އުދަބާނި އަކީ ކޮބާ؟
އުދަބާނިތަކަކީ ރާއްޖެއާއި ދުރު ހިސާބުތަކުގައި އުފެދޭ ތޫފާންތަކާއި ބާރުގަދަ ކޮޅިގަނޑުތަކުގެ ނިޒާތަކުގެ ސަބަބުން އުފެދޭ ބާރުގަދަ ބިޔަ ރާޅުތަކެވެ. މި ބާނިތައް ބާރު ދުވެލީގައި މާކަނޑުގައި ދަތުރުކޮށް ރާއްޖެއާއި ހަމައަށް ފޯރައެވެ. ރާއްޖޭގެ މޫސުން ރަގަޅުކަމުގައި ވިޔަސް މިބާނިތަކުގެ ސަބަބުން ބާރުގަދަ އުދައެރުން ކުރިމަތިވެދާނެއެވެ.
އުދަބާނިތަކަކީ ހުޅަނގު މޫސުމުގައި (މެއި މަހުން އޮކްޓޯބަރު މަހަށް) އަދި މޫސުން ބަދަލުވާ ދުވަސްވަރު ރާއްޖެއަށް ކުރިމަތިވާ މައިގަނޑު އެއް އަރައްކާއެވެ. މި ބާނިތަކުގެ ސަބަބުން ފެންބޮޑުވުމާއި، ރަށް ގިރުން ކުރިމަތިވެ ބަނދަރުތަކަށާއި، ޖެޓީތަކަށާއި، ގޮނޑުދޮށުގެ އުމްރާނީ ވަޞީލަތްތަކަށް ގެއްލުންތައް ލިބެއެވެ.

މިއީ އޯގަސްޓް 5، 2023 ވަނަ ދުވަހު ސިނަމާލެ ބުރިޖަށް އުދައަރާ އެއްގަމު އުޅަނދުތަކާއި އާއްމުންނަށް އޭގެ ގެއްލުންތައް ލިބިފައިވާ މަންޒަރު ދައްކުވައިދޭ ފޮޓޮއެއް. (މަސްދަރު ސަން އެމް.ވީ)
އުދަބާނި އުފެދޭ ސަބަބުތައް
ދިވެހިރާއްޖެއަށް އަރާ އުދަބާނިތައް އުފެދޭ މައިގަނޑު ގޮތްތަކަކީ:
ދުރުގައި އުފެދޭ ތޫފާންތައް: އިންޑިއާ ކަނޑުގައި އުފެދޭ ތޫފާންތަކުގެ ސަބަބުން ބާރުގަދަ ބާނިތައް އުފެދި، ބާރު ދުވެލީގައި ރާއްޖެއާ ދިމާއަށް ދަތުރުކުރުން.
މާކަނޑުގައި އުފެދޭ ބާރުވައި: ގިނަދުވަސްތަކަކަށް ދެމިގެންދާ ބާރު ވައި މާކަނޑުގައި އުފެދި ބާރުގަދަ ބިޔަ ބާނީތައް ކަނޑުގައި އުފެދުން.
މޫސުމީ ވައި: ހުޅުގަނގު މޫސުމުގެ ވައިގެ ސަބަބުން ދުރުގައި އުފެދޭ ވިޔަ ބޮޑެތި އުދަބާނިތައް ރާއްޖެއާއި ދިމާލަށް ދަތުރުކުރުން
ބޮޑު ދިޔައިގެ އަސަރު: ހަނދުބޮޑުވާ ދުވަސްވަރު ދިޔަވަރު ބޮޑުވުމާއި އުދަބާނި ރާއްޖެއާއި ދިމާލަށް ދަތުރުކުރާ ދުވަސްވަރާއި ދިމާވެ އުދައެރުން ކުރިމަތިވުން
ރާއްޖޭގެ އާއްމު މޫސުން ރަގަޅުކަމުގައި ވިޔަސް މި އުދަބާނިތަކުގެ އަސަރު ކުރުން އެކަށީގެންވެއެވެ. އެހެންކަމުން ހޭލުންތެރިކަން އިތުރުކުރުމާއި އެކު މޮނިޓަރކުރުމަކީ މުހިއްމުކަމެކެވެ.
އުދަބާނީގެ ރިސްކާއި އަސަރުތައް
އުދަބާނިތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ރަށްތަކަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެއެވެ. އެއީ:
ގޮނޑުދޮށުގައި ފެންބޮޑުވުން: ބޮޑެތި އުދަބާނިތައް ކަނޑުތޮށިތަކުގެ މަތިން އަރައި ރަށުތެރޭގައި ފެންބޮޑުވެ އަދި ގުދުރަތީ ފެން ފަށަލައަށް ލޮނުވަދެ ތަޣައްޔަރު ވެއެވެ.
ރަށް ގިރުން: ތަކުރާރުކޮށް އުދަބާނި އެރުމުގެ ސަބަބުން ގޮނޑުދޮށް ގިރުން އަވަސްވެ، ގޮނޑުދޮށް ހިމާޔަތްކުރުމަށް ބިނާކޮށްފައި ހުރި ތޮށިފަދަ ވަޞީލަތްތަކަށް ގެއްލުން ދެއެވެ.
އުމްރާނީ ވަޞީލަތްތަކަށް ލިބޭ ގެއްލުންވުން: ޖެޓީތަކާއި، ބާނދަރުތަކަށް ގެއްލުންދެއެވެ.
ދަތުރުފަތުރުކުރުމަށް ބުރޫއެރުން: ރަށްރަށުގެ ދެމެދު ކަނޑުދަތުރުފަތުރު ނުރައްކާތެރިވެ، އާއްމުހާލަތަށް ބުރޫއަރައެވެ.
އުދަބާނި އަރާ މޫސުމުގައި ދެކުނު އަތޮޅުތަކަށް އަދި ހުޅަނގު ބިތުގައި ހުރި އަތޮޅުތަކުގެ ރަށްތަކަށް މީގެ ކުރިން އަސަރުކޮށްފައި ވެއެވެ.
އުދަބާނި އާއި ގުޅޭ އެލަރޓްތައް
އުދަބާނި އެރުމުގެ ކުރިން: ތައްޔާރުވުން
މެޓް އޮފީހާއި އެންޑީއެމްއޭ އިން ނެރޭ މޫސުމީ އެންމެ ފަހުގެ މައުލޫމާތުތަކަށް ސަމާލުވުން.
ރަށުގެ ގޮނޑުދޮށާއި ދުރުގައި ހުންނަ ސަލާމަތްތެރި ސަރަޙައްދުތައް ދެނެގަތުން.
ބަނދަރުގައި އަޅާފައި ހުރި ދޯނިފަހަރާއި، ގޮނޑުދޮށުގައި ޕާކުކޮށްފައި ހުރި އެއްގަމު އުޅަނދާއި ހިފާގެންގުޅޭ ސާމާނު ރައްކާތެރި ސަރަޙައްދުތަކަށް ބަދަލުކުރުން
ފެންބޮޑުވުމުގެ އަސަރު ކުޑަކުރުމަށް ޑްރެއިނޭޖް ނިޒާމުތައް ސާފުކުރުން.
ފެންބޮޑުވާ ސަރަޙައްދުތަކުގައި ވެލިބަސްތާ ފަތަތަކެތި ޖައްސާ ފެންނުވަންނޭ ގޮތަށް ގެއްލުންކުޑަކުރުމުގެ ފިޔަވަޅުތައް އެޅުން
އުދަބާނިތަކުގެ އިންޒާރު ދީފައިވާ ވަގުތު ކަނޑުދަތުރުފަތުރު ނުކުރުން.
އާއްމު ހޭލުންތެރިކަން އިތުރުކުރުން
އުދަބާނި އަރާ ވަގުތުގައި: ސަލާމަތްތެރިކަމާއެކު ހުރުން
ގޮނޑުދޮށްތަކާއި، ޖެޓީތަކާއި، ބަނދަރުތަކާއި، ގޮނޑުދޮށުގެ މަގުތައް ބޭނުން ކުރުމުން ދުރުހެލިވުން.
ފެންބޮޑުވެފައިވާ ސަރަޙައްދުތަކައް ގޮސް ލޮނުގަނޑުތެރޭ ހިނގާބިނގާވެ ނޫޅުން
ކޮންމެހެން ކުރަންޖެހޭ ކަނޑުދަތުރުފަތުރު ނޫނީ ނުކުރުން.
ރަތް ސަމާލު ނެރެފައިވާނަމަ ރައްކާތެރި ހިސާބުތަކަށް ނުވަތަ ހިޔާވަހިތަކަށް އަވަހަށް ދިއުން.
އެންޑީއެމްއޭ އަދި ރަށު ކައުންސިލުން ދޫކުރާ މައުލޫމާތުތަކަށް ސަމާލުވެ ތަބާވުން.
އުދަބާނި އަރާ ވަގުތުގައި ދޯނިފަހަރު އަދި ދޯނިފަހަރުގައި ބޭނުންކުރާ ސާމާނު ރައްކާތެރި ސަރަހައްދުތަކަށް ގެންދިއުން.
އުދަބާނި އެރުމަށް ފަހު: ގެއްލުންކުޑަކުރުން އަދި އިޔާދަވުން
• ރަސްމީ އިދާރާތަކުން ހާލަތު ރަގަޅުވެއްޖެކަމަށް އެންގުމުގެ ކުރިން ގޮނޑުދޮށުގެ ސަރަޙައްދުތަކަށް އަލުން ނުދިއުން.
• ލިބުނު ގެއްލުންތައް ރަށު ކައުންސިލްތަކަށް ރިޕޯޓުކުރުން.
• ކުނި ޖަމާވުމާއި ފެން ތަޣައްޔަރުވުމުގެ ސަބަބުން ކުރިމަތިވެދާނެ ސިއްހީ ނުރައްކާތަކަށް ސަމާލުވުން
• ގޮނޑުދޮށް ރައްކާތެރިކުރުމަށް ގަސްތައް އަލުން އިންދުން.
• އާއްމު ޙާލަތަށް އިޔާދަވުމަށް ރަށުފެންވަރުގައި ކުރާ މަސައްކަތްތަކުގައި ބައިވެރިވުން.
ތައްޔާރުކަން އިތުރުކުރުކޮށް ރައްކާތެރިކަން ކަށަވަރުކުރުން
މޫސުން ރަގަޅު ދުވަސްވަރުގައި ވެސް އުދަބާނިތަކުގެ އަސަރު ކުއްލިއަކަށްވެސް ކޮށްފާނެއެވެ. ގެއްލުންކުޑަކުރުމަށް ދުރާލާ ފިޔަވަޅުތައް އެޅުމާއި، އާއްމު ހޭލުންތެެރިކަން އިތުރުކުރުމާއި ތައްޔާރުކަން އިތުރުކުރުމުން ވިލުންތެރި މުޖުތަމަޢުތަކެއް ބިނާކުރެވިދާނެއެވެ.