އެއްގަމުގެ ދިރުންތައް ނެތިދިއުމަކީ ކޮބާ؟
އެއްގަމުގެ ދިރުންތައް ނެތިދިއުން ކަމަށް ބުނެވެނީ، އެއްގަމުގައިވާ ދިރޭތަކެތީގެ ނަސްލުތައް މަދުވުމާއި ނެތިގެން ދިއުމަށެވެ. މީގެ ތެރޭގައި ހުރިހާ ބާވަތެއްގެ ގަސްގަހާގެއްސާއި، ޖަނަވާރާއި، ލޮލަށް ނުފެންނަ ކުދި ދިރުންތަކާއި، އަދި އައްސޭރިފަށާއި ރަށުތެރޭގެ ގަސްތަކާއި ކުޅި، ފާ އަދި ޗަސްބިންތައް ހިމެނޭހެން އެއްގަމުގެ މާހައުލުތައް ހިމެނެއެވެ.
މިއީ އިންސާނުންގެ އަމަލުތަކުގެ ސަބަބުން ކުއްލިއަކަށް ކުރިމަތިވާ ހުރަސްތަކުން ނުވަތަ މޫސުމަށް އަންނަ ލަސް ބަދަލުތަކުގެ ސަބަބުން ކުރިމަތިވެދާނެ ކަމެކެވެ. މި ދެ ހާލަތުގައިވެސް ނުކުންނަ ނަތީޖާއަކީ އެއްގޮތް ނަތީޖާއެކެވެ. އެތައް ޤަރުނަކުން އުފެދިފައިވާ މާހައުލީ ނިޒާމުތައް ހީނަރުވެ، ގިނަ ފަހަރަށް އަމިއްލަ ޒާތުގައި އަލުން އިޔާދަ ނުކުރެވޭ ހިސާބަށް ދިއުމެވެ.
ރާއްޖޭގެ ރަށްތަކުގެ ދިރުންތައް
ކަނޑުގެ މާހައުލާ އަޅާބަލާއިރު ރާއްޖޭގެ އެއްގަމުގެ ދިރުންތައް މަދު ނަމަވެސް، އޭގެ މުހިންމުކަން ކުޑައެއް ނޫނެވެ. ރާއްޖޭގެ ރަށްތަކުން ގާތްގަނޑަކަށް 583 ބާވަތެއްގެ ގަސްގަހާގެހި ވަނީ ރެކޯޑުކުރެވިފައެވެ. މީގެ ތެރެއިން ގާތްގަނޑަކަށް 260 ބާވަތަކީ ރާއްޖެއަށް އުފަން ނުވަތަ ރާއްޖޭގެ މާހައުލަށް ހޭނިފައިވާ ބާވަތްތަކެވެ. ދުނިޔޭގެ އެހެން އެއްވެސް ތަނަކުން ނުފެންނަ، ހަމައެކަނި ރާއްޖެއަށް ޚާއްޞަ 2 ބާވަތެއްގެ ވާ ރާއްޖޭގައި އުޅެއެވެ. 167 އަށްވުރެ ގިނަ ބާވަތުގެ ދޫނި ރެކޯޑުކުރެވިފައިވާއިރު، މީގެ ތެރޭގައި ރާއްޖެއަށް ޚާއްޞަ 5 ބާވަތެއް ހިމެނެއެވެ. އަދި 103 ބާވަތެއްގެ ދޫންޏަކީ ޤާނޫނީ ގޮތުން ހިމާޔަތްކުރެވިފައިވާ ތަކެއްޗެވެ. މި ދޫނިތަކާއި، ވާއި، ގަސްގަހާގެއްސާއި، އަދި ރަށުތެރޭގައި އުޅޭ ސޫތްޕާއި ފިރުކޭ ޖަނަވާރުތަކަކީ ދިވެހިންގެ ދިރިއުޅުމާ ގުޅިލާމެހި، ހަމަހަމަކަމާއެކު އުފެދިފައިވާ މާހައުލީ ނިޒާމެއްގެ ބަޔެކެވެ.
ނަމަވެސް އެ ހަމަހަމަކަމަށް މިއަދު ވަނީ ބުރޫއަރާފައެވެ. އިންސާނުންގެ އަމަލުތަކުގެ އަސަރު ނުފޯރާ ޤުދުރަތީ އެއްވެސް މާހައުލެއް ރާއްޖޭގައި ނެތްކަމަށް ބުނެވިދާނެއެވެ. އަދި ގިނަ ރަށްރަށުގައި ތަރައްޤީއާއި، އާބާދީ އިތުރުވުމާއި، އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ޕްރެޝަރުގެ ނޭދެވޭ އަސަރު، ބާކީ ހުރި ދިރުންތަކުން ވަރަށް ފާޅުކަންބޮޑު ގޮތެއްގައި ފެންނަން އެބަހުއްޓެވެ.