ވާރޭވެހިގެން ފެންބޮޑުވުމަކީ ކޮބާ؟
ވާރޭވެހިގެން ފެންބޮޑުވަނީ، ފެން ހިންދާ ނިޒާމުތަކަށް ބަރުދާސްތު ކުރެވޭ މިންވަރަށް ވުރެ ބޯކޮށް ވާރޭވެހުމުގެ ސަބަބުންނެވެ. ފެން ބިމުގެ ސަތަހައިގައި ހިފެހެއްޓި، ބިމަށް ހިނދުމުގެ ކުރިން ނުވަތަ ޑްރެއިނޭޖް ނިޒާމުތަކާއި ހަމައަށް ވާސިލުވުމުގެ ކުރިން މަގުތަކާއި، ގޯތިތަކާއި، ހުސްތަންތަނުގައި ފެންގަނޑު ނުހިނދި ހަރުލުމުގެ ސަބަބުން ފެންބޮޑުވުމާއި ކުރިމައިވެއެވެ.
ރާއްޖެއަކީ ވަށައިގެން ކަނޑު އޮންނަ ބިންތިރި ޤައުމެއް ކަމުން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ބޯކޮށް ވާރޭވެހުނަސް ފެންބޮޑުވުމުގެ ހާދިސާތައް ހިނގައެވެ. ރާއްޖޭގައި ރަށްތަކުގައި އެހާ އަވަހަށް ފެންބޮޑުވަނީ ބޮޑު ދިޔައިގެ ވަގުތުތަކުގަޔާއި ފެންފަށަލައިގައި ތިލަކޮށް ފެންހުންނަ ވަގުތުތަކުގަޔާއި އަދި ފެންހިންދާ ކާނުތައް ފުރިފައިވާ ހާލަތުގައި ފެންހިނދޭނެ އިތުރު ގޮތެއް ނެތީމައެވެ. މިފަދަ ހާލަތްތަކުގައި ގޭގޭގެ ތެރޭގަޔާއި، ގޯތިތެރެޔާއި، މަގުތަކާއި، އުމްރާނީ ވަޞީލަތްތަކުގަޔާއި ހުސްބިންތަކުގައި ފެންބޮޑުވެ ގިނަވަގުތު ތަކަކަށް ފެންގަނޑު ނުހިނދު ހަރުލާފައި ހުރެއެވެ.
ރާއްޖޭގައި އެންމެ އާންމުކޮށް ފެންބޮޑުވަނީ ވާރޭވެހިގެންނެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ބޯކޮށް ވާރޭވެހުން އިތުރުވަމުންދާ މި ދުވަސްވަރު، ފެންބޮޑުވުމުގެ ސަބަބުން މީހުންނަށާއި، ގޭބިސީތަކަށާއި، ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތައް ލިބެއެވެ.

ހޯރަފުށީގައި ވާރޭވެހިގެން ފެންބޮޑުވެފައިވާ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް.
ރާއްޖޭގައި ވާރޭވެހިގެން ފެންބޮޑުވަނީ ކީއްވެ؟
ގިނަ ސަބަބުތަކެއް އެކުވެ ފެންބޮޑުވުމުގެ ސަބަބުން ރާއްޖޭގައި ފެންބޮޑުވުމުގެ ރިސްކު ބޮޑުވެއެވެ. ފެންބޮޑުވާން ދިމާވާ ސަބަބު ތަކަކީ:
މޫސުމީ ބަދަލުތަކާއި ހެދި ވާރޭ ވެހޭމިންވަރު އިތުރުވެ ފެންހިންދާ ނިޒާމުތަކައް ބަރުދާސްތުކުރެވޭ ވަރަށް ވުރެ ބޯކޮށް ވާރޭ ވެހުން.
ރަށްތަކުގެ ބިމުގެ ހާލަތު ގޯސްވުމުގެ ސަބަބުން. މިގޮތުން ގަދަ ހޫނާއި ހަނަފަސްކަމުގެ ދުވަސްވަރު ބިންގަނޑު ހަރުވުމުގެ ސަބަބުންނާއި ބިންތިރި ހިސާބުތަކުގައި ފެންގަނޑު ޖަމާވެ ހަރުލުން.
ފެންހިންދާ ނިޒާމުތަކުގެ ހާލަތު ދަށްވުން: ގިނަ ރަށްރަށުގައި ފެންހިންދުމަށް ޑްރޭންއޭޖުތަކާއި ކާނުތައް ހަނދާފައި ހުންނަނީ ހާމަތަންތާގައެވެ. މިތަންތަނަށް ކުނި، ވެލި، ނުވަތަ ގަސްގަހުގެ މޫތައް ޖަމާވެ ފަސޭހައިން ބެދެ(ބުލޮކް)އެވެ.
މަގުހެދުމާއި ތާރު އެޅުމުގެ ސަބަބުން މަގުތަކަށް ވެހޭފެން ނުހިނދި ހަރުލުން
ބިންތިރި ސަރަޙައްދުތަކަށް ފެން ޖަމާވެ ހަރުލުން. ބައެއް ރަށްރަށަކީ ރަށުގެ މެދު ތެރިއަށް ތިރި އަދި ގޮނޑުދޮށް ސަރަޙައްދުތައް އުސް ރަށްތަކަކަށް ވުމުން ރަށުތެރެއަށް ވެހޭފެން މޫދަށް ނުފައިބާ ރަށުތެރޭ ފެންބޮޑުވުން.
ބޮޑުދިޔައިގެ ދުވަސްވަރު ފެންހިނދާ ނިޒާމުތަކުގެ އައުޓްފުލޯއިން ފެންބޭރުނުވެ ރަށުތެރެއަށް ފެންގަނޑު ދެމުން.
މި ހުރިހާ ސަބަބުތަކެއް އެއްކޮށް ދިމާވެއްޖެނަމަ، ބޯކޮށް ވާރޭނުވެހުނަސް، ގިނަ ރަށްރަށުގައި ފެންބޮޑުވުމުގެ ހާލަތްތައް މެދުވެރިވެއެވެ.
ފެންބޮޑުވުމާއި ގުޅޭ އެލަރޓްތަކާއި އިންޒާރުތައް
މޯލްޑިވްސް މީޓިއަރޮލޮޖިކަލް ސާރވިސް (މެޓް އޮފީސް) އިން ވާރޭވެހޭ މިންވަރާއި، އެއާ ގުޅިގެން ކުރާނެ އަސަރުތަކަށް ބަލައި ފެންބޮޑުވުމާއި ގުޅޭ އެލަރޓްތައް ނެރެއެވެ.
ފެންބޮޑުވެދާނެ ކަމުގެ ނިޝާންތައް
ވާރޭވެހިގެން ފެންބޮޑުވުމުގެ ކުރިން ފެންބޮޑުވެދާނެ ކަމުގެ ނިޝާންތައް ފެންނަން ފަށާނެއެވެ. އެއީ
ގިނައިރުތަކެއް ވަންދެން ބޯކޮށް ވާރޭވެހުން
ގޭގާއި، ޑްރެއިންތަކުގެ ކައިރީގައި ނުވަތަ މަގުތަކުގައި ފެންބޮޑުވާން ފެށުން
ޑްރޭންތަކާއި ކާނުތައް ފުރިގެން ފެންގަނޑު ބޭރުވާން(އޯވަރ ފްލޯ) ފެށުން
ފެންވަޅުތަކުގަޔާއި، ހުސްބިންތަކުގައި ހަރުލާފައި ހުރި ފެންގަނޑު ބޮޑުވުން
މިފަދަ ނިޝާންތައް ފެންނަން ފާށައިފިނަމަ ގެއްލުން ކުޑަކުރުމަށް އަވަހަށް ފިޔަވަޅު އަޅައި ރައްކާތެރިކަން ކަށަވަރުކުރުން މުހިއްމެވެ.
ފެންބޮޑުވުމުގެ ސަބަބުން ލިބޭ ގެއްލުންތައް ކިޔާދޭ ވީޑިއޯއެއް.
ފެންބޮޑުވުމުގެ ކުރިން: ތައްޔާރުވުން
ޑްރެއިންތަކާއި ކާނުތައް ގަވައިދުން ސާފުކުރުން. ގޭބިސީތަކުގަޔާއ ރަށުގެ ފެން ހިންދުމަށް ހަދާފައި ހުރި ނިޒާމުތަކަށް ވެލި، ގަސްގަހުގެ ފަތް، މޫ އަދި ކުނި އެޅި ބެދުމުގެ ކުރިން ސާފުކޮށް ބެލެހެއްޓުން.
ގެއަށް ފެންނާނެ ކަމަށް ލަފާކުރެވޭނަމަ ވެލިބަސްތާފަދަ އެއްޗެއް ޖައްސައި ފެންނުވަންނޭނެ ފަދަ ފިޔަވަޅުތައް އެޅުން
ފެންޖެހި ހަލާކުވާފަދަ ހިފާގެންގުޅޭ ސާމާނާއި އިލެކްޓްރޯނިކް ސާމާނު ފެންނުޖެހޭނެ ފަދަ ތަނަކަށް ބަދަލުކުރުން
ގޭތެރެއަށް ފެން ވަދެއްޖެނަމަ ކަރަންޓު ސާމާނުތައް ނިއްވާލުން
ގެ އިންޝުއަރ ކުރުން. އަދި އިންޝުއަރެންސުން ފެންބޮޑުވެގެން ލިބޭ ގެއްލުންތައް ކަވަރުކުރޭތޯ ޔަޤީންކުރުން
ސަރުކާރުގެ ރަސްމީ އިރުޝާދުތަކާއި ކަމާބެހޭ ފަރާތްތަކުން ދޫކުރާ އެލަރޓްތަކަށް ތަބާވުން

މާލެސިޓީ ކައުންސިލުގެ ފަރާތުން މާލޭގެ މަގުތަކުގެ ކާނުތައް ސާފުކުރަމުންދާ ތަނުގެ ފޮޓޯއެއް. (މަސްދަރު: މާލެ ސިޓީ ކައުންސިލު)
ފެންބޮޑުވެއްޖަނަމަ: ސަލާމަތްތެރިކަމާއެކު ހުރުން
ގަދަވައި ޖެހި ބޯވާރޭ ވެހެން ފަށައިފިނަމަ:
ސަރުކާރުގެ ރަސްމީ އިދާރާތަކުން ނެރޭ އަދާހަމަ އިރުޝާދުތަކަށް އަމަލުކުރުން
ފެންގަނޑުތެރޭ ހިނގުމާއި، ދުއްވުމުން ދުރުހެލިވުން
ފެންގަނޑުތެރޭ ހިނގަންޖެހިއްޖެނަމަ ގަންބޫޓު ފަދަ ވޯޓަރ ޕްރޫފް ބޫޓެއް ބޭނުންކުރުން
ގޭތެރޭ ފެންބޮޑުވެއްޖެނަމަ ހިފާގެންގުޅޭ ސާމާނާއި އިލެކްޓްރޯނިކް ސާމާނުތައް ފެނުން ރައްކާތެރި ކުރުމަށް އެޅޭނެ ފިޔަވަޅުތައް އެޅުން
ދިރިއުޅޭ ތަން ދޫކޮށް ދާންޖެހި ދާނެ ހާލަތަކަށް ތައްޔާރުވުން.
ރިސޯޓުތަކުން ފަތުރުވެރިންނަށް ޚާއްސަ އިރުޝާދުތަކެއް ދޭނެއެވެ. ސްޓާފުންގެ އިރުޝާދުތަކަށް އަވަހަށް ތަބާވުމާއި، ފެންބޮޑުވެފައިވާ ސަރަޙައްދުތަކާއި، ގޮނޑުދޮށުގެ މަގުތަކުން ދުރުހެލިވުން މުހިއްމެވެ.
ފެންބޮޑުވުމުގެ ފަހުން: ސަލާމަތްތެރިކަމާއެކު ސާފުކުރުން
ފެންބޮޑުވެ ނިމުމުން އަންނިވި ކަންކަމަށް އިސްކަންދޭންވާނެއެވެ. އެއީ:
ރަސްމީ އިދާރާތަކުން އިތުރު ނުރައްކަލެއް ނެތްކަމަށް ބަޔާންކޮށް ހާލަތު ރަގަޅުވެއްޖެކަމަށް ބުނަންދެން މަނޑުކުރުން.
ޖިސްމާނީ ނުރައްކަލެއް ކުރިމަތިވާ ނުރައްކަލެއް ނެތްކަން ކަށަވަރުކުރުން. މީގެ ތެރޭގައި ކަނޑައިގެން ގޮސްފައި ހުރި ކަރަންޓު ވަޔަރާއި، ތެޅިފައި ހުރި ބިއްލޫރު ފަދަ ތަކެތި ނެތްކަން ޔަޤީންކުރުން.
ފެނުގެ އަސަރުކުރު ތަންތަން ސާފުކޮށް ޑިސްއިންފެކްޓްކުރުން
ސާފުކުރާއިރު އަންގި އަދި މާސްކުފަދަ ރައްކާތެރިކަން ކަށަވަރުކުރާ އާލާތްތައް ބޭނުންކުރުން.
ފެންޖެހި ހަލާކުވެފައިވާ ކާބޯތަކެއްޗާއި ކުނިވާޒާތުގެ ތަކެތި ރައްކާތެރިކަމާއި އެކު އުކާލުން.
ލިބުނު ގެއްލުންތައް ރަށު ކައުންސިލަށް ނުވަތަ އެންޑީއެމްއޭ އަށް ރިޕޯޓުކުރުން.
ފެންބޮޑުވުމުގެ ސަބަބުން ލިބޭ ގެއްލުންތައް ދުރާލާ ކުޑަކުރުން
ޑްރޭންތަކާއި މަގުތަކުގެ ކާނުތައް ސާފުކޮށް ބެލެހެއްޓުން
ބިންތިރި ސަރަހައްދެއްގައި ގެވަޅު ހުރިނަމަ ބިންގަނޑަށް ވުރެ އުސްކޮށް އިމާރާތް ކުރުމަށް ރޭވުން
ފެންހިނދުމަށް އެހީވެދޭ ގަސްގަހާގެހި އިންދައި ބެލެހެއްޓުން
އައު ބިނާތައް އަޅާއިރު ފެންޖަމާވެ ހިނދޭހުސް ޖާގަ ހުންނާނެ ގޮތަށް ޑިޒައިން ކުރުން
ޑްރޭންއޭޖުތައް ބެލެހެއްޓުމުންނާއި، ގެއްލުން ކުޑަކުރެވޭ ގޮތަށް ބިނާވެށި އަދި ތަރައްޤީގެ މަޝްރޫއުތައް ހިންގުމުން މުޖުތަމަޢުގެ ވިލުންތެރިކަން އިތުރުކުރެވޭނެއެވެ.
ތައްޔާރުކަން އިތުރުކުރުކޮށް ރައްކާތެރިކަން ކަށަވަރުކުރުން
ބިންތިރި ރަށްތަކުގައި ވާރޭވެހިގެން ފެންބޮޑުވުމަކީ ގުދުރަތީކަމެކެވެ. އެހެންނަމަވެސް، ފެންބޮޑުވުމުގެ ސަބަބުން ލިބޭ ގެއްލުންތައް ދުރާލާ ކުޑަކުރެވިދާނެއެވެ. ވިލުންތެރިކަން އިތުރުކުރެވޭނީ މަތީގައިވާ ފަދަ ފުޔަވަޅުތައް ރޭވުންތެރިކަމާއި އެކު ތަންފީޒުކުރެވިގެންނެވެ.