ރަށް ގިރުމަކީ ކޮބާ؟
ރަށްގިރުމަކީ ރާޅާއި، އޮއިގެ ސަބަބުން ގޮނޑުދޮށުގެ ސަރަޙައްދުތަކުގެ ބިން މަޑުމަޑުން ގިރައިގެންދިއުން ނުވަތަ ބިން ގެއްލުމެވެ. ދިވެހިރާއްޖޭގައި، ރަށްތައް އުފެދިފައިވަނީ ނާޒުކު މުރަކަ ވެލިން ކަމަށްވާތީ އާއި ރާއްޖޭގެ ރަށް ތަށް ކަނޑުގެ ސަތަހައާ އެއް މީޓަރަށް ވުރެ ކުޑަކޮށް މަތީގައި އޮންނާތީ، ރަށްގިރުމުގެ ސަބަބުން ގެތަކަށާއި، ފަރުތަކަށާއި، މުހިންމު އުމްރާނީ ވަޞީލަތްތަކަށް ނުރައްކާ ކުރެއެވެ.
ގޮނޑުދޮށަށް އަންނަ ބަދަލަކީ ތަބީއީ ކަމެކެވެ. އެހެންނަމަވެސް ފެންވަރުދަށްކޮށް ރާވާފައިވާ ބިނާވެށި ތަރައްޤީގެ މަޝްރޫޢުތަކާއި، ގަސްގަހާގެހި ކެނޑުމާއި، ޤަވާއިދާ ޚިލާފަށް ބިން ހިއްކުން އަދި ގޮނޑުދޮށުން ވެލި ނެގުން ފަދަ އިންސާނީ ހަރަކާތްތަކުގެ ސަބަބުން ރަށްގިރާ މިންވަރު އަވަސްކުރުވައެވެ. ކަނޑުގެ ސަތަހަ އުފުލި، އުދަ ބާނީތަކުގެ ބާރުގަދަވުމާއެކު، ރަށްގިރުމުގެ ސަބަބުން ބިން ދާއިމީކޮށް ގެއްލި، މުޖުތަމަޢުތަކުގެ ރަށްވެހިކަން ގެއްލި އެހެން ތާކަށް ހިޖުރަކުރަން ޖެހިދާނެއެވެ.

ރާއްޖޭގެ ރަށެއްގެ ގޮޑުދޮށް ގިރާފައިވާ ފޮޓޮއެއް. ގަސްތަކުގެ މުލާއި ވެއްޓިފައިވާ ރުއްތަކުގެ ސަބަބުން ގޮނޑުދޮށް ގިރައިގެން ގޮސްފައިވާ މިންވަރު ދައްކުވައިދޭ. (މަސްދަރު: މޯލްޑިވްސް ފައިނޭންޝަލް ރިވިއު)
ރަށް ގިރުމުގެ ސަބަބުތައް
ދިވެހިރާއްޖޭގައި ރަށްގިރުމާއި ގޮނޑުދޮށަށް އަންނަ ބަދަލުތަކަށް ޤުދުރަތީ އަދި އިންސާނުންގެ ފުށުން ކުރިމަތިވާ ކަންކަމުގެ އަސަރު ކުރެއެވެ. އެއީ:
ރާޅާއި އޮއިގެ ހަރަކާތް: ހުއްޓާނުލާ ރާޅު ބިންދުމާއި ގޮނޑުދޮށާއި ރާއްޖެއަށް ދުރަށްދަތުރުކުރާ އޮއިގެ ސަބަބުން ފަރުތަކުގައި އުފެދޭ ވެއްޔާއި ކުނޑި ރާއްޖެއާއި ދުރަށް ގެންދެއެވެ.
ކަނޑުގެ ސަތަހަ(ލޮނުގަނޑު) އުފުލުން: ކަނޑުގެ ސަތަހަ މަޑުމަޑުން އުފުލުމުގެ ސަބަބުން ފެންބޮޑުވުން ހާދިސާތައް އިތުރުވެ، ރާޅުގެ އަސަރުތައް ބޮޑުކުރުވައެވެ.
އުދަ ބާނި އަދި ތޫފާނު ނުވަތަ ކޮޅިގަނޑުގެ ސަބަބުން އަރާ އުދަ: ދުރުގައި ނުވަތަ ކައިރީގައި އުފެދޭ ތޫފާންތަކުގެ ސަބަބުން އުފެދޭ ބާރުގަދަ އުދަބާނިތަކުގެ ސަބަބުން ރަށްގިރުން އަވަސްކުރުވައެވެ.
ގޮނޑުދޮށުގެ ގަސްގަހާގެހި ގެއްލުން: ގޮނޑުދޮށުގައި ހުންނަ ގަސްކެޑުމާއި ކުޅިތަކަށް ގެއްލުންދިނުމުގެ ސަބަބުން ރަށްގިރުމުން ރައްކާތެރިކޮށްދޭ ޤުދުރަތީ ދިފާޢުތައް ނައްތާލައެވެ.
އިންސާނީ ހަރަކާތްތައް: ބިން ހިއްކުން، ބަނދަރު ހެދުން، އަދި ރަނގަޅަށް ނުރާވާއި ތޮށިލުމުގެ ސަބަބުން ޤުދުރަތީ ގޮތުން ވެލި ދައުރުވާގޮތް ބަދަލުކޮށް ރަށްގިރުން އިތުރުކުރެއެވެ.
ރަށްގިރުމުގެ ސަބަބުން ކުރިމަތިވާ ރިސްކުތައް
ރަށްގިރުމަކީ ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ގެއްލުންވާ ތިމާވެށީގެ އަރައްކާތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަދި މީހުން ދިރިއުޅޭ ރަށްތަކަށާއި ރިޒޯޓްތަކަށް ވެސް އަސަރުކުރެއެވެ.
ރަށްގިރުމުގެ ސަބަބުން ކުރާ މައިގަނޑު އަސަރުތަކުގެ ތެރޭގައި ހިމެނެނީ:
• ބިން ގެއްލުން: ބޭނުންކުރެވޭ ބިން ދާއިމީކޮށް މަދުވުމުގެ ސަބަބުން ގެތަކަށާއި މުޖުތަމަޢުގެ ވަޞީލަތްތަކަށް ނުރައްކާވުން.
• އުމްރާނީ ވަޞީލަތްތަކަށް ގެއްލުން: ރަށްގިރުމުގެ ސަބަބުން ގޮނޑުދޮށް ރައްކާތެރިކުރުމަށް ލާފައި ހުރި ތޮއްޓަށާއި، ޖެޓީތަކަށާއި، ބަނދަރުތަކަށާއި، މަގުތަކަށް ގެއްލުންލިބުން.
• ގަސްގަހާގެއްސާއި ހަޔާވީސިންދުފާތު ނެތިދިއުން: ގޮނޑުދޮށް ހިފަހައްޓާ ކުޅިތަކާއި ގޮނޑުދޮށުގެ ގަސްގަހާގެއްސަށް ގެއްލުންވުން.
• ބިންގެއްލުމުގެ ސަބަބުން ބޯހިޔާވަހިކަން ގެއްލުން: އައްސޭރިފަށުގައި ނުވަތަ އައްސޭރިފަށާއި ގާތުގައި ހުންނަ ގެތަކަށް އަސަރުކުރުމުގެ ސަބަބުން ބޯހިޔާ ވަހިކަން ގެއްލި އެހެންތާކަށް ނުވަތަ އެހެން ރަށަކަށް ހިޖުރަކުރަން ޖެހުން
• ފަތުރުވެރިކަމާއި އިޤްތިޞާދީ އަސަރު: ގޮނޑުދޮއްތައް ގެއްލުމުގެ ސަބަބުން ފަތުރުވެރިކަމުގެ އަގު ދަށްވެ، ރަށްރަށުގެ ގުދުރަތީ ރީތިކަމަށް އަސަރުކުރުން.
ދިވެހިރާއްޖޭގެ ތިންވަނަ ގައުމީ "ޑިޓަރމިންޑް ކޮންޓްރިބިއުޝަން" ގައި ރަށްގިރުމާއި އޭގެ ސަބަބުން ގޮނޑުދޮށުގައި ހުންނަ ގަސްގަހާގެއްސަށް ލިބޭ ގެއްލުން ހިމެނެނީ މޫސުމީ ބަދަލުތަކާ ގުޅިގެން ކުރިމަތިވާ މައިގަނޑު މައްސަލަތަކުގެ ތެރޭގައި ކަމަށް ފާހަގަކުރެއެވެ. އެކަމަށް ގުދުރަތީ ވެއްޓާއި ލާމެހިފައިވާ ހައްލު(ނޭޗަރ ބޭސްޑް ސޮލިއުޝަން)ތަކާއި އިންޖިނިއަރިންގ ހައްލުތައް ބޭނުންވާނެކަމަށް ވެއެވެ.
ރަށްގިރުމުގެ އަރައްކާއާއި ގުޅުންހުރި އެލަރޓްތައް
ރަށްގިރުމާ ގުޅޭ ރަސްމީ އެލަރޓްތައް ޤާއިމުކުރެވިފައެއް އަދި ނެތެވެ. އެހެންނަމަވެސް ރަށްގިރުން މޮނިޓަރކުރުމަކީ ރާއްޖޭގެ ތިމާވެށި ބެލެހެއްޓުމުގެ މުހިންމު ބައެކެވެ. މޯލްޑިވްސް މީޓިއަރޮލޮޖިކަލް ސާރވިސް (މެޓް އޮފީސް) އާއި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވައިރޮންމަންޓް އިން ގޮނޑުދޮށަށް އަންނަ ބަދަލުތައް މޮނިޓަރކުރެއެވެ. އަދި އާދަޔާ ޚިލާފު އުދަ ބާނި، އުދައެރުން ނުވަތަ ބޮޑު ރާޅުތަކުގެ ސަބަބުން ރަށްގިރުމުގެ ނުރައްކާ އިތުރުވާނެ ކަމަށް ލަފާކުރެވޭނަމަ ރައްކާތެރިކަމުގެ އިރުޝާދުތައް ނެރެއެވެ.
ރަށް ގިރުން ކުޑަކުރުމަށް: ތައްޔާރުވުން
ރަށްގިރާ އަދި ބިންގަނޑު ރައްކާތެރި ނޫން ސަރަޙައްދުތަކުގައި އިމާރާތް ކުރުން، ބިން ހިއްކުން، ނުވަތަ ވެލި ނެގުން ފަދަ ކަންކަމުން ދުރުހެލިވުން.
ކުޅިތަކާއި ގޮނޑުދޮށުގައި ހެދޭ ގަސްގަހާގެހި ހިމާޔަތް ކޮށް، އަލުން ހައްދައި ބެލެހެއްޓުން.
ރަށުފެންވަރުގައި ގަސްގަހާގެހި އަލުން އިންދުމުގެ ޕްރޮގްރާމްތައް ރާވައި ގުދުރަތީ ވެއްޓާއި ލާމެހިފައިވާ ހައްލު(ނޭޗަރ ބޭސްޑް ސޮލިއުޝަން)ތައް ތަންފީޒުކުރުމަށް އެއްބާރުލުން ދިނުން.
ކައުންސިލްތަކާއި ނުވަތަ މުޖުތަމަޢުގެ ގްރޫޕްތައް ބައިވެރިކޮށްގެން ރަށްގިރުން މޮނިޓަރކުރުމުގެ މަސައްކަތްތައް ކުރުން
ރަށްގިރުމުގެ ސަބަބުން ކުރިމަތިވާ ރިސްކުތައް ކުޑަކުރާނެ ގޮތްތައް ރަށުގެ ތަރައްޤީގެ ޕްލޭންތަކާއި ބިން ބޭނުންކުރުމުގެ ޕްލޭންތަކުގައި ހިމެނުން.
ރަށްގިރުން ނުވަތަ ފެންބޮޑުވުމުގެ ހާލަތުގައި: ސަލާމަތްތެރިކަމާއެކު ހުރުން
ގިރާފައިވާ ނުވަތަ ކަނޑައިގެން ގޮސް ވެއްޓެން ކައިރިވެފައިވާ ގޮނޑުދޮށްތަކުން ދުރުހެލިވުން.
ގިރާފައިވާ ޖެޓީތަކާއި ގޮނޑުދޮށުގެ މަގުތައް ބޭނުންނުކުރުން.
އުޅަނދުފަހަރާއި އެހެނިހެން ތަކެތި ސަލާމަތްތެރި ސަރަޙައްދުތަކަށް ބަދަލުކުރުން.
އުދަ ބާނި އަދި ތޫފާނު ނުވަތަ ކޮޅިގަނޑުގެ ސަބަބުން އުދަ އެރުމުގެ އެލަރޓްތައް ނެރެފައިވާ ވަގުތުތަކުގައި ކައުންސިލާއި އެންޑީއެމްއޭ އިން ދޫކުރާ އިރުޝާދުތަކަށް ތަބާވުން.
ރަށް ގިރުމުގެ ހާދިސާއަށްފަހު: އިޔާދަވުން
ގިރާފައިވާ ސަރަހައްދުތަކުގައި ރާއްޖޭގައި ގުދުރަތީގޮތުން ހެދޭ ގަސްގަހާގެހި އަލުން ހައްދައި، ވެލި ކަނޑައިގެން ނުދާނެގޮތަށް ހިފެހެއްޓުން.
ގުދުރަތީ ދިފާއީ ނިޒާމުގެ ތެރޭގައި ހިމެނޭ ކުޅިފަދަ ގުދުރަތީ ވަޞީލަތްތައް ސަލާމަތްކުރުމަށް ރަށުފެންވަރުގައި ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވުން.
ރަށްގިރުން އިތުރަށް ގޯސްވާނަމަ ކަމާބެހޭ އިދާރާތަކަށް ރިޕޯޓުކޮށް، މޮނިޓަރކުރުމުގެ ޕްރޮގްރާމްތަކުގައި ބައިވެރިވުން.
ރަށްގިރުމުގެ އަސަރުތައް ދުރާލާ ކުޑަކުރުމަށް ގްރީން ޒޯނިންގ ސިޔާސަތުތައް އެކުލަވާލާ ތަންފީޒުކުރުން.
ތައްޔާރުކަން އިތުރުކޮށް، އަޅުގަނޑުމެންގެ ގޮނޑުދޮށް ރައްކާތެރިކުރުން
ދިވެހިރާއްޖޭގައި ގޮނޑުދޮށުގެ ކޮންމެ މީޓަރެއް ވެސް މުހިންމެވެ. ގަސްގަހާގެހި ރައްކާތެރިކުރުމާއި، ގުދުރަތީ ގޮތުން ހުރި ކުޅިފަދަ ދިފާޢީ ވަޞީލަތްތައް ހިމާޔަތްކުރުމާއި، އަދި ޒިންމާދާރު ކަމާއިއެކު ހިރާސްކުޑަކުރެވޭ ގޮތަށް ތަރައްޤީގެ މަޝްރޫޢުތައް ރޭވުމަކީ އަޅުގަނޑުމެންގެ ރަށްތައް ވިލުންތެރިކަން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެކެވެ.