޖެއިން ވަނީ ޤައުމީ ފެންވަރުގައި ތަމްސީލުކޮށްފައެވެ. އަދި އިންޓަރނޭޝަނަލް ޓެލެކޮމިއުނިކޭޝަން ޔޫނިއަން (އައި.ޓީ.ޔޫ) އިން ވަނީ ޤައުމީ ސަރޓް (CERT) ތައްޔާރީ ހާލަތަށް ގެނައުމަށް އެހީތެރިވުމަށް ވައުދުވެފައެވެ. ބިންގާ އެޅެމުންދިޔަ ނަމަވެސް، ޑިޖިޓަލް ނުރައްކާތައް ކުރިއަރަމުންދާ ހަލުވިމިނަށް ބަލާއިރު މި މަސައްކަތް ހުއްޓާލެވެން ނެތެވެ.
އަޅުގަނޑުމެންގެ ޑިޖިޓަލް ދިރިއުޅުމަކީ އަގުހުރި އެއްޗެކެވެ. އެކަންކަން ރައްކާތެރިކުރުމަށްވެސް، އަޅުގަނޑުމެންގެ ފިޒިކަލް ސަލާމަތަށް ބަހައްޓާ ފަދަ ހޭލުންތެރިކަމަކާއި ސަމާލުކަމެއް ބޭނުންވެއެވެ. މަޢުލޫމާތު ހޯދައިގެން ތިބޭށެވެ. ސަމާލުވެ ތިބޭށެވެ. އަދި ފެންނަ ކަންކަން ރިޕޯޓުކުރާށެވެ.